ގޯލްޑަން ފުޓްސަލްގައި ތިން އަތޮޅެއްގެ ޗެމްޕިއަންކަން ކަށަވަރު ވެއްޖެ

Advertisement

ގޯލްޑަން ފުޓްސަލްގައި ތިން އަތޮޅެއްގެ ޗެމްޕިއަންކަން ކަށަވަރު ވެއްޖެ

ޢަލީ ޝަހީމް
ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ނައިފަރު ޓީމް ތަށި އުފުލާލަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މިހާރު މާލޭގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ތިން އަތޮޅަކުން ޗެމްޕިއަންކަން ކަށަވަރު ކޮށްފިއެވެ.

ޗެމްޕިއަންކަން ކަށަވަރުކުރީ ބ.އޭދަފުއްޓާއި ޅ. ނައިފަރުގެ އިތުރުން ކ. މާފުށްޓެވެ.

Advertisement

އޭދަފުށި އަތޮޅު ޗެމްޕިއަންކަން ކަށަވަރު ކުރީ ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި 1-18 އިން އެ އަތޮޅު ކުޑަރިކިލު ބަލިކޮށްގެންނެވެ. އޭދަފުއްޓަށް އަތޮޅު ޗެމްޕިއަންކަން ލިބުނީ 2015 ވަނަ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން ހިތާދޫއާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެ ފައިދާ ގޯލު އިތުރުވުމުންނެވެ. ހިތާދޫ ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 10-2 އިން ތުޅާދޫ ބަލިކޮށްފައެވެ. ދެޓީމަށްވެސް ތިންމެޗުން 7 ޕޮއިންޓް ލިބުނުއިރު އޭދަފުއްޓަށް ޗެމްޕިއަންކަން ލިބުނީ ފައިދާ ފަސްގޯލު އިތުރުވުމުންނެވެ. ބ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީގެ އަޙްމަދު އަޝްރަފެވެ.

ބ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ އަދި އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާ އޭދަފުށީގެ އަޙްމަދު އަޝްރަފަށް ޓްރިފީ ހަވާލުކޮށްދެއްވަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ޅ. އަތޮޅުގެ ޗެމްޕިއަންކަން ނައިފަރު ހޯދީ ހިންނަވަރުގެ މައްޗަށް ދެ ލެގުން ކުރި ހޯދައިގެންނެވެ. ޅ. އަތޮޅުން މުބާރާތުގައި ބައިވެރިވީވެސް މި ދެރަށުންނެވެ. ފުރަތަމަ މެޗު 3-1 އިން ނައިފަރު ކާމިޔާބު ކުރިއިރު ދެވަނަ މެޗު އެޓީމު ކާމިޔާބު ކުރީ 2-1 އިންނެވެ. ދެމެޗުގެ އެގްރިގޭޓުން ނައިފަރަށް ޗެމްޕިއަންކަން ލިބުނީ 5-2 ގެ ނަތީޖާއަކުންނެވެ. ޅ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ނައިފަރު ޓީމުގެ ހުސައިން ޝާރިފް އެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ނައިފަރު ޓީމުގެ މަޖްދާން ސޯލިހަށެވެ.

ހަތަރު ޓީމަކުން ބައިވެރިވި ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މާފުއްޓެވެ. މާފުށި ޗެމްޕިއަންކަން ހޯދީ ދެމެޗުން މޮޅުވެ އެއްމެޗު އެއްވަރުކޮށް ޖުމްލަ 7 ޕޮއިންޓާއެކުއެވެ. ފުރަތަމަ މެޗުގައި ގުރައިދޫއާ ވާދަކުރި މެޗު 3-3 އިން އެއްވަރުވި އިރު އޭގެ ފަހުން ކުޅުނު ހިންމަފުށި އަދި ގުޅީގެ މައްޗަށް އެޓީމުން ކުރި ހޯދާފައެވެ. 5-2 އިން ހިންމަފުށި ބަލިކުރިއިރު ޗެމްޕިއަންކަން ކަށަވަރުކުރީ 7-1 އިން ގުޅި ބަލިކޮށްގެންނެވެ. ކ. އަތޮޅު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މާފުށީ ޓީމުގެ ހަސަން އިމްރާން އެވެ.

ކ. އަތޮޅު މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން އިމްރާން. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މި ތިން އަތޮޅުގެ ޗެމްޕިއަނުން ދެން ވާދަކުރާނީ ޒޯން މުބާރާތުގައެވެ. އޭދަފުއްޓާއި ނައިފަރު އަދި މާފުށީގެ އިތުރުން ހދ. ނައިވާދޫ އާއި އެ އަތޮޅު ކުމުންދޫންވެސް ވަނީ ޒޯންގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެ ދެޓީމަށް ޒޯން އިން ފުރުސަތު ލިބުނީ ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އަތޮޅު ބުރުގެ ގްރޫޕްގެ އެއްވަނަ ޓީމަށް ވުމުންނެވެ. ހދ. އަތޮޅުން 7 ރަށަކުން ވާދަކުރިއިރު ފައިނަލް މެޗުގައި ނާވައިދުއާއި ކުމުންދޫ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރެއެވެ.

55 ރަށަކުން ވާދަކުރާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު އަންނަ ހުކުރު ދުވަހުގެރޭ ނިމޭއިރު ޒޯން ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *