އާ ކޯޗާއެކު ކުޅުންތެރިންނަށް ހަރުކަށި ގަވާއިދުތަކެއް
ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމާ މިދިޔަ މެއި މަހު ހަވާލުވި ހަވާލުވި ތޯމަސް ޓުޗެލް އެޓީމުގެ ކުޅުންތެރިންނަށް ހަރުކަށި ގަވާއިދުތަކެއް ކަނޑައަޅައިފިއެވެ.
ނޭމާ އާއި ކިލިއަން އެމްބާޕޭ ފަދަ ކުޅުންތެރިން ހިމެނޭ ޕީއެސްޖީ ކުޅުންތެރިންނަށް ޓުޗެލް އެންމެ ފުރަތަމަވެސް މަނާކުރި ކަމަކީ ރަހްމަތްތެރިންނާއެކު ދަންވަރު ނައިޓް ކްލަބްތަކުގައި ވަގުތު ހޭދަކުރުމެވެ. ބައެއް މީޑީއާ ރިޕޯޓުތައް ބުނާގޮތުން ޓުޗެލް ވަނީ ޕީއެސްޖީގެ ކުޅުންތެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ނައިޓް ކްލަބްތަކުގެ ސްޓާފުންނާވެސް ވާހަކަ ދައްކާފައެވެ. މިގޮތުން ޕީއެސްޖީގެ ކުޅުންތެރިއަކު ރޭގަނޑުގެ ލަސް ގަޑިތަކުގައި ކްލަބްގައި އުޅޭނަމަ ޓުޗެލްއާ އެ މައުލޫމާތު ހިއްސާކުރަން އޭނާ އެދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ކުޅުންތެރިން ވީހާވެސް ފިޓުކޮށް ބޭތިއްބުމަށް ޓުޗެލް،44، ވަނީ އެޓީމުގެ ކުޅުންތެރިންނަށް ފިޒީ ޑްރިންކްސް މަނާކޮށް ފާސްޓް ފުޑް ފަދަ ތަކެތި ކެއުމުގައި މިންގަނޑު ކަނޑައަޅާފައެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ ވަނީ ކުޅުންތެރިން އާއްމުކޮށްދާ ރެސްޓޯރެންޓް ތަކަށްވެސް ޒިޔާރަތް ކޮށްފައެވެ. މީގެ ތެރޭގައި އެމްބާޕޭ އާއި ޑެނީ އަލްވޭސްގެ އިތުރުން މާކުއީނިއޯ އާއްމުކޮށް ގޮސްއުޅޭ ސެސަރ ރެސްޓޯރެންޓާއި ޕީއެސްޖީގައި ތިބި ސައުތު އެމެރިކާ ގިނަ ކުޅުންތެރިންތަކެއް އާއްމުކޮށްދާ ވޮލްވާ ރެސްޓޯރެންޓް ހިމެނެއެވެ.
މި ގަވާއިދުތަކާއެކު ޓުޗެލް ވަނީ އަނިޔާއިން ރަނގަޅުވުމަށް ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ބްރެޒިލްގެ ޑެނީ އަލްވޭސްގެ ކެއުމަށް ހާއްސަ ޑައިޓް މެނޫއެއްވެސް ދީފައެވެ. ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަލްވޭސްގެ ކަކުލު ހުޅަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާއަށް ވަނީ ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލް ޓީމުން ޖާގަ ގެއްލިފައެވެ.
އާ ސީޒަނަށް ތައްޔާރުވާ ޕީއެސްޖީގެ މިފަހަރުގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ލީގުގެ ކުރިން އެކުވެރިކަމުގެ މެޗުތަކެއް މިހާރު ކުޅެމުންދާ ޕީއެސްޖީ އެންމެ އަވަހަށް ކުޅޭ އެކުވެރި ކަމުގެ މެޗުގައި އަންނަ ހޮނިހިރު ދުވަހު ސިންގަޕޫރުގައި ނުކުންނާއި އިންގްލެންޑް ގެ އާސެނަލާއި ދެކޮޅަށެވެ.
އުނެއި އެމެރީގެ ބަދަލުގައި ޕީއެސްޖީން ޓުޗެލް އެޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ މޭމަހުއެވެ. މީގެ ކުރިން އޭނާ އިރުޝާދު ދިނީ ބުރޫޝިޔާ ޑޯޓްމަންޑަށެވެ. އެ ކްލަބުގައި ހޭދަކުރި ތިން ސީޒަނުގައި ޓުޗެލް ވަނީ ޖާމަން ކަޕް 2016 ވަނަ އަހަރު ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައެވެ.
Advertisement
Leave a Reply