ލެމާ ރަސްމީކޮށް އެތްލެޓިކޯއަށް ބަދަލުވެއްޖެ

Advertisement

ލެމާ ރަސްމީކޮށް އެތްލެޓިކޯއަށް ބަދަލުވެއްޖެ

ޢަލީ ޝަހީމް

ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުން ޝައުގުވެރިވި ފްރާންސްގެ ތޯމަސް ލެމާ ސްޕޭންގެ އެތްލެޓިކޯ މެޑްރިޑަށް ރަސްމީކޮށް ބަދަލުވެއްޖެ އެވެ. އެތްލެޓިކޯ މެޑްރިޑާއެކު ލެމާ އެއްބަސްވުމަކަށް އައިސްފައިވަނީ ނިމުނު ވޯލްޑް ކަޕް ތެރޭގައެވެ. ނަމަވެސް ރަސްމީކޮށް އެއްވެސް ކްލަބަކުން ލެމާ ބަދަލުވުމުގެ ކަންކަން އޭރު ނިންމާފައެއް ނުވެއެވެ.
އުމުރުން 22 އަހަރުގެ ލެމާ ހޯދުމަށް މިދިޔަ ސީޒަނުގައި އިނގިރޭސިވިލާތުގެ އާސެނަލާއި ލިވަޕޫލުން ވެސް މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން ސްޕޭންގެ ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީންވެސް މީގެ ކުރިން ވަނީ ލެމާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ބޮޑެތި ކްލަބްތަކުން ލެމާ ގެންދަން ބޭނުންވުމުން މިދިޔަ މާރޗް މަހު ފްރާންސްގެ މީޑިޔާއާ ވާހަކަ ދައްކަމުން އޭނާ ބުނީ މަޝްހޫރުކަން ހޯދަން ބޭނުންވަނީ ބޮޑު އަގުގައި ކްލަބް ބަދަލު ކޮށްގެން ނޫންކަމަށާއި، ކުޅުމުގެ ފެންވަރު ސާބިތުކޮށްދީގެން ކަމަށެވެ.
އެތްލެޓިކޯއަށް ބަދަލުވުމަށްފަހު ރަސްމީކޮށް ދިން ފުރަތަމަ އިންޓަވިއުގައި ލެމާ ބުނީ ބަދަލާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.
“މި ކްލަބަށް އާދެވުނީމަ އަހަރެން މިހުރީ ވަރަށް އުފަލުން. އެންޓޮއިން (ގްރިޒްމަން) އަދި ލޫކަސް މި ކްލަބާ ގުޅޭގޮތުން އަހަންނާ ވަރަށް ގިނަ ވާހަކަ ދެއްކި. އަހަރެން މި ނިންމި ނިންމުމާމެދު ވަރަށް އުފަލުން މިހުރީ” ވޯލްޑް ކަޕް ހޯދި ފްރާންސް ޓީމުގައި ހިމެނުނު ލެމާ ބުންޏެވެ.
ލެމާ ވަނީ ވޭތުވެދިޔަ ތިން ސީޒަނުގައި މޮނާކޯ ޓީމުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މޮނާކޯއަށް ލެމާ ކުޅެދިން 90 މެޗުގައި 16 ލަނޑު ވަނީ ޖަހާފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ލެމާ ކުޅެން ނުކުމެފައިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑެންމާކް އަތުން 0-0 އިން ފްރާންސް އެއްވަރުވި މެޗުގައެވެ.
“މި ޓީމަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށް ބާރުއަޅާ ޓީމެއް. އަހަރެން އެ ހުރިހާ ކަމެއް މި ޓީމަށްޓަކައި ކޮށްދޭނަން” އެތްލެޓިކޯއާއެކު ކާމިޔާބު ސީޒަނެއް ހޭދަކުރުމަށް ތައްޔާރަށްހުރި ލެމާ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *