ޝަގީރީގެ ހިތްގައިމު ގޯލާއެކު ލިވަޕޫލުން އެމެރިކާ ދަތުރު ނިންމާލައިފި

Advertisement

ޝަގީރީގެ ހިތްގައިމު ގޯލާއެކު ލިވަޕޫލުން އެމެރިކާ ދަތުރު ނިންމާލައިފި

ޢަލީ
ޝަގީރީގެ ލަނޑަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ

މިފަހަރުގެ ޓްރާންސްފާގައި ލިވަރޕޫލާ އަލަށް ގުޅުނު ސްވިޓްޒަރލެންޑްގެ ޒެރްދާން ޝަގީރީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ޖެހި ހިތްގައިމު ގޯލާއެކު ލިވަރޕޫލުން އެޓީމުގެ އެމެރިކާގެ ޓުއަރ ނިންމާލައިފިއެވެ.

އެމެރިކާގެ މިޝިގަންގެ މިޝިގަން ސްޓޭޑިއަމްގައި، ދެޓީމުގެ 101254 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕުގެ ފަހު މެޗުގައި ލިވަރޕޫލުން މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައި ވަނީ 4 – 1 ގެ ނަތީޖާއަކުންނެވެ. މިއީ ވޭތުވެ ދިޔަ 2 އަހަރުތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ލިވަރޕޫލުން ހޯދި ފުރަތަމަ މޮޅެވެ.

މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގުގައި ނުކުޅޭ 5 ކުޅުންތެރިން ލައިގެން މެންޗެސްޓަރ ޔުނައިޓެޑުން މެޗު ފެށިއިރު މި މެޗުގައި މޮޅަށް ކުޅެ ޑޮމިނޭޓް ކޮށްފައި ވަނީ ލިވަރޕޫލުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ 28 ވަނަ މިނެޓުގައި ލިވަރޕޫލްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ސަދިއޯ މާނޭއެވެ. އޭގެ 3 މިނިޓު ފަހުން މެންޗެސްޓަރ ޔުނައިޓެޑުގެ އަދްރެސް ޕެރޭރާ ޖެހި ހިލޭ ޖެހުމަކުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 25 ޔާޑު ދުރުން އޭނާ ފޮނުވާލި އެބޯޅަ ގޯލުގެ ކަނަށް ވަތްއިރު އިރު ލިވަރޕޫލްގެ ކީޕަރު ކަމީލް ގްރަބަރާއަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މެޗުގެ ދެވަނަ ހާފް ލިވަރޕޫލުން ފެށީ އެޓީމުގެ ސާދިއޯ މާނޭ އަދި މުޙައްމަދު ސަލާހުގެ ބަދަލުގައި ޑެނިއަލް ސްޓަރިޖް އަދި ޒެރްދާން ޝަގީރީ އަރުވައިގެންނެވެ. މިއީ މިފަހަރުގެ ޓްރާންސްފަރ މާރކެޓްގައި ސްޓޯކް ސިޓީން 13 މިލިއަން ޕައުންޑަށް ލިވަރޕޫލާ ގުޅުނު ފަހުން އެޓީމުގެ ޖާރޒީގައި ޝަގީރީ ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 65 ވަނަ މިނެޓުގައި ޝަގީރީ ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަރޕޫލްގެ 2 ވަނަ ގޯލު ޖަހާފައި ވަނީ ޑެނިއަލް ސްޓަރިޖެވެ. މެންޗެސްޓަރ ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ގޮތުން މެޗުގެ 71 ވަނަ މިނެޓުގައި، މި ސީޒަނުގައި އެެޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ މިޑްފީލްޑަރ ފްރެޑް ކުޅެން ނެރުނު ނަމަވެސް އޭގެ 3 މިނެޓް ފަހުން ލިވަރޕޫލަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ޝޭއި އޯޖޯ ވަނީ އެޓީމުގެ 3 ވަނަ ގޯލު ޖަހާފައެވެ.

މެޗުގެ 81 ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އިތުރު 3 ބަދަލެއް ގެނައި ނަމަވެސް އޭގެ މިނެޓެއް ފަހުން ލިވަރޕޫލުން ވަނީ އިތުރު ގޯލެއް ޖަހާ ތަފާތު ބޮޑުކޮށްފައެވެ. ބެން ވުޑްބާރން ނަގައިދިން ހުރަހަކުން އެގޯލު ކާމިޔާބު ކޮށްފައި ވަނީ ޝަގީރީއެވެ. ޕެނެލްޓީ އޭރިޔާ ތެރޭގައި ހުރެ ޝަގީރީ އެގޯލު ޖަހާފައި ވަނީ އޯވަރހެޑަކުން ނެވެ. މިނަތީޖާގައި އޮވެ މެޗު ނިމުނު އިރު މިއީ، ޕްރީ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *