ގަރުނު ފެށުނީއްސުރެ ރެއާލުން ދަމަހައްޓަމުންއައި ރެކޯޑް ނިމުމަކަށް

Advertisement

ގަރުނު ފެށުނީއްސުރެ ރެއާލުން ދަމަހައްޓަމުންއައި ރެކޯޑް ނިމުމަކަށް

އައްބާސް
1957 އަދި 1959 ވަނަ އަހަރު ބެލޮންޑިއޯ ހޯދި އަލްފްރެޑޯ ޑިސްޓެފާނޯ. އޭނާ 1964 ވަނަ ރެއާލް މެޑްރިޑް ދޫކޮށްލި ފަހުން ބެލޮްޑިއޯ ހޯދި ކުޅުންތެރިއަކު އެޓީމާއި ގުޅުނީ 2000 ވަނަ އަހަރު

ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވުން ވެގެން މިދިޔައީ މިއަހަރުގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ހަބަރަށެވެ. ވޯލްޑް ކަޕް ނިމެން ގާތްވެފައިވަނިކޮށް ހަމަޖެހުނު ރޮނާލްޑޯގެ މިޓްރާންސްފަރ ގެ ހަބަރުތައް ކުޅިވަރުގެ މީޑިއާތަކުގެ ބޭރުގަނޑުގެ ހަބަރަށް ވެގެންދިޔައީ މިކަން ހަގީގަތުގައިވެސް ބޮޑު ކަމަކަށް ވީމައެވެ. އުމުރުން 33 އަހަރުގައި ބޮޑުއަގަކަށް ލަލީގާ ދޫކޮށްލާ އިޓަލީގެ ސެރިއާ އާއި ގުޅުމަކީ އެތައް ކަމަކަށް އޭގެ އަސަރު ފޯރި ކަމެކެވެ. މީގެ ތެރެއިން އެއްކަމަކީ ބެލެންޑިއޯ ވިނަރ އަކާއި ނުލައި ރެއާލް މެޑްރިޑް 18 އަހަރަށްފަހު ނިކުންނަ ނިކުތުމެވެ. ސުވާލަކީ 2000-2001 ގަ ލުއިސް ފީގޯއާއި އެކު ފެށުނު ގެލެކްޓިކޯ ސީޒަން މިހިސާބުން ނިމުނީ ހެއްޔެވެ؟

ޒިދާން (ކ) ރޮނާލްޑޯ (މ) އަދި ފީގޯ. މި ތިންކުޅުންތެރިންނަކީވެސް ބެލޮންޑިއޯ ހޯދާފައިވާ ކުޅުންތެރިން

ރެއާލްގެ ރައީސްކަމަށް ފުލޮރެންޓީނޯ ޕެރޭޒް ފުރަތަމަފަހަރަށް 2000 ވަނަ އަހަރު ހޮވުނީ ބާސެލޯނާގެ ލުއިސް ފީގޯ ގެނެސްދޭނެ ކަމުގެ ވައުދާއިއެކުގައެވެ. ޕެރޭޒް އެ ވައުދުފުއްދީ އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 37 މިލިއަން ޕައުންޑަށް ފީގޯ ރެއާލަށް ގެނެސްދީގެންނެވެ. އޭރު މިޓީމުގައި ބެލެންޑިއޯ ހާސިލްކޮށްފައިވާ އެއްވެސް ކުޅުންތެރިއަކު ނެތެވެ. އަދި 1964ގައި އަލްފްރެޑޯ ޑިސްޓެފާނޯ އެޓީމުން ވަކިވުމަށްފަހު އެދަރަޖައިގެ ކުޅުންތެރިއަކު އެޓީމަކަށް ނުކުޅެއެވެ. އެހެންނަމަވެސް 2000 ވަނަ އަހަރު ފީގޯ އެ މަގާމު ހޯދުމުން އެހިސާބުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލާއި ހަމައަށް މިޓީމުގައި ބެލެންޑިއޯ ހޯދާފައިވާ ކުޅުންތެރިއަކު އަބަދުވެސް އައީ ކުޅެމުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާއަށް ލިބިފައިހުރި ބެލޮންޑިއޯތައް ދައްކާލަނީ. ރެއާލްގައި ހުރެގެން ހަތަރު ފަހަރު އެ މަގާމް ހޯދާފައިވޭ

ފީގޯ އަށް ފަހު ޖެހިގެން އައި އަހަރު ރެއާލުން ޒިދާން ގެ ސޮއި ހޯދިއެވެ. ޒިދާން ބެލެންޑިއޯ ހޯދީ 1998 ގައެވެ. ޒިދާނަށްފަހު 2002ގައި ބްރެޒިލްގެ ރޮނާލްޑޯ ރެއާލް އާއި ގުޅުނެވެ. އަދި އެއަހަރު ރޮނާލްޑޯ އެ އެވޯޑް ދެވަނަފަހަރަށް ހޯދިއެވެ. ރޮނާލްޑޯ އަށްފަހު ދެން ބެލެންޑިއޯ ހޯދި ކުޅުންތެރިއަކު ރެއާލުން ސޮއިކުރުވީ 2004 ގައެވެ. އެއީ 2001 ގައި އެމަގާމު ހޯދި މައިކަލް އޮވެން އެވެ. އޮވެން އެމަގާމު ހޯދީ ލިވަޕޫލަށް ލީގް ކަޕާއި އެފްއޭ ކަޕް އަދި ޔޫއޭފާ ކަޕް ހޯދައިދީގެންނެވެ.

2006 ގައި،  ޕެރޭޒް ރައީސް ކަމުން ވަކިވި އަހަރު، އިޓަލީގެ ޔުވެންޓަސް މެޗް ފިކްސްކުރި ކަމުގެ އަދަބެއްގެ ގޮތުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވިއެވެ. މިކަމުގެ ފައިދާ ރެއާލް އިން ނެގީ އެޓީމު މެނޭޖަރު ފައިބޯ ކަޕޭއްލޯއާއި އަދި އެޓީމު އިތުރު ކުޅުންތެރިން ރެއާލްއަށް ގެންގޮސްގެންނެވެ. އޭގެތެރޭގައި ހިމެނުނު ފަބިއޯ ކަނަވާރޯ އެއަހަރު އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީ އަދި ބެލެންޑިއޯ ހޯދިއެވެ.

ކްރިސްޓިއަނޯ ރޮނާލްޑޯ ކުރީގައި އެޓީމަށް ކުޅުނު ބެލޮންޑިއޯ ހޯދަފައިވާ ކުޅުންތެރިންނާއެކު

2009 ގައި ޕެރޭޒް އެނބުރި ރައީސްކަމަށް އައުމަށްފަހު ފުޓްބޯޅައިގެ ޓްރާންސްފަރ ރެކޯޑް ދެފަހަރަށް މުގުރާލައި ބެލެންޑިއޯ ހޯދި ދެ ތަރިން ރެއާލަށް ގެނައެވެ. އެއީ 2007 ގައި އެމަގާމު ހޯދި ބްރެޒިލްގެ ކަކާއާއި 2008 ގައި އެމަގާމު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އޭގެފަހުން ރޮނާލްޑޯ އަދި މެސީ ފިޔަވައި އެހެން ކުޅުންތެރިއަކަށް އެމަގާމު ލިބިފައެއްނުވެއެވެ. އެހެންކަމުން ރޮނާލްޑޯ ރެއާލް ދޫކޮށްލުމާއެކު ރެއާލްގައި ބެލެންޑިއޯ ހޯދި ކުޅުންތެރިއަކު ނެތެވެ. އެހެންނަމަވެސް މިއަހަރުގެ ބެލެންޑިއޯ ރެއާލްއަށް މިހާރު ނިސްބަތްވާ ކުޅުންތެރިއަކު ކާމިޔާބު ކޮށްފިނަމަ އަނެއްކާވެސް އެރެކޯޑް ރެއާލްގައި ދެމިއޮންނާނެއެވެ. އެހެންވުމަކީވެސް ހަމަ ވަރަށް ގާތް ކަމެކެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ރަންބޯޅަ ހާސިލްކުރި ރެއާލްގެ ލޫކަރ މޮޑްރިޗް އެހެރީ ބެލެންޑިއޯ އަށް އަތްދިއްކޮށްލީމާ އަތްލެވޭހާ ކައިރީގައެވެ.

ފާއިތުވެދިޔަ 18 ސީޒަންގައި ރެއަލްގައި ހިމެނުނު ބެލެންޑިއޯ ހާސިލްކޮށްފައިވާ ކުޅުންތެރިން

2000 – 2001         ލުއިސް ފީގޯ (2000)

2001 – 2002         ލުއިސްފީގޯ  ، ޒިދާން (1998)

2002 – 2003         ލުއިސްފީގޯ ، ޒިދާން  ، ރޮނާލްޑޯ (1997، 2002)

2003 – 2004         ލުއިސްފީގޯ ، ޒިދާން  ، ރޮނާލްޑޯ

2004 – 2005         ލުއިސްފީގޯ ، ޒިދާން  ، ރޮނާލްޑޯ ، އޮވެން (2001)

2005 – 2006         ޒިދާން  ، ރޮނާލްޑޯ

2006 – 2007         ރޮނާލްޑޯ، ކަންނަވާރޯ (2006)

2007 – 2008         ކަނަވާރޯ

2008 – 2009         ކަނަވާރޯ

2009 – 2010         ކަކާ (2007) ، ރޮނާލްޑޯ (2008)

2010 – 2011         ކަކާ، ކ.ރޮނާލްޑޯ

2011 – 2012         ކަކާ، ކ.ރޮނާލްޑޯ

2012 – 2013         ކަކާ، ކ.ރޮނާލްޑޯ

2013 – 2014         ކ.ރޮނާލްޑޯ (2008، 2013)

2014 – 2015         ކ.ރޮނާލްޑޯ (2008، 2013، 2014)

2015 – 2016         ކ.ރޮނާލްޑޯ

2016 – 2017         ކ.ރޮނާލްޑޯ (2008، 2013،  2014، 2016)

2017 – 2018         ކ.ރޮނާލްޑޯ (2008، 2013، 2014، 2016، 2017)

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *