މުޅި ޔޫރަޕް ދޮނުން ކަޅަށް ބަދަލުވަނީ!
ޔޫރަޕޭ ބުނީމާ ހިތައް ސިފަވާނީ ދޮން މީހުންނެވެ. ކުލައަލި މީހުންނެވެ. ޔޫރަޕް ތަމްސީލުކުރާ ކުޅިވަރު ޓީމެއް ކޮންމެ ކިޓެއްގައި ކުޅުނަސް އެކުޅެނީ ޔޫރަޕް ޓީމެއްކަން ބަލަންތިބޭ އެންމެންނަށްވެސް އެކުޅޭމީހުންގެ ހަމަށް ބަލާލާފައި ބުނަން ދާދި ފަސޭހައެވެ. އެކަމަކު މިކަން ކުރިއަށް އޮތްތާނގައި އެގޮތަށް އޮވެދާނެބާވައޭ މިހާރު ސުވާލު އުފައްދާ ހާވެއެވެ.
މިއަހަރުގެ ވޯލްޑް ކަޕް ފްރާންސް ކާމިޔާބު ކުރުމާއެކު ސޯޝަލްމީޑިއާގައި އެންމެ މަޝްހޫރުވި އެއް ވާހަކައަކީ އެފްރިކާއިން ވޯލްޑްކަޕް ކާމިޔާބުކުރިކަމަށް ބުނެ މީހުން ދައްކަމުން އަންނަ ވާހަކައެވެ. ގިނަ ބަޔަކަށް މިއީ މަޖާ ވާހަކައަކަށްވިޔަސް ފްރާންސްގެ އިސް ބައެއް އޮފިޝަލުންނަށް މިކަން ވީ ހަޖަމްކުރަން ދަތިވި ސީރިއަސް ވާހަކައަކަށެވެ. ބައެއް ގައުމުތަކުގެ ޓީވީ ޝޯތަކުގައި މިކަން ފާހަގަކުރުމުން އެގައުމު ތަކުގައި ތިއްބަވާ ފްރާންސް އެމްބެސެޑަރުން އެކަމަށް ރައްދުދެއްވާ ސިޓީ ފޮނުއްވާނީ މިކަން ހަމަ ވަރަށް ސީރިއަސް ކޮށް ނެގުނީމައެވެ.
ޔޫރަޕްގެ އިސްތިއުމާރީ ދުވަސްތަކަށްފަހު އިސްތިއުމާރުކުރި އެފްރިކާގެ ގައުމުތަކުގެ ގިނަ ބަޔަކު ޔޫރަޕަށް ހިޖުރަކޮށް ދިރިއުޅެން ފެށުމާއެކު ޔޫރަޕްގައި ކަޅު ނަސްލުގެ މީހުން އިތުރުވެ އޭގެތެރެއިން މޮޅެތި ފުޓްބޯޅަ ކުޅުންތެރިންނާއި އެހެނިހެން ހުނަރުވެރިން އުފެދެން ފެށިއެވެ. ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އެމީހުން އަންނަނީ ތޮށިގަނޑު ފަޅާލާފައި ބޭރަށް ނުކުންނަމުންނެވެ. ކަޅު ނަސްލުގެ ގިނަ ކުޅުންތެރިންތަކެއް ޔޫރަޕްގެ ބައިނަލް އަގްވާމީ ފުޓުބޯޅައާއި ކްލަބް ފުޓްބޯޅައިގައި އެންމެ މަތީ ފަންތީގައި ވިދާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އެކަމަކުވެސް އެކުޅުންތެރިންނާއި ނަސްލީގޮތުން ދިމާކުރުމަކީ ޔޫރަޕްގައި ކުރިންވެސް އަދި މިހާރުވެސް ބޮޑު މައްސަލައެކެވެ. ވަކިވަކި ކުޅުންތެރިންނަށް ފާޑުފާޑުގެ ނަންނަމުން ގޮވުމާއި މަންކީ ޑާންސް ޖެއްސުމާއި އަދި ޓަޗްލައިންގައި ކަޅު ނަސްލުގެ ކުޅުންތެރިން ވޯމްއަޕް ކުރާއިރު އަދި އެއްލުންތަކާއި ކޯނަރުތަކަށް އެފަދަ ކުޅުންތެރިން ދަނޑުބޭރަށް އަންނައިރު އެކުޅުންތެރިންނާއި ދިމާލަށް ދޮންކެޔޮ އުކުމަކީ ދޭތެރެދޭތެރެއިން ފެންނަ މަންޒަރުތަކެވެ.
ފުޓްބޯޅައާއި ބެހޭ ޖަމިއްޔާތަކުން މިކަން ހުއްޓުވުމަށް ތަފާތު އެތަކެއް ކެމްޕޭންތައް ހިންގާއިރުވެސް މިކަމުގެ އަސަރު އެއްކޮށް ފިލުވައެއް ނުލެވެއެވެ. އެކަމަކު ނިމިގެންދިޔަ ވޯލްޑްކަޕްގައި އެފަދަ ހާދިސާތައް ރެކޯޑްކުރެވިފައި ވާކަމީ ވަރަށްބޮޑު ކާމިޔާބެއްގެ ގޮތުގައި ބެލިދާނެއެވެ. ސަބަބަކީ ރަޝިޔާ އަކީ ނަސްލީތަފާތުކުރުމުގައި އަރާހުރި ގައުމަކަށްވުމެވެ. އެ ޤައުމުގެ މަޝްހޫރު ޓީމުތައްކަމަށްވާ ސްޕާޓަކް މޮސްކޯ އާއި ލޮކޮމޯޓިވް މޮސްކޯ އަދި ޒެނިތުގެ ސަޕޯޓަރުންގެ ފަރާތުން އެފަދަ ބައިވަރު ކަންތައްތައް މީގެ ކުރިން ވަނީ ފެނިފައެވެ. ރަޝިޔާގައި އެކަމުގެ ސަބަބުން ހިތް ކުދިކުދިވި ތަރިއަކަށް ބުރެޒިލް އަދި ރެއާލް މެޑްރިޑް ލެޖެންޑް ރޮބާޓޯ ކާލޯސް ވާނެއެވެ. އެކަމަކު އެވާހަކަ އެހެން ފަހަރަކަށް ބާއްވަމާ ހިނގާށެވެ.
ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ އެފްރިކާ ނޫނަސް ކެރީބިއަން އާއި އަދި ބްރެޒިލްފަދަ މަޝްހޫރު ޤައުމުތަކުން އަންނަ ކުޅުންތެރިންނާއި އަދި ހަމުގެ ކުލަ އަނދިރި ނޫނަސް އުތުރު އެފްރިކާގެ އަލްޖީރިއާ، މިސްރު އަދި ތޫނިސް ފަދަ ގައުމުތަކުން އަންނަ ކުޅުންތެރިންނަށްވެސް ނަސްލީގޮތުން ޔޫރަޕްގައި ދިމާކޮށް ހަދާކަމެވެ. މިހުރިހާ ގޮންޖެހުންތަކާއެކުވެސް އެފަދަ ކުޅުންތެރިން ޔޫރަޕްގެ ފުޓްބޯޅައިގައި ހޯދަމުންދާ ކާމިޔާބީއަކީ ފާހަގަކޮށްލަންޖެހޭ މުހިއްމުކަމެކެވެ. މިހާ ހިސާބުން ޔޫރަޕްގެ މަޝްހޫރު ގައުމުތަކުގެ ފުޓްބޯޅައިގަ ކަޅު ކުޅުންތެރިން ގެ ބައިވެރިވުން ހުރިވަރެއް ބަލައިލަމާ ހިނގާށެވެ.
އިނގިރޭސިވިލާތް
އިނގިރޭސި ވިލާތަކީ ނިސްބަތުން ބަލާއިރު ކަޅު ނަސްލުގެ ކުޅުންތެރިން ގިނަ ގައުމެކެވެ. އިނގިރޭސި ގައުމީޓީމަކަށް އެންމެ ފުރަތަމަ ކުޅުނު ކަޅު ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ 1978 ގައި ޗެކޮސްލެވޭކިޔާއާއި ދެކޮޅަށް ކުޅުނު ވިވް އެންޑަރސަންއެވެ. އެހެންނަމަވެސް އިނގިރޭސި ސްކޫލް ލެވެލްގެ ގައުމީޓީމަށް ބެންޖަމިން އޮޑީޖޭ ކިޔާ ކަޅު ނަސްލުގެ ކުޅުންތެރިއަކު ނޮދަން އަޔަލެންޑާއި ދެކޮޅަށް 1971 ގައި ކުޅުނުކަން ރެކޯޑުތަކުން އެނގެއެވެ. އަދި އިނގިރޭސި ގައުމީޓީމަށް 53 މެޗް ކުޅެދިން ޕޯލް އިންސްވަނީ ފުރަތަމަ ކަޅު ކެޕްޓަންގެ ގޮތުގައި ރެކޯޑްފޮތުން ޖާގަ ހޯދާފައެވެ. އިންސް ކެޕްޓަނެއްގެ ގޮތުގައި ފުރަތަމަ ނިކުތީ 1993 ވަނަ އަހަރު އެމެރިކާ އާއި ދެކޮޅަށެވެ. މީގެ އިތުރުން ޖޯންސް ބާންސް (79 މެޗް) އާއި އިއާންރައިޓް (33މެޗް)، ސޮލް ކެމްބްލް (73މެޗް) ، އެމިލް ހެސްކީ (62 މެޗް) ، ރިއޯ ފާޑިނަންޑް (81 މެޗް) އަދި އޭޝްލީކޯލް (107 މެޗް) އަކީ ކުރީގެ މަޝްހޫރު ކުޅުންތެރިންނެވެ. މިއަހަރުގެ އިނގިރޭސި ވޯލްޑްކަޕް ސްކޮޑްގައި ކަޅު ނަސްލަށް ނިސްބަތްވާ ކުޅުންތެރިންގެ ޢަދަދު 11 (% 48) އަށް އަރައެވެ. އޭގެތެރޭގައި ލިންގާޑް، ޔަންގް، ރަޝްފޯޑް، ޑެލީއަލީ، ރަހީމް ސްޓާލިނގް އަދި ޑެނީ ވެލްބެކް ހިމެނެއެވެ.
ބެލްޖިއަމް
ބެލްޖިއަމްގެ ޤައުމީޓީމަށް އެންމެ ފުރަތަމަ ކުޅުނު ކަޅު ނަސްލުގެ ކުޅުންތެރިޔަކީ ކޮންގޯ ދަރިކޮޅުގެ ޑިމިތްރީ އެމްބުޔޫ އެވެ. ބެލްޖިއަމް އަށް އުފަން މިކުޅުންތެރިޔާ ޤައުމީ ޓީމަށް ފުރަތަމަ ކުޅުނީ 1987 ވަނަ އަހަރު ޕޯޗުގަލް އާއި ދެކޮޅަށެވެ. 2018 ގެ ވޯލްޑްކަޕްގައި 3 ވަނަ ހޯދި ބެލްޖިއަމް ޓީމުގައި ކަޅު ނަސްލަށް ނިސްބަތްވާ 7 ކުޅުންތެރިން (%30) ހިމެނުނެވެ. އޭގެތެރޭގައި ބެލްޖިއަމް ޓީމަށް އެންމެ ގިނަ ގޯލް މިހާތަނަށް ޖަހައިދީފައިވާ ލުކާކޫ ފާހަގަކޮށްލެވެއެވެ. ލުކާކޫ ވަނީ 74 މެޗުން 40 ގޯލު ހަމަކޮށްފައެވެ. އަދި މީގެ އިތުރުން 95 މެޗްކުޅެދިން ވިޓްސެލް އާއި 81 މެޗް ކުޅެދިން ކޮމްޕެނީއާއި 79 މެޗް ކުޅެދިން ޑެމްބެލޭ އާއި 25 މެޗް ކުޅެދިން އޮރީގީ އަކީވެސް ބެލްޖިއަމްޓީމުން ފާހަގަކުރެވޭ ތަރިންނެވެ.
ފްރާންސް
ފްރާންސް މިފަހަރު ވޯލްޑްކަޕް ކާމިޔާބުކުރުމުން “މަރުހަބާ އެފްރިކާ” ގެ މީމްތައް ސޯޝަލް މީޑިޔާގައި ފެތުރުނީ ސަބަބެއް ނެތިއެއްނޫނެވެ. ފްރާންސަކީ ކަޅު ނަސްލުގެ ކުޅުންތެރިން ގިނަ ގައުމެކެވެ. އަދި ކަޅު ނަސްލުގެ ކެޕްޓަނުންވެސް ގިނައިން ފެންނަ ގައުމެކެވެ. ފްރާންސް ޓީމަށް ކަޅުނަސްލުގެ ކުޅުންތެރިއަކު ފުރަތަމަ ކުޅުނުފަހުންވެސް މިހާރު 100 އަހަރު ވާންދަނީއެވެ. މިޝަރަފު ފުރަތަމަ ހޯދީ 1931 ގައި ރައުލް ޑިއާނޭ އެވެ. ފްރެންޗް ގަޔާނާއަށް އުފަން ސެނެގާލް ދެމަފިރިންނަށް ލިބުނު ޑިއާނޭ ފްރާންސް ޓީމާއެކު ފުރަތަމަ ނިކުތީ ޗެކޮސްލެވޭކިޔާ އާއި ދެކޮޅަށެވެ. ފަހުގެ ވޯލްޑް ކަޕް ތަކުގައި ފްރާންސް ޓީމުން ގިނަ އަދަދެއްގެ ކަޅު ކުޅުންތެރިން ފެނިގެން ދިޔައެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ ފްރާންސްޓީމަށް މިހާތަނަށް އެންމެ ގިނަ މެޗް ކުޅެދީފައިވާ ފަސްކުޅުންތެރިންނަކީ އެފުރިކާ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް ވާކަމެވެ. އެއީ ތުރާމް (142 މެޗް) ، އޮންރީ (123މެޗް) ޑެސައިލީ (116 މެޗް)، ޒިދާން (108 މެޗް) އަދި ވިއެރާ (107 މެޗް) އެވެ. މީގެ އިތުރުންވެސް ކަޅުނަސްލަށް ނިސްބަތްވާ ކުރީގެ މަޝްހޫރު ކުޅުންތެރިން ބައިވަރެވެ. އޭގެތެރޭގައި ވިލްޓޯޑް (92 މެޗް) ، ގަލަސް (84 މެޗް) ، އެވްރާ (81 މެޗް)، މަލޫޑާ (80 މެޗް)، ޓްރެޒެގޭ (71 މެޗް)، މަކަލޭލޭ (71 މެޗް) އަނެލްކާ (69 މެޗް) އަދި އަބީދާލް (67 މެޗް) ހިމެނެއެވެ. 2018 ގެ ތަށި ހޯދި ޓީމުގައި ކަޅު ނަސްލަށް ނިސްބަތްވާ 14 ކުޅުންތެރިން (%61) ހިމެނެއެވެ. މީގެތެރޭގައި ގިނައީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ތަރިންނެވެ. ޓީމުގެ މައިބަދަ ކަމުގައިވާ ކާންޓޭ އާއި ޕޮގްބާ އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމުހޯދި އެމްބާޕޭ އަކީ ކަޅު ނަސްލުގެ ކުޅުންތެރިންނެވެ. ފްރާންސްޓީމު ހުސް ކަޅު ނަސްލު ކުޅުންތެރިންނާއެކު ނިކުމެ ކުޅޭތަން ފެނުމަކީ ހަމަ ދާދިގާތުގައި ވާ ކަމެއްހެން ހީވެއެވެ.
ޕޯޗްގަލް
ޕޯޗްގަލް ޓީމަށް އެންމެ ފުރަތަމަ ކަޅު ނަސްލުގެ ކުޅުންތެރިއަކު ކުޅުނީ 1937 ވަނަ އަހަރުއެވެ. ލިޒްބަން އަށް އުފަން އެސްޕިރީޓޯ ސަންޓޯ ޕޯޗްގަލް ޓީމާއެކު އެންމެ ފުރަތަމަ ނިކުތީ ސްޕޭންއާއި އިދިކޮޅަށެވެ. 1965 ގައި ބެލެންޑޯރ ކާމިޔާބުކުރި ޔޫސޭބިޔޯ އަކީ އެފްރިކާ ދަރިކޮޅުގެ ކުޅުންތެރިއެކެވެ. ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ ބުރެޒިލްގެ ކަޅު ނަސްލުގެ ޕެލޭ އާއި އެއް ހަމައެއްގައި އެއްބަޔަކު މިންކުރާ ޔޫސޭބިއޯ އަކީ ޕޯޗްގަލްގެ ކެޕްޓަންކަން 1960 ގެ އަހަރުތަކުގައި ކުރި ކުޅުންތެރިއެކެވެ. އޭގެ ފަހުން އައި މަޝްހޫރު ކަޅު ކުޅުންތެރިންގެ ތެރޭގައި ރުއިކޯސްޓާ އާއި ބުރޫނޯ އަލްވޭސް ހިމެނެއެވެ. 2016ގެ ޔޫރޯ ކާމިޔާބު ކުރިއިރު މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ ޕޯޗްގަލްގެ ރެނާޓޯ ސަންޗޭޒް އެވެ. އަދި އެމުބާރާތުގެ ފައިނަލްގައި ޕޯޗްގަލްއިން ފުރާންސްކޮޅަށް ލަނޑުޖެހި އެޑަރ އާއި އެޓީމު ނާނީ އަކީވެސް ކަޅު ކުޅުންތެރިންނެވެ. 2018 ގެ ވޯލްޑްކަޕްގައި ޕޯޗްގަލް ސްކޮޑްގައި ކަޅު ނަސްލުގެ 6 ކުޅުންތެރިން ހިމެނުނެވެ. އޭގެތެރޭގައި ޖޯމާރިއޯ އާއި ވިލްސަން އަދި ރިކާޑޯ ހިމެނެއެވެ.
ނެދަލެންޑްސް
ޔޫރޯ 2016 އާއި މިއަހަރުގެ ވޯލްޑް ކަޕުން ނެދަރލެންޑުސް ފެނިފައިނުވާތީ މިޓީމުގެ ކުޅުންތެރިން ތަންކޮޅެއް ބީރައްޓެހިކޮށް ފެނުމަކީ އެކަށިގެންވާކަމެކެވެ. އެކަމަކު މިއީވެސް އިނގިރޭސިންނާއި ފްރާންސެކޭ އެއްފަދައިން ކަޅުކުޅުންތެރިން ގިނަ ގައުމެކެވެ. މިޓީމަށް އެންމެ ފުރަތަމަ ކުޅުނު ކަޅު ކުޅުންތެރިއަކީ 1960 ގައި ކުޅުނު ހަމްފްރީ މިހުނަލްސް އެވެ. މިއީ ކިތަންމެ އާނަމަކަށްވިޔަސް ހަމަގައިމުވެސް ރުޑްހުލިޓް އަދި ފުރޭންކް ރައިކާޑްއަކީ ފުޓްބޯޅަ ބަލާ ގިނަ ބަޔަކަށް ފަރިތަ ނަންތަކަކަށް ވާނެކަން ޔަގީނެވެ. ކަޅު ނަސްލުގެ މި ކުޅުންތެރިންނަކީ 1988 ގައި ނެދަރލެންޑްސްއަށް ޔޫރޯ ކާމިޔާބު ކޮށްދިން މޭސްތިރިންނެވެ. ހުލިޓަކީ އެޓީމުގެ ކެޕްޓަނެވެ. އަދި އޭގެފަހުން މަޝްހޫރުވި ކުލައިވަޓަކީވެސް އެންމެން ދަންނަ ނަމެކެވެ. އަދި އޭގެފަހުން އައި ސީޑޯފް އާއި ކަޅު އައިނުގެ ވެރި ޑާވިޑްސް އަކީވެސް ނަން މަޝްހޫރު ކަޅު ނަސްލުގެ ތަރިންނެވެ. ޔޫރޯ ވިއްސަށް ކޮލިފައިވުމަށް މިހާރު މިޓީމު އަމާޒު ހިފާފައިވާއިރު ކަޅު ނަސްލަށް ނިސްބަތްވާ ކުޅުންތެރިންގެ އަދަދު 7 އަށްވުރެ ގިނަކަން ފާހަގަ ކުރެވެއެވެ. އަދި ކުރިން ދެންނެވުނު ކުލައިވަޓްގެ ދަރިފުޅު ޖަސްޓިން ޑަޗްޓީމުން ދާދިއަވަހަށް ފެނުމަކީވެސް ހަމަ އެކަށިގެންވާ ކަމެކެވެ.
މަތީގައި ދެންނެވުނު ޤައުމުތަކުގެ އިތުރަށް ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ކަޅު ނަސްލުގެ ނޫނީ އެފްރިކާ ނަސްލުގެ ތަރިން ދަނީ ފެންނަމުންނެވެ. އޭގެތެރޭގައި އިޓަލީ ޓީމުގައި ހިމެނޭ ބަލެޓޮލީ އަދި އަލްޝަރަވީ އާއި ޑެންމާކް ޓީމުގެ ޖޮގެންސަން، ޕޯއުލްސަން އަދި ސިސްޓޯއާއި ޖަރުމަނު ޓީމުން ބޯޓެންގް ، ރުޑިގަރ އަދި ކެދީރާ އާއި ސްވިޓްޒަލެންޑް ޓީމުން ޖޯރަން، އަކަންޖީ، އެމްބޯލޯ އަދި ފެނާންޑެސް އަދި ސްޕޭން ޓިމުން ބްރެޒިލް ދަރިކޮޅުގެ ރޮޑްރިގޯ ފާހަގަ ކޮށްލެވެއެވެ.
ކޮންމެއަކަސް ޔޫރަޕްޓީމުތަކުގެ ކުލަ މިދަނީ ބަދަލުވަމުންނެވެ. ދޮންކުލައިން ކަޅުކުލައަށެވެ. މިއީ ދޮން މީހުންނަށް ކަޅު މީހުންގެ މައްޗަށް ހާއްސަ އިމްތިޔާޒު ތަކެއް ލިބިގެންވާ ކަމަށް މިހާރުވެސް ގަބޫލުކުރާމީހުންގެ ކަރަށް ހެރޭ ކަށްޓަކަށް ނޫނީ ނުވާނެއެވެ.
Advertisement
Leave a Reply
enme mathy team ga eyee belgium eh noon.. eyee holland team
vaanuvaa tha?