ސާފް ޗެމްޕިއަންޝިޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި
އަންނަ ސެޕްޓެމްބަރު މަހުގެ 4 އިން 15 އަށް ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑް އެކުލަވާލައިފިއެވެ. އިތުބާރުހުރި ގޮތަކަށް “ފަހުމިނެޓް” އަށް މައުލޫމާތުލިބިފައިވާ ގޮތުގައި އެފްއޭއެމުން އެކުލަވާލި ސްކޮޑްގައި ހިމެނެނީ ޖުމްލަ 30 ކުޅުންތެރިންނެވެ.
މިފަހަރު އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑްގައިވެސް ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ތަށި 2008 ވަނަ އަހަރު ހޯދައިދިނުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރި ޓީސީ ގެ ޢަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިފައިނުވާކަން “ފަހުމިނެޓް” އަށް ވަނީ ކަށަވަރުވެފައެވެ. ގައުމީ ޓީމުގެ މިހާރުގެ ކޯޗް ކްރޮއޭޝިޔާގެ ޕީޓަރ ސެގާޓް ޓީމާ ހަވާލުވިފަހުން ގައުމީ ޓީމް ކުޅުނު ފުރަތަމަ ވާދަވެރި މެޗަށް ނެގި ސްކޮޑުން ވެސް ދަގަނޑޭ ވަނީ ބާކީކޮށްފައެވެ. އޭޝިއަންކަޕްގެ ކޮލިފައިންގައި ބޫޓާން އާ ދެކޮޅަށް މިދިޔަ މާޗްމަހު ކުޅުނު މެޗަށް ނެގި ސްކޮޑްގައި ކޯޗް ފުރަތަމަ ދަގަނޑޭ ހިމެނި ނަމަވެސް ފަހުން ކޯޗް ދަގަނޑޭ ބާކީކުރީ މެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވުމުންނެވެ.
“ފަހުމިނެޓް” އަށް އެނގިފައިވާ ގޮތުގައި މިފަހަރު އެކުލަވާލި ގައުމީޓީމުގައި ކްލަބް ވެލެންސިޔާ ފިޔަވައި މާލޭ ލީގުގައި މިއަހަރު ވާދަކުރި ހުރިހާ ޓީމަކުން ކުޅުންތެރިން ހިމެނެއެވެ. އެކަމަކު ދިވެހި ޕްރިމިއަރ ލީގްގައި އަތޮޅުތެރެއިން ވާދަކުރާ އެއްވެސް ޓީމެއްގެ ކުޅުންތެރިއަކު ހިމަނައިފައެއް ނުވެއެވެ. ބެލެވޭގޮތުގައި ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި އެފްއޭއެމުން ގައުމީ ޓީމް އިޢްލާންކުރާނެއެވެ.
މިފަހަރުވެސް ސާފް ސުޒުކީ ކަޕް ގެ ނަމުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ 12 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރަންޖެހެނީ ގްރޫޕް ބީ ގައެވެ. ރާއްޖެއާއެކު އެ ގްރޫޕްގައި ހިމެނެނީ އިންޑިޔާއާއި ސްރީލަންކާ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތަށި 2015 ވަނަ އަހަރު ހޯދައިފައިވަނީ އިންޑިޔާ އެވެ. އެ މުބާރާތުގު ސެމީ ފައިނަލްގައި ރާއްޖެ ބަލިވީވެސް އިންޑިޔާ އަތުންނެވެ.
Advertisement
Leave a Reply