މަޓިޗަށް އަނިޔާވެ މޮރީނިއޯއަށް ހާސްކަން
އިނިގިރޭސި ޕްރިމިއަރ ލީގު ފަށަން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް މެންޗެސްޓަރ ޔުނައިޓެޑްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ނިމެންޔާ މަޓިޗަށް އަނިޔާވެ ސީޒަނުގެ ކުރީކޮޅު ނުފެންނާނެ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނީ ވޯލްޑް ކަޕަށްފަހު މަޓިޗް ހުރީ އަނިޔާގައި ކަމަށާއި، އޭނާއަށް ލިބުނު ވަގުތާ ބަލާފަ އާ ސީޒަނުގެ ކުރީކޮޅަށް އެއްކޮށް ފިޓް ނުވާނެ ކަމަށެވެ. ނަމަވެސް މަޓިޗް ނުފެންނާނީ ކިހާ ދުވަހަކަށް ކަމެއް ކްލަބުން އަދި ހާމަކޮށްފައެއް ނުވެއެވެ.
“ވޯލްޑް ކަޕަށްފަހު މަޓިޗް އައިއިރު ހުރީ އަނިޔާގައި. އެކަމާހެދި އޭނާ ޖެހުނު ރަނގަޅަށް އަރާމު ކުރަން. އެކަމު އޭނާއަށް ލިބުނު ޗުއްޓީއަކީ ފިޓުވާން ލިބުނު އެންމެ ރަނގަޅު މުއްދަތެއް ނޫން” މިހާރު އެމެރިކާއަށް ކުރާ ދަތުރުގައި ލިވަޕޫން އަތުން 4-1 އިން ބަލި މެޗަށްފަހު މޮރީނިއޯ ބުންޏެވެ.
މަޓިޗް ވަނީ މިމަހު ނިމުނު ވޯލްޑް ކަޕްގައި ސާބިއާ ޓީމަށް ކުޅެފައެވެ. ގްރޫޕް ސްޓޭޖުން ސާބިއާ މުބާރާތުން ކެޓި ހިސާބުން މަޓިޗް ވަނީ އޭނާ ލިބުނު ބަނޑުގެ އަނިޔާއިން ސަލާމަތްވުމަށް ސާޖަރީއެއްވެސް ހައްދާފައެވެ.
“މަޓިޗް ދިޔައީ އެމެރިކާގެ ފިލަޑެލްފިއާގައި ހުންނަ ފެންވަރު ރަނގަޅު ސްޕެޝަލިސްޓަކަށް ދައްކަން. އެއަށްފަހު ކްލިނިކް ދޫކޮށްލުމަށްފަހު މަޓިޗް އައީ ތަންކޮޅެއް ފަހުން. އެތަނަށް ގޮސް އޭނާ ޖެހުނީ އަވަސް ގޮތަކަށް ސާޖަރީ ހަދަން” ޕްރީ ސީޒަނުގައި ޓީމުގެ މުހިއްމު ކުޅުންތެރިން ނެތުމުން މާޔޫސްވެފައި ހުރި މޮރީނިއޯ ބުންޏެވެ.
މަޓިޗް މިހާރު ވަނީ ރިހެބިލިޓޭޝަނަށް އަނބުރާ މެންޗެސްޓަރ އަށް ގޮސްފައެވެ. ޕްރީ ސީޒަނުގެ އެއްވެސް މެޗެއްގައި މަޓިޗް ކުޅެފައި ނުވާއިރު، އޭނާއަކީ މޮރީނިއޯގެ ގޭމް ޕްލޭންގައި މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި މަޓިޗް ވަނީ ޔުނައިޓެޑަށް 49 މެޗު ކުޅެދީފައެވެ.
މަޓިޗްގެ އިތުރުން ޔުނައިޓެޑުން ކުރިއަށް ގެންދާ ޕްރީ ސީޒަނުގައި ޕައުލް ޕޮގްބާ އާއި ޔެސޭ ލިންގާޑްގެ އިތުރުން މާކަސް ރެޝްފާޑް އަދި ރޮމެލޫ ލުކާކޫވެސް ބައިވެރިއެއް ނުވެއެވެ. މި ހުރިހާ ކުޅުންތެރިންނަކީވެސް މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައިވާ ކުޅުންތެރިންނަށް ވާތީ ކްލަބުން ވަނީ އެ ކުޅުންތެރިންނަށް ޗުއްޓީ ދީފައެވެ. މީގެ އިތުރުން ޓީމާއެކު އެމެރިކާއަށްދިޔަ އެންތަނީ މާޝިއަލްވެސް ވަނީ އޭނާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭތީ ޓީމު ދޫކޮށް ޕެރިހަށް ގޮސްފައެވެ.
އާ ސީޒަނަށް ތައްޔާރުވާ ޔުނައިޓެޑް ޓީމުގެ މުހިއްމު ކުޅުންތެރިން ޓީމާ ގުޅިފައި ނުވާތީ މޮރީނިއޯ ބުނެފައިވަނީ ސީޒަނުގެ ކުރީކޮޅު ނަތީޖާއަށް ރަނގަޅު ނުވެދާނެކަމަށެވެ. މޮރީނިއޯ ބުނީ ޕްރީ ސީޒަން ކުރިއަން ގެންދަނީ އޭނާ ބޭނުންވާ ކުޅުންތެރިންނާއެކު ނޫންކަމަށާއި، އަންނަ ސީޒަނުގައި ޓީމުން ފެންނާނެ ގިނަ ކުޅުންތެރިން އަދިވެސް ތިބީ ޗުއްޓީގައި ކަމަށެވެ.
މިފަހަރުގެ ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ނުކުންނާނީ އޯގަސްޓް 10 ވަނަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީއާ ދެކޮޅަށެވެ.
Advertisement
Leave a Reply