ތިމަރަފުށްޓާއި ތިނަދޫވެސް ޒޯން ބުރަށް
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަތޮޅު ޗެމްޕިއަންކަން ހޯދައި ތ. ތިމަރަފުށްޓާއި ގދ. ތިނަދޫވެސް ޒޯން ބުރުގެ ޖާގަތަށް ކަށަވަރު ކޮށްފިއެވެ.
މާފަންނު މިނީ ގްރައުންޑްގައި ރޭ ތ. ގުރައިދުއާއި ވާދަކުރި މެޗުން ތިމަރަފުށި މޮޅުވީ 8-2 އިންނެވެ. އެ އަތޮޅުން މުބާރާތުގައި ބައިވެރިވީވެސް ތިމަރަފުށްޓާއި ގުރައިދޫ އެވެ. މި ދެޓީމު ފުރަތަމަ ކުޅުނު މެޗު ތިމަރަފުށި ކާމިޔާބު ކުރީ 6-1 އިންނެވެ. ދެ މެޗުގެ އެގްރިގޭޓުން ތިމަރަފުށްޓަށް ޗެމްޕިއަންކަން ލިބުނީ 14-3 އިން މޮޅުވެގެންނެވެ. ތ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ލިބުނީ ކުޅުނު ދެމެޗުގައިވެސް ހެޓްރިކް ހެދި އިސްމާއީލް މުނީޒަށެވެ.
ތިމަރަފުށްޓަކީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ފުޓްބޯޅައިގައި ފާހަގަ ކޮށްލެވޭ ރަށެވެ. އެރަށުން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުވެސް 2016 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ.
ގދ. އަތޮޅުގެ ޗެމްޕިއަންކަން ތިނަދޫ ކަށަވަރު ކުރީ ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ. ތިން މެޗުގެ މަޑަވެލި އަދި ގައްދޫއާ ވާދަކުރި ދެމެޗުވެސް ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ވާދޫއާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ތިނަދޫގެ ފަހަތުން ދެވަނަ ލިބުނީ ހަތަރު ޕޮއިންޓް ލިބުނު ގައްދޫއަށެވެ.
ގދ. އަތޮޅު މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ތިނަދޫ ޓީމުގެ ޒާހިދު އެވެ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިނަދޫ ޓީމުގެ އިބްރާހީމް ޝަނޫންއެވެ.
މުބާރާތުގެ އަތޮޅު ބުރު ޗެމްޕިއަންކަން ފަސް އަތޮޅަކުން ހޯދާފައިވާއިރު، އެޓީމުތައް މިހާރު ވަނީ ޒޯން ބުރަށް ކޮލިފައިވެއެވެ. މީގެ އިތުރުން ހދ. އަތޮޅުގެ ފައިނަލަށް ގޮސްފައިވާ ނާވައިދޫ އަދި ކުމުންދޫވެސް ވަނީ ޒޯން ބުރަށް ކޮލިފައި ވެފައެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ފަހުވެސް އަތޮޅު ޗެމްޕިއަންކަން ހޯދާ އިތުރު ރަށްތަކެއް ކަށަވަރު ވެގެންދާނެއެވެ. މިފަހަރުގެ މުބާރާތުގައި 55 ރަށަކުން ވާދަކުރާއިރު އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމުތައް ވާދަކުރާނީ އަންނަ ހަފްތާ ފަށާ ޒޯން ބުރުގައެވެ. އަތޮޅު ބުރުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.
Advertisement
Leave a Reply