ގޯލްޑަން ފުޓްސަލް: ރޭ ހޯދި މޮޅާއެކު ބައެއް ޓީމުތައް ޒޯން ޗެމްޕިއަންކަމާ ގާތަށް

Advertisement

ގޯލްޑަން ފުޓްސަލް: ރޭ ހޯދި މޮޅާއެކު ބައެއް ޓީމުތައް ޒޯން ޗެމްޕިއަންކަމާ ގާތަށް

ޢަލީ ޝަހީމް
ގދ. ތިނަދޫ ބަލިކޮށް ގަދަ 16 ގެ ފުރުސަތު ބޮޑުކުރި ދާންދޫ ޓީމް މެޗުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ މެޗުތަށް ރޭ ފަށައިފިއެވެ. ރޭ 6 ޒޯނުގެ މެޗުތައް ކުޅުނު އިރު ބައެއް ޓީމުތަކުން ހޯދި މޮޅާއެކު ޒޯން ޗެމްޕިއަން ކަމާ ގާތަށް ވަނީ ޖެހިލާފައެވެ.

ރޭ 8 ޖެހިއިރު ކުޅުނީ ޒޯން އެކެއްގެ ދެމެޗެވެ. ށ. ކަނޑިތީމާއި ހދ. ކުމުންދޫ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކުރީ ކުމުންދޫ އެވެ. މި މެޗުގައި ކުމުންދޫގެ ދެ ލަނޑުވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނަސްރުﷲ އާދަމް އެވެ. ޒޯން އެކެއްގައި ކުޅުނު އަނެއް މެޗުގައި ހދ. އަތޮޅު ޗެމްޕިއަންކަން ހޯދި ނާވައިދޫ ވަނީ ހއ. ޗެމްޕިއަން ވަށަފަރު 4-3 އިން ބަލިކޮށްފައެވެ. މި މެޗުގައި ނާވައިދޫގެ ލަނޑުތައް ޖަހައިދިނީ އިސްމާއީލް ހަމީދުއާއި ވިޝާމްގެ އިތުރުން މުޙައްމަދު އަސްލަމެވެ. ވަށަފަރުގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ސިނާން އާއި އިބްރާހީމް ސަނޫންގެ އަދި ޢަބްދުﷲ ޝާކިރު އެވެ.

ޒޯން ދޭއްގައި ރޭ ކުޅުނީ އެންމެ މެޗެކެވެ. ތިން ޓީމު ހިމެނޭ މި ޒޯންގައި ރޭ ކުޅުނު މެޗުގައި ރ. އަލިފުށި ވަނީ 4-1 އިން ބ. އޭދަފުށި ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އަލިފުށިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ރަޝީދެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން އަލިފުށިން ވަނީ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަތޮޅު ޗެމްޕިއަންކަން ހޯދައިދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރި އިސްމާއީލް މަމްދޫހް އެވެ. އަލިފުށިން ލަނޑު ޖެހުމުން އޭދަފުށީ ޓީމުގެ ހަމްދާން އަބްދުއްސައްތާރު ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ. ނަމަވެސް އޭދަފުށިން ކުރިއަށް އެރިވަގުތު އަލިފުށިން ވަނީ އިތުރު ދެ ލަނޑު ޖަހާ 4-1 އަށް ނަތީޖާ ބަދަލު ކޮށްލާފައެވެ. ފަހު ދެ ލަނޑު އަލިފުށްޓަށް ޖަހައިދިނީ އިބްރާހީމް ފުރުގާން އާއި މެޗުގެ ފުރަތަމަ ލަނޑުވެސް ޖެހި މުޙައްމަދު ރަޝީދެވެ. މި ޒޯންގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަލިފުށްޓާއި ނ. މާފަރެވެ. މިރޭ ކުޅޭ މެޗު އެއްވަރު ކޮށްލައިގެންވެސް ޒޯން ޗެމްޕިއަންކަން އަލިފުށްޓަށް ލިބޭނެއެވެ.

ޒޯން ތިނެއްގައި ރޭ ކުޅުނު މެޗު ކާމިޔާބު ކުރީ ކ. މާފުށިންނެވެ. މާފުށި މި މެޗު ކާމިޔާބު ކުރީ އއ. ބޮޑުފުޅަދޫއާ ވާދަކޮށް 3-0 އިންނެވެ. މި މެޗުގައި މާފުށީގެ ލަނޑުތައް ޖަހައިދިނީ އިސްމާއީލް ނަޒީހުއާއި އަތޮޅު ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން އިމްރާން އާއި ނަޖާހް އަބްދުއްރަހީމްއެވެ. ޒޯން ތިނެއްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާފުށްޓާއި ޅ. ނައިފަރެވެ. މިރޭގެ މެޗުން ބަލި ނުވެއްޖެ ނަމަ ޒޯން ޗެމްޕިއަކަން ހޯދުމުގެ ފުރުސަތު މާފުށްޓަށް ބޮޑުވާނެއެވެ.

ޒޯން ހަތަރެއްގައި ރޭ ކުޅުނު މެޗުގައި މ. ދިއްގަރު ވަނީ އަދ. ދަނގެތި ބަލިކޮށްފައެވެ. ފޯރިގަދަ ކުޅުމަކަށް ފަހު ދިއްގަރުން މި މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ. މި މެޗުގައި ދިއްގަރުން ޖެހި ތިން ލަނޑުވެސް ޖެހީ އަހްމަދު މިދުހަތު އެވެ. ދަނގެތީގެ ދެލަނޑުވެސް ޖަހައިދިނީ އިހުސާން އެވެ.

މުބާރާތުގެ ޒޯން ފަހެއްގައި ފ. ނިލަންދޫން ވަނީ 2016 ވަނަ އަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި އެއްވަރު ކޮށްފައެވ މެޗުގެ ފުރަތަމަ ހާފުގައި ތިމަރަފުށްޓަށް ލީޑު ނަގައިދިނީ ޒިޔާން އެވެ. މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ނިލަންދޫން ހިފެހެއްޓިއިރު އެޓީމަށް ލަނޑު ޖަހައިދިނީ މެޗު ނިމެން ކައިރި ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ފާރޫގް އިސްމާއީލް އެވެ. ޒޯން ފަހެއްގައި މިރޭކުޅޭ މެޗުގައި ބައްދަލުކުރާނީ ދ. ކުޑަހުވަދޫއާއި ތިމަރަފުށްޓެވެ.

ރޭ ޒޯން ހައެއްގައި ކުޅުނު މެޗު ގދ. ތިނަދޫގެ މައްޗަށް ކާމިޔާބު ކުރީ ގއ. ދާންދޫ އެވެ. 3-2 އިން ދާންދޫ މި މެޗުން ކުރި ހޯދިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ޖާވިދު ޢަލީ އާއި މުޙައްމަދު ޢަބްދުއްސައްތާރު އަދި ޙަސަން ސައީދެވެ. ތިނަދޫ ޓީމުން ޖެހި ދެ ލަނޑުވެސް ޖެހީ އިބްރާހީމް ޝަނޫންއެވެ. މި ޒޯންގައި ބާކީ އޮތް ލ. ގަން ޓީމު މިރޭ ނުކުންނާނީ ގއ. ދާންދޫއާ ދެކޮޅަށެވެ.

މުބާރާތުގެ ހުރިހާ ޒޯނެއްގެ މެޗުތައް މިރޭވެސް ކުޅެވޭނެއެވެ. މިރޭ ކުޅޭމެޗުތަކުން މޮޅުވާ ބައެއް ޓީމުތަކަށް ޒޯން ޗެމްޕިއަންކަންވެސް ކަށަވަރުވެގެންދާނެއެވެ. މިރޭގެ މެޗުތައްވެސް ކުރިއަށް ދާނީ 8 އިން 12 އަށް މާފަންނު މިނީ ގްރައުން 1 އަދި 2 ގައެވެ. ކޮންމެ ޒޯނަކުންވެސް އެންމެ މޮޅު ދެޓީމު ކޮލިފައި ވާނީ ގަދަ 16 އަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *