މާޝިއަލް ހުއްޓުވުމުގެ ހައްގެއް އެއްވެސް މީހަކަށް ނެތް: މޮރީނިއޯ

Advertisement

މާޝިއަލް ހުއްޓުވުމުގެ ހައްގެއް އެއްވެސް މީހަކަށް ނެތް: މޮރީނިއޯ

ޢަލީ ޝަހީމް
މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގު މެޗެއްގެ ތެރެއިން މާޝިއަލް އަދި މޮރީނިއޯ. އާ ސީޒަނަށް މާޝިއަލް ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު ބޮޑު

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން އެމެރިކާއަށް ކުރާ ދަތުރުގެ މެދުތެރެއިން ޓީމު ދޫކޮށް އަމިއްލަ ގައުމަށް ދިޔަ އެންތަނީ މާޝިއަލް ހުއްޓުވުމުގެ ހައްގު އެއްވެސް މީހަކަށް ނެތްކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މާޝިއަލް،22، އެނބުރި ޕެރިހަށް ދިޔައީ އޭނާގެ އަންހެނުން މިލޭނިއާ ކްރޫޒް ވިހަން ކައިރިވެފައި ވާތީއެވެ. އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި އިއްޔެ ހެނދުނު އޭސީ މިލާނާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗަށްފަހު މޮރީނިއޯ ބުނީ މާޝިއަލް ޓީމު ދޫކޮށް ދިއުމަކީ އަމިއްލަ ނިންމުމެއް ކަމަށާއި، އެކަމުގައި އޭނާއަށް އެއްވެސް އެއްޗެކޭ ނުބުނެވޭނެ ކަމަށެވެ.

“މާޝިއަލް ޕެރިހަށް ދާން އުޅޭކަން އެނގުނީ އޭނާ އެވާހަކަ ބުނީމަ. އެއީ މީގެ ދެތިން ދުވަސް ކުރިން. އަމިއްލަ ކަމެއް އައީމަ ކޮންމެ މީހަކުވެސް ވިސްނާގޮތް ވާނީ އެމީހަކަށް އެންމެ ރަނގަޅު ގޮތަށް” މިފަހަރުގެ ޕްރީ ސީޒަނާމެދު މީގެ ކުރިން ތަކުރާރުކޮށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވާ މޮރީނިއޯ ބުންޏެވެ.

ވޯލްޑް ކަޕްގެ ޗުއްޓީއަށްފަހު ޔުނައިޓެޑްގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ޕައުލް ޕޮގްބާ އާއި ރޮމެލޫ ލުކާކޫ އަދި މާކަސް ރެޝްފާޑުވެސް އަދި ޓީމާ ގުޅިފައެއް ނުވެއެވެ. ޔުނައިޓެޑްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލާ ޕްރީ ސީޒަން މެޗުތައް ކުރިއަށް ގެންދާއިރު މޮރީނިއޯ ބުނެފައިވަނީ އޭނާ ބޭނުންވާ ކުޅުންތެރިން ނުލާ ސީޒަނުގެ ކުރީކޮޅު ނަތީޖާ ނުނެރެވޭނެކަމަށެވެ. މާޝިއަލް ހިމެނެނީ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންދިޔަ ސީނިއަރ މަދު ކުޅުންތެރިންގެ ތެރޭގައެވެ. މޮރީނިއޯއާ މާޝިއަލްގެ ގުޅުން ގޯސްވެފައިވާއިރު އާ ސީޒަނަށް އޭނާ ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވިޔަސް މާޝިއަލް ޕްރިމިއަރ ލީގުގެ ވާދަވެރި އެހެން ކްލަބަކަށް ނުވިއްކާނެކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި އެހެން ގައުމެއްގެ ލީގަކުން ފުރުސަތު ލިބިއްޖެނަމަ މާޝިއަލް ބޮޑު އަގުގައި ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑުން 80 މިލިއަނަށްވުރެ ދަށް އަގަކަށް މާޝިއަލް ވިއްކާލަން އެއްބަސް ނުވާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރީ ސީޒަނުގައި ޔުނައިޓެޑް މިހާތަނަށް ވަނީ ތިން މެޗެއް ކުޅެފައެވެ. އެމެރިކާގެ ޓީމުތަކާ ކުޅުނު ފުރަތަމަ ދެމެޗުވެސް އެއްވަރުވި އިރު އިއްޔެ ހެނދުނު އޭސީ މިލާނާއި ވާދަކުރި މެޗުން ޔުނައިޓެޑް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑުން ލިވަޕޫލާއި ރެއާލް މެޑްރިޑާއި ބެޔާން މިއުނިކާވެސް ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *