އުފަންވީއްސުރެ ލަންކާގައި، އެކަމަކު ހިތް އޮތީ ރާއްޖޭގައި
އުމުމުރުން އެންމެ ހަ އަހަރުގައި ކުޅޭކުޅޭ ޓީޓީ ބޯޅައަކާއި ރެކެޓެއް ފިހާރައަކުން ފެނިގެން ދީމާ ގަތީ އެ ކުޅިވަރަށް މާބޮޑު ޝައުގުވެރިކަމެއް ހުރެގެނެއް ނޫނެވެ. ޕްރީސްކޫލްގައި އުޅުނު އިރުވެސް އެންމެ ފުރަތަމަ ބައިވެރިވީވެސް ބެޑްމިންޓަން ޕްރެކްޓިސް ގައެވެ. އެކަމަކު އޭރު ހުރި ބެޑްމިންޓަން ކޯޗަށް ދީމާގެ އިސްކޮޅު މާކުރީއެވެ. އެއަށްފަހު ދެން އޭނާ ބޭނުންވީ ފެތުމުން ކުރިއަށްދާށެވެ. އެކަމަކު އެކަންވެސް ކާމިޔާބެއް ނުވިއެވެ. މާއަވަހަށް އޭނާ ބަލިވަނީއެވެ. ޓީޓީއަކީ ދީމާގެ ތިންވަނަ ޗޮއިސް އެވެ. އެކަމަކު އެއީ މިއަދު އޭނާގެ ނަސީބެވެ. ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ދީމާއަށް ހޯދައިދިން ކުޅިވަރަކަށްވީ ޓީޓީއެވެ.
އުފަންވީއްސުރެ އަވަށްޓެރި ސްރީލަންކާގައި ދިރިއުޅެމުން އަންނަ ފާތިމަތު ދީމާ ޢަލީ ޓީޓީން މިހާތަނަށް ހޯދައިފައިވާ ކާމިޔާބީތައް އޭނާގެ އުމުރަށްވުރެ މާ ބޮޑެވެ. ދީމާގެ ކާމިޔާބީތަކުގެ ސިލްސިލާ ފެށުނީ އޭނާ ޓީޓީ ރެކެޓެއްގައި އަތްލިތާ އެންމެ ދެ އަހަރުވެސް ނުވަނީހެވެ. އެކަން އޭނާ ފެށީވެސް ރެކޯޑަކުންނެވެ. 2015 ވަނަ އަހަރު އޮތް ލަންކާގެ ގައުމީ ޓީޓީ މުބާރާތުގައި ވާދަކޮށް މުބާރާތުގެ ދިހަ އަހަރުން ދަށުގެ ބައިން ދީމާ އެއް ވަނަ ހޯދިއިރު އޭނާގެ އުމުރަކީ އެންމެ އަށް އަހަރެވެ. ބޭރު ގައުމެއްގެ ގައުމީ މުބާރާތަކުން ރަން މެޑަލް ދިވެއްސަކަށް މީގެކުރިން ލިބިފައި އޮތްކަމެއް އެނގޭކަށް ނެތެވެ. ރާއްޖެއަށްވުރެ ޓީޓީގައި ކުރީގައި އުޅޭ ލަންކާގެ ގައުމީ މުބާރާތުގައި ދީމާ އެހާ ޅައުމުރުގައި ހޯދަންފެށި ކާމިޔާބީތަކާއެކު މުޅި ލަންކާގެ ޓީޓީ އާއިލާއަށްވެސް ސިހުން ލިބުނެވެ. ބައެއް މީހުން އެކަމާ ފަޚްރުވެރިވިއިރު އަނެއް ބަޔަކަށް އެކަން ހަޖަމެއް ނުވިއެވެ. ޖެހިޖެހިގެން ދެ އަހަރު ދީމާގެ އުމުރު ފުރައިން ލަންކާގެ ކުޅުންތެރިންގެ މައްޗަށް ކާމިޔާބު ހޯދުމާއެކު އޭނާއަށް މުބާރާތުގައ ބައިވެރިނުވެވޭ ގޮތް ހަދަން ލަންކާގެ ވަރަށް ގިނަ ބަޔަކު މަސައްކަތްކުރިއެވެ. ދިވެއްސެއްގެ ގޮތުގައިހުރެ އެންމެ މަތީ ފެންވަރުގައި ލަންކާގެ ކުޅުންތެރިން ފަހަތަށް ޖައްސަމުން ދިއުމާއެކު ލަންކާގެ ބައެއް މީޑިޔާތަކުގެ ފާޑުކިޔުންތައް އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީއަށާއި، ޓޭބަލްޓެނިސް އެސޯސިއޭޝަންއަށް އަމާޒުވިއެވެ.
“ލަންކާގެ ސްޕޯޓްސް މިނިސްޓަރާ ބައްދަލުވި ފަހަރެއްގަ ބުނި މިހާރު ޕެޓިޝަން ހުށަހަޅާވަރުންވެސް އެހެންކަމެއްވާ ވަރެއް ނޫނޭ. އެކަމަކު އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ. ދެން ލަންކާގެ ބައެއް ނޫސްތަކުގަވެސް ވަރަށް އެހެން ކަހަލަ އެއްޗެހި ދީމާއަށް ނިސްބަތްވާ ގޮތަށް ލިޔެފަ ހުރި. އެއް ފަހަރެއްގަ ނޫހެއްގަ ލިޔެފައޮތް ލަންކާ ކުދިންނަށް ބާއްވާ މުބާރާތެއްގަ ދިވެހި ކުއްޖަކު ކުޅެމުންއަންނައިރު އެސޯސިއޭޝަން ނިދާފައޭވެސް.” ލަންކާގައި މިފަހަކަށް އައިސް ކުރިމަޔވި ގޮންޖެހުންތައް “ފަހުމިނެޓް” އާ ހިއްސާކުރަމުން ދީމާގެ މަންމަ ޢާއިޝަތު ވަޙީދާ ބުންޏެވެ.
އެއާއެކު ލަންކާގެ ސްޕޯޓްސް މިނިސްޓްރީން މަސައްކަތްފެށީ ދީމާއަށް ލަންކާގެ ސިޓިޒަންޝިޕް ހޯދައިދީގެން އެ ގައުމު ތަމްސީލްކުރާނެ ކުޅުންތެރިއަކަށް ދީމާ ހެދޭތޯއެވެ. އެކަމަކު އެގޮތް ދީމާއާއި އޭނާގެ އާއިލާއިން ބޭނުމެއް ނުވިއެވެ. އެއަށްވުރެ ދީމާގެ ހިތުގައި ދިވެހިރާއްޖެއަށް އޮތް ލޯބި މާބޮޑެވެ.
“ދީމާ އަބަދުވެސް ބުނާނެ ރާއްޖެއަކީ ވަރަށް ރީތި ކަންޓްރީއެއް ނޫންހޭ. ރާއްޖޭގެ ޓީމަށް ނުކުޅެވޭނެ ގޮތެއް ނުހަދައްޗޭ.” ލަންކާގައި ހުރެ ފޯނުން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ދީމާގެ މަންމަ ޢާއިޝަތު ވަޙީދާ ބުންޏެވެ.
މި ހުރިހާ ޕްރެޝަރަކާއި ހުރެ ދީމާގެ މައިންބަފައިން ލަންކާގެ ގައުމީ މުބާރާތުގައި އޭނާ ބައިވެރި ނުކުރާން ނިންމިއެވެ. އެކަމަކު މިއާއެކުވެސް ޓީޓީން ކުރިއަށްދާން ދީމާ ކުރަމުންއައި މަސައްކަތް އެންމެ ތަންފުކެއްވެސް ފަހަތަކަށް އޭނާ ނުޖައްސައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ އަންނަނީ ލަންކާގެ ގައުމީ ޓީމުގައި ވިހި އަހހަރަށްވުރެ ގިނަ ދުވަހު ކުޅެފައިވާ ތަޖްރިބާކާރު ކުޅުންތެރިއެއްގެ އިރުޝާދުގެ ދަށުން ހަފްތާއަކު ފަސް ދުވަހު ގަވައިދުން ފަރިތަކުރަމުންނެވެ. ލިބޭ ސްކޫލް ބަންދުތަކުގައި އާއިލާގެ ފަރާތުން އަންނަނީ އެކި ގައުމުތަކަށް ދީމާ ގެންގޮސް ޓްރެއިނިންގް ތަކުގައި ބައިވެރިކުރަމުންނެވެ.
ލަންކާގެ މުބާރާތުގައި ބައިވެރި ނުވާން ނިންމުމާއެކު ދީމާއަށް ގެއްލުނު ފުރުސަތު ހޯދުމަށް ދީމާ ދެން މިސްރާބު ޖެހީ ރާއްޖެއަށެވެ. ރާއްޖެއަށް ވަރަށް މަދުން ނޫނީ ނާންނަ ދީމާ ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ބޭއްވި ގައުމީ ޓީޓީ މުބާރާތުގެ 12 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިފައެވެ. އަދި، މިއަހަރުގެ އޭޕްރީލް މަހު ރާއްޖޭގައި އޮތް ސާކްގެ ހަ ގައުމަކުން ވާދަކުރި މުބާރާތުގެ 14 އަހަރުން ދަށުގެ ބައިން ރިހި މެޑަލް އޭނާ ހޯދިއެވެ. އެ އުމުރުފުރައިގައި ބައިވެރިވި ލަންކާގެ ގައުމީ ޓީމުގައިވެސް ހިމެނޭ ކުޅުންތެރިޔާ ބަލިކޮށްފައެވެ.
ދެފަހަރެއްގެ މަތިންއައިސް ރާއްޖޭގެ ފަސްގަނޑުގައި ދީމާ ދެއްކި އާދަޔާޚިލާފް ކުޅަދާނަކަމުގެ ނަތީޖާއަކަށްވީ މިއަހަރުގެ މެއި މަހު ސްވިޑްންގައި އޮތް ވޯލްޑް ޗެމްޕިއަންށިޕްގައި ދިވެހިރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ދީމާއަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން ދިނެވެ. ކިތަންމު އުމުރުން ހަގަސް އޭނާއާ ދޭތެރޭ އޮތް ޔަގީންކަން އެސޯސިއޭޝަން މާބޮޑުވީއެވެ. އެއާއެކު ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ ގޮތުގައި އެ މުބާރާތުގެ ތާރީޚުން އޭނާ ޖާގަ ހޯދިއެވެ. އެއަށްވުރެވެސް ބޮޑު އުފަލަކަށް އޭނާއަށްވީ ދިވެހިރާއްޖެ ތަމްސީލްކުރަން އޭނާއަށް އެ ވަރުގެ ފުރުސަތެއް ލިބުމެވެ.
ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި އުމުރުން އެއެންމެ ދިހަ އަހަރުގައި ދީމާ ހަމައެކަނި ވާދަކުރީއެއްވެސް ނޫނެވެ. ރާޖޭގެ އެންމެ ކާމިޔާބު ޓީޓީ ކުޅުންތެރިޔާ މުއީނާ މުޙައްމަދު އާ އަދި އަރަމުން އަންނަ ޓީޓީ ތަރި ޢާއިޝަތު ރަފާ ނާޒިމް އާއެކު ވޯލްޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ޑިވިޝަންގައި ވާދަކޮށް ބައެއް ސެޓްތައް ވެސް އޭނާ ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ވޭލްސް ގެ ޓީމާއި ދެކޮޅަށް ކުޅެ އޭނާ ދެ ސެޓް ކާމިޔާބުކުރި މެޗް ފާހަގަކޮށްލެވެއެވެ.
ކޮންމެއަކަސް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ވެގެން ދިޔައީ ޓީޓީގައި ދީމާ އުއްމީދުކޮށްގެންހުރި އެތައް ކަމެއް އޭނާއަށް ހާސިލްވި މުބާރާތަކަށެވެ. ރާއްޖެ ތަމްސީލް ކުރަމް ފުރުސަތުލިބުމުގެ އިތުރުން އޭނާއަށް ވަރަށް ހާއްސަ އުފަލެއް މި މުބާރާތުގެ ތެރެއިން ހާސިލްވިއެވެ. ޓީޓީގައި އޭނާ އައިޑޮލްއެއްގެ ގޮތުގައި ދެކެމުންއައި އަދި ވޯލްޑް ޗެމްޕިއަންޝިޕާއި، އޮލިމްޕިކްސްއިން ރަން މެޑަލް ހޯދައިފައިވާ ޗައިނާގެ ޓީޓީ ކުޅުންތެރިޔާ ޑިންގ ނިން އާ ބައްދަލުވީ މި މުބާރާތުގެ ތެރެއިންނެވެ. މިހާ ޅަ އުމުހުގައި ޑިންގ ނިންއާ ބައްދަލުވެދާނެކަމަށް ކުރިން ދީމާއަށް ހީވެސް ކުރެވިފައެއް ނެތެވެ.
“އަހަރެންގެ ހުވަފެނެއް އެއީ ކުޅިވަރުގައި އަހަރެންގެ ގައުމު ފަޚްރުވެރިވާ ފަދަ ކާމިޔާބެއް ހޯދުން. އެކަމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްވެސް ކުރަން. އަހަރެން މިހިރީ ޑިންގނިން އާ ބައްދަލުކުރަން ކެތްމަދުވެފަ. އޭނަގެ ކުޅުން ވަރަށް ބަލާޖިތްވޭ. އެއީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއް. އަބަދުވެސް އޭނަ ކުޅޭނީ މޮޅުވާން.” ވޯލްޑް ޗެމްޕިއަންޝިޕްގެ ކުރިން ބޭރުގެ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ދީމާ ބުނެފައިވެއެވެ.
ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ވާދަކޮށް ލިބުނު އިތުބާރާއެކު ދީމާ މިހާރު ދެކެމުންއަންނަ އެހެން ހުވަފެނެއްވެސް އެބައޮތެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރުމެވެ. އޮލިމްޕިކްސްގައި މިހާތަނަށް އަދި ދިވެހި ޓީޓީ ކުޅުންތެރިއަކު ވާދަކޮށްފައެއް ނުވެއެވެ. ވޯލްޑް ޗެމްޕިއަންޝިޕަކީ ޑިޥިޝަންތަކަށް ބަހައިގެންދާ މުބާރާތަކަށްވިޔަސް އޮލިމްޕިކްސް އެއާ ތަފާތެވެ. އެއީ ވަކި ފެންވަރެއްގެ ކުޅުންތެރިންނަށް ނޫނީ ވާދަ ނުކުރެވޭނެ މުބާރާތަކަށް ވާތީ އެހިސާބަށް ދާން އޮތް މަގު ކިތަންމެހާވެސް އުނދަގުލެވެ. އެކަމަކު ދީމާ މިހާތަނަށް ހޯދި ކާމިޔާބީއާއި ޓީޓީގައި ކުރިއަށްދާން ކުރާ މަސައްކަތަށް ބަލާއިރު އެއީ ނުވާނެ ކަމެއް ކަމަށް ނިންމުން އަދި މާ އަވަހެވެ.
Advertisement
Leave a Reply
[…] […]