ފާގަސަންގެ ޝުކުރު ހޮސްޕިޓަލްގެ މުވައްޒަފުންނަށް
ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދިން މެންޗެސްޓަރ ޔުނައިޑެޓްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން އޭނާއަށް ފަރުވާކުރި ހޮސްޕިޓަލުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފިއެވެ.
ސިކުނޑިއަށް ލޭއެޅި ހާލު ގޯސްވުމުގެ ސަބަބުން އެދުވަހު ވަގުތުން ފާގަސަން ގެންދިޔައީ އިންގްލެންޑުގެ ސަލްފޯޑް ރޯޔަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި ފާގަސަން ފުރަތަމަ އޮތީ ކޯމާއެއްގައެވެ. އޭގެފަހުން އޭނާ ވަނީ ސާޖަރީއެއް ހަދައި ހާލު ރަނގަޅު ވަންދެން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ޔުނައިޓެޑްގެ ޓްވިޓާ މެދުވެރިކޮށް އާއްމުނަށް ފޮނުވި ވީޑިއޯ މެސެޖެއްގައި ފާގަސަން ބުނީ، ހޮސްޕިޓަލުގެ އާދަޔާހިލާފު އެހީތެރިކަމާނުލާ އޭނާއަށް އެ މެސެޖު ފޯރުވެސް ކޮށްނުދެވުނީސް ކަމަށެވެ.
“ހޮސްޕިޓަލުގައި ތިބި މެޑިކަލް ސްޓާފުންނަށް އަހަރެން ބޭނުން ޝުކުރު އަދާކުރަން. އެމީހުން އަހަންނަށް ދިން އަޅާލުމާ ނުލާ މިއަދު އަހަރެންނަށް މިހެން ނުވެސް އިނދެވޭނެ. އަހަރެންނާއި އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުވެރިވަން” އުމުރުން 76 އަހަރުގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކޯޗު ބުންޏެވެ.
މިއަދު އާއްމުކުރި ވީޑިއޯގެ ކުރިން ފާގަސަން އާންމުންނަށް އެންމެ ފަހުން ފެނިފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ޕްރިމިއަރ ލީގުގައި ބައްދަލުކުރި މެޗުގައެވެ. އެ މެޗު ފެށުމުގެ ކުރިން ފާގަސަން ވަނީ މިދިޔަ ސީޒަނަށްފަހު އާސެނަލް ދޫކޮށްލި ކޯޗު އާސެން ވެންގާއަށް ޔުނައިޓެޑްގެ ފަރާތުން އެވޯޑެއް ހަވާލު ކޮށްފައެވެ.
ފަރުވާއަށްފަހު ފޮނުވި 48 ސިކުންތުގެ ވީޑިއޯގައި ފާގަސަން ބުނީ މެންޗެސްޓަރ ޔުނައިޓެޑް ކުޅޭތަން ބަލަން އޭނާ އަންނަ ސީޒަންތެރޭ ދަނޑަށް ދާނެކަމަށެވެ. ފާގަސަން ބުނީ އޭނާއަށް ހެޔޮ އެދުނު ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.
“ސީޒަންގެ ފަހުކޮޅު އަހަރެން އަލުން މެޗްބަލަން އިންނާނެ. އެކަމު މިވަގުތަށް މޮރީނިއޯއަށާއި ކުޅުންތެރިންނަށް އަހަރެން ހެޔޮ އެދެން” 2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާދިން ކާމިޔާބު ކޯޗު ބުންޏެވެ.
2013 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށްލުމަށްފަހު އޭނާ ފެނުނީ ހާވަޑް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައެވެ. މީގެ އިތުރުން ޔޫއެފާގެ ކޯޗިން އެމްބަސަޑަރެއްގެ އިތުރުން ކޯޗުން ތަމްރީނު ކުރުމުގެ ކޯސްތަކުގައިވެސް އޭނާ އޭރު ދިޔައީ ކިޔަވައިދެމުންނެވެ.
ޔުނައިޓެޑުގެ ކޯޗު ކަމުގައި ހޭދަކުރި 26 އަހަރުތެރޭ އޭނާ ވަނީ އެ ކްބަލަށް 38 ޓްރޮފީ ހޯދައިދީފައެވެ. އޭގެތެރޭގައި 13 ލީގު ތައްޓާއި ދެ ޗެމްޕިއަންސް ލީގުގެ އިތުރުން ފަސް އެފްއޭ ކަޕާއި ހަތަރު ލީގު ކަޕް ހިމެނެއެވެ.
Advertisement
Leave a Reply