މިއީ ކުޅިވަރުގައި ހަމަ ނަމޫނާ ދެބެއިން

Advertisement

މިއީ ކުޅިވަރުގައި ހަމަ ނަމޫނާ ދެބެއިން

ޢަބްދުﷲ އަޝްރަފް
2016 ވަނަ އަހަރުގެ މަރުހޫމް ޝާހީން ފުޓްސަލް ޗެލެންޖް ސޮނެވާފުށި ރިސޯޓަށް ކާމިޔާބު ކޮށްދިނުމަށްފަހު ކިތުނާ (ކ) އަދި މާޖި (ވ) ތައްޓާއެކު. ދެކުޅުންތެރިން އަބަދުވެސް ފެންނަނީ އެއްޓީމަކުން

ތައުލީމު ހާސިލްކުރަމުން ދިޔައިރުވެސް ލައްވާލީ އެއް ހައުސްއަކަށެވެ. އެކަން ނިންމައި ވަޒީފާއަށް ނުކުތީވެސް އެއް ރިސޯޓަކަށެވެ. އެއާއެކު ސްކޫލް ދައުރުއްސުރެ ފެށިގެން ކުޅިވަރުގެ ތެރެއިން އުފެދުނު އެއްބަނޑު އެއްބަފާކަން އިތުރަށް ވަރުގަދަ ވިއެވެ. ރިސޯޓުން މާބޭރަށް އެގުޅުން ތައާރަފްވިއެވެ. ރާއްޖޭގެ އުތުރާ ދެކުނަށް އެ ދެމީހުންގެ ހުނަރު ދައްކާލަން ދަތުރުކުރީ އެކުއެކީގައެވެ. އެގުޅުމުގެ ތެރެއިން އެތައް ބަޔަކު އުފާކޮށްދިނެވެ. އަދިވެސް އެ ދެމީހުން އަންނަނީ އެންމެ މަތީ ފެންވަރުގައި އެކަން ދަމަހައްޓަމުންނެވެ. މިއީ ބ. ގޮއިދޫއަށް އުފަން އާދަމް ނިޒާމް (ކިތުނާ) އާ އިބްރާހިމް މާޖިދު (މާޖި) ގެ ވާހަކައެވެ.

ކުޅިވަރަށް އެވަރެއް ނެތް ގޮއިދޫގެ ގިނަ ޒުވާނުންނެކޭ އެއް ގޮތަށް ކިތުނާ އާއި މާޖި އަކީ ގިނަ ކުޅިވަރުތަކެއް އެއް ފެންވަރެއްގައި ކުޅޭ ދެ މީހުންނެވެ. އެކަމަކު ގިނަ ބަޔަކަށް އެ ދެމީހުން ފާހަގަވެފައި އޮތީ ވޮލީއާއި ފުޓްބޯޅައިގެ ތެރެއިންނެވެ. ކޮންމެ ކުޅިވަރެއްގައި ވާދަކުރިއަސް އެއް ޓީމަކަށް އެންމެ ކުޑައިރުއްސުރެ ކުޅެން ބޭނުންވި މި ދެކުޅުންތެރިން މިހާތަނަށް އެކުގައި ހޯދައިފައިވާ ކާމިޔާބީގެ ލިސްޓު ވަރަށް ދިގެވެ. ފުރަތަމަ ވޮލީ އިން ފަށަމާ ހިނގާށެވެ. އިންޓަރ ރިސޯޓް ވޮލީ މުބާރާތުގައި މިހާތަނަށް ސޮނެވާފުށި ހޯދި އެންމެ ބޮޑު ކާމިޔާބީ މިދިޔަ އަހަރު ހޯދިއިރު އެ ޓީމުގައި އެ ދެމީހުން މުހިއްމު ދައުރެއް އަދާކުރިއެވެ. ރިސޯޓްތަކުގެ މެދުގައި މިހާތަނަށް ބޭއްވި ބީޗްވޮލީ ތިން މުބާރާތުގެވެސް ތަށި ސޮނެވާއަށް ކާމިޔާބުކޮށްދިނީ މި ދެކުޅުންތެރިންގެ ޕެއާ އެވެ. މި ދެކުޅުންތެރިން މުބާރާތުގެ ތަށި މިލްކުކުރި ފަހުން މުބާރާތް ބާއްވައިފައެއްވެސް ނުވެއެވެ.

Advertisement

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2016 ވަނަ އަހަރު އޭދަފުއްޓަށް ކާމިޔާބު ކޮށްދިނުމަށްފަހު ކިތުނާ (މެދުގައި ތަށި ހިފައިގެން) އަދި މާޖި (ވ) ގައި. ތަށި ހޯދުމުގައި މި ދެކުޅުންތެރިންގެ ހިއްސާވެސް ބޮޑު. ފޮޓޯ: ފޭސްބުކް

ދެން އޮތީ ފުޓްބޯޅައިގެ ވާހަކައެވެ. ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެޓޯލް ފުޓްބޯލް ޗެލެންޖް ތިން ފަހަރު އެ ދެކުޅުންތެރިންގެ އެހީތެރިކަމާއެކު ގޮއިދޫއަށް ކާމިޔާބުކޮށްދިނެވެ. ފުޓްބޯޅައިގައި މުޅި ރާއްޖެއަށް މަޝްހޫރު އޭދަފުށި 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ތަށި ނެގިއިރު އެ ކާމިޔާބީގެ ފަހަތުގައިވެސް އެ ދެކުޅުންތެރިންގެ ހިއްސާ ބޮޑެވެ. އަދި، މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގަށް ކުޑަކުޑަ ފެހެންދޫ ކޮލިފައިކޮށްދިނުމުގައިވެސް އެދެމީހުންގެ ގުޅުން މުހިއްމު ދައުރެއް އަދާކުރިއެވެ.

އޭދަފުށްޓާއި ފެހެންދޫގެ އިތުރުންވެސް ކިތުނާއާއި މާޖިގެ ހިދުމަތް ހޯދި ރަށްރަށް ވަރަށް ގިނަ އެވެ. އެއީ މީގެ ތޭރަ ވަރަކަށް އަހަރުކުރިން ފެށިގެންއައި ސިލްސިލާއެކެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ފެހެންދޫއާ ޓީސީ ވާދަކުރި މެޗުގައި މާޖި ބޯޅަ ފޮނުވާލަނީ. ލީގުގައި ފެހެންދޫ ޓީމަށް އެންމެ މޮޅު ކުޅުމެއް ދައްކާ އެއް ކުޅުންތެރިއަކީ މާޖި

“އެންމެ ފުރަތަމަ ދިޔައީ މ. އަތޮޅު މުލަކަށް. އެއީ އެ އަތޮޅުގެ އަތޮޅު މުބާރާތަށް. އެފަހަރު ލިބުނީ ރަނައަޕް ކަން. ދެން ޖެހިގެންއައި އަހަރު ކުޅުނީ ތޮއްޑޫ ސޯސަން ކްލަބަށް. އެއީ މާލޭގަ އޮތް ޒޯން ޗެމްޕިއަނުންގެ މުބާރާތުގަ. އެ ދެފަހަރުވެސް އަހަރެމެން ދެ މީހުން ކުޅުނީ އެއްކޮށް.” ރަށުން ބޭރުޓީމުތަކަށް ކުޅެން ފެށުނު ގޮތް ކިޔައިދެމުން ކިތުނާ ބުންޏެވެ.

އެހިސާބުން އެ ދެކުޅުންތެރިންގެ ކުޅުން އެތައް ބައެއްގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގައި ކުޅުމަށް ދައުވަތު ލިބެންފެށިއެވެ. ގިނަ ފަހަރަށް ދެމީހުންނަށް އެއްކޮށެވެ. ބައެއް ފަހަރަށް ވަކިންނެވެ. އެކަމަކު ވަކިން މުބާރާތަކަށް ދިއުމަކީ އެއިން އެއްކުޅުންތެރިޔަކުވެސް އެހާ ގަޔާވާ ކަމަކަށް ނުވެއެވެ. އެ ސަބަބާހުރެ ޓީމުތަކަށް ބައެއްފަހަރު ދެ މީހުން އެއްކޮށް ގެންގޮސްގެން ނޫނީ ފަރުޖެއްސެންނެތް ފަހަރުވެސް އައިސްފައި އެބަހުއްޓެވެ.

އައްޑޫ ސިޓީގައި ކުރިން ބާއްވަމުންއައި އަގުބޮޑު މުބާރާތެއް ކަމަށްވާ ޖުނާ ކަޕަށް މި ދެކުޅުންތެރިން ގެންދިޔަ ޓީމަށް ކުރަންޖެހުނީ މި ތަޖުރިބާއެވެ.

“އަތޮޅު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ނެގިފަހަރު އެމީހުން ގުޅީ ފުރަތަމަ މަށަށް. ގުޅާފަ ބުނީ މުބާރާތް ކުޅެން އާދެވޭނެހޭ. މަބުނިން ނުއެއް ދާނަމޭ ކިތުނާ ނުދަންޏަކާ. ހަމަ އެ ޖަވާބު ފުރަތަމަވެސް ދިނީ. އޭރު އެމީހުން ކިތުނާއަކަށް ނުވެސް ގުޅާ. ދެން ކިތުނާއާ އެކީ ނުދާނަމޭ ބުނީމަ ދެމީހުން އެއްކޮށް ދިޔައީ” އަދި މިހާތަނަށް ވާދަވެރި މެޗެއްގައި ދުވަހަކުވެސް ކާޑެއް ދައްކައިފައިނުވާ މާޖި “ފަހުމިނެޓް” އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުންޏެވެ.

މިއަހަރުގެ ވޮލީ ޗެމްޕިއަންސް ލީގުގައި ކިތުނާ (މެދުގައި) އަދި މާޖި (ވާތް ފަރާތުން އެންމެ ފަހަތުގައި) ސޮނެވާފުށި ކުޅުންތެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން. ގިނަ ކުޅިވަރުތަކެއްގައި މިއީ ފާހަގަ ކޮށްލެވޭ ދެ ޒުވާނުން ފޮޓޯ: ފޭސްބުކް

އެކަން އެގޮތަށް ކުރަން އެ ދެކުޅުންތެރިން ބޭނުންވާ ސަބަބަތަކެއްވެސް އެބަހުއްޓެވެ. އެންމެ ކުޑައިރުއްސުރެ އެކީ ގައި ކުޅެމުން އައުމުގެ ސަބަބުން ދެ މީހުންނަށްވެސް އެކަކު އަނެކެއްގެ މޫވްތައް ހިތުދަހެވެ. އެކަކަށް ފަސޭހަވާނެ ގޮތް އަނެކަކަށް އެނގެއެވެ. އެދެކުޅުންތެރިން ކުޅޭ ކޮންމެ ޓީމެއް ކާމިޔާބާ ހަމައަށް ދެވުމުގެ ސަބަބަކަށްވެސް އެކަންވެއެވެ.

“އަސްލު އަހަރެމެން އެކަކު އަނެކަކަށް ހެދޭ މިސްޓޭކްތައް ކިޔައިދެނީ. މިސާލަކަށް ބީޗްވޮލީ ދެމީހުން ކުޅޭ އެއްޗެއްތާދޯ. އޭގަވެސް އެކަކަށް ހެދޭ މިސްޓޭކް އަނެކަކަށް ކިޔައިދީގެން އޭތި ކުރިއަރުވަނީ. ފުޓްބޯޅައިގައިވެސް ހަދާ އެއްޗަކީ އެއީ. ދެމީހުން ވާހަކަދައްކަން ވަރަށް ގިނައިން މިހެން ހެދީމަ މިހެންވާނެއޭ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ކޯޗަކީ ކިތުނާހެން. ކިތުނާއަށް ހީވާނެ ކަންނޭގެ ކިތުނާގެ ކޯޗަކީ އަޅުގަނޑުހެން” ކުޅިވަރުގައި ދެމީހުންގެ ގުޅުންއޮތް މިންވަރާ ގުޅޭގޮތުން ވާހަކަދައްކަމުން ސޮނެވާފުށި ރިސޯޓްގެ ވޯޓަރ ސްޕޯޓްސް ބައިގައި މަސައްކަތްކުރާ މާޖި ބުންޏެވެ.

ވޮލީ ޗެމްޕިއަންސް ލީގު މެޗެއް ފެށުމުގެ ކުރިން ކިތުނާ އަދި މާޖި. އެންމެ ދެކެން ބޭނުންވާ ހުވަފެނަކީ ގޮއިދޫގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުން. ފޮޓޯ: ފޭސްބުކް

ކުޅިވަރުގައި ކިތުނާ އާއި މާޖި ހޯދައިފައިވާ ކާމިޔާބީތަކުގައި އެ ދެކުޅުންތެރިން ވަޒީފާއަދާކުރާ ރިސޯޓުގެ މެނޭޖްމަންޓާއި، ސްޓާފުންގެ އިތުރުން އާއިލާގެ ހިއްސާ ބޮޑުކަން އެދެކުޅުންތެރިންވެސް ފާހަގަކުރެއެވެ. ބައެއް ފަހަރު އެކުއެކީގައި ކުރިއަށްދާ ވޮލީއާއި ފުޓްބޯޅަ މުބާރާތްތަކުގައި އެ ދެކުޅުންތެރިން ވާދަކުރެއެވެ. ރިސޯޓުން ލިބޭ އޮފް ދުވަސްތައް އާއިލާއަށް ހުސްކޮށްލުމުގެ ބަދަލުގައި އެހެން ރަށެއްގެ ބަޔަކު އުފާކޮށްދިނުމަށްޓަކައި ކިތަންމެ ފަހަރަކު އެ ދެކުޅުންތެރިންވަނީ ގުރުބާންކޮށްފައެވެ.

“އަސްލު ރިސޯޓްގެ މެނޭޖްމަންޓާއި، ސްޓާފުންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. އަދި ހަމައާއެކު ފާހަގަކޮށްލަން ވަރަށް ބޭނުން އަހަރެންގެ އަންހެނުންގެ ފަރާތުން މިކަމަށް ލިބޭ އެހީތެރިކަން. އަންހެނުންނަށް އެނގޭ އަހަރެން ފުޓްބޯޅައަށް ހުންނަ ޝައުގުވެރިކަން. އޭނަގެ ފަރާތުން އެވަރުގެ އެހީތެރިކަމެއް ނުލިބޭނަމަ މިގޮތަށް މިކަންކަމެއް ނުވީސް” ސޮނެވާފުށި ރިސޯޓްގެ ލޯންޗް ސެކްޝަންގައި މަސައްކަތްކުރަމުން އަންނަ ކިތުނާ “ފަހުމިނެޓް” އަށް ބުންޏެވެ. މިކަންކަން މިގޮތަށް މާޖިވެސް ވަނީ ފާހަގަކޮށްފައެވެ.

ފުޓްބޯޅައިގައި މަތީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް އުފަން ރަށް ނޫން އެހެން ރަށްރަށަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދެމުންއަންނަ ކިތުނާ އާއި މާޖި، ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރ ނިންމާލުމުގެ ކުރިން ހަގީގަތަކަށް ހަދަން ބޭނުންވާ ހުވަފެނެއް އެބައޮތެވެ. އެ ދެކުޅުންތެރިންގެ އުފަށް ރަށް ފުޓްބޯޅައިގައި މުޅިން އެހެން ހަރުފަތަކަށް ގެންދިއުމަކީ އަބަދުވެސް އެ ދެކުޅުންތެރިން ކުރަމުންއަންނަ އުއްމީދެކެވެ. މިހާތަނަށް އެ ދެކުޅުންތެރިން ހޯދައިފައިވާ ކާމިޔާބީތަކާއި، ގޮއިދޫގައި ކުޅިވަރަށް އޮތް ފޯރިއަށް ބަލާއިރު އެއީ ނުވާނެ ކަމެއް ކަމަށް ބެލެވޭނެ ފުރުސަތެއް ނެތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • Salute maji and kithey.. kulhivaru kulhey meehunnan namoona 2 meehun. ??? ????‍♂️?‍♂️⚽️?⛹️‍♂️??? meegen komme kulhivarenves v thafaathu.