ސިޓީގެ ވާދަވެރިއަކަށް މިފަހަރު ވާނީ ޗެލްސީ: ސާނޭ

އަންނަ ސީޒަނުގެ ޕްރިމިއަރ ލީގުގައި ސިޓީއާ އެންމެ ގާތުން ވާދަކުރާނީ ޗެލްސީ ކަމަށް މެންޗެސްޓަރ ސިޓީގެ ހުނަރުވެރި ކުޅުންތެރިޔާ ލިރޯއީ ސާނޭ ބުނެފިއެވެ. ޗެލްސީން ވަނީ މިދިޔަ ސީޒަނުގައި އެޓީމުގެ ކޯޗަކަށް ހުރި އެންޓޯނިއޯ ކޮންޓޭ ފޮނުވާލުމަށްފަހު އިޓަލީގެ ނަޕޯލީއަށް މިދިޔަ ތިން ސީޒަނުގައި ކޯޗުކޮށްދިން މައުރިޒިއޯ ސާރީ ގެނެސްފައެވެ. ސާރީ ޗެލްސީގެ ކޯޗުކަމަށް ހަމަޖެއްސީ ޗެލްސީގެ ޕްރީ ސީޒަން ޓްރެއިނިންގ ވެސް ފެށި ފަހުންނެވެ.
ސާނޭ ބުނިގޮތުގައި ޗެލްސީން ސިޓީއާ ވާދަކުރާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ސާރީ އެވެ.
“ޗެލްސީން ގެނައީ ވަރަށް މޮޅު ކޯޗެއް. ނަޕޯލީ މިދިޔަ ސީޒަނުގައި ކުޅުނީ ވަރަށް އަޅައިގަންނަ ފުޓްބޯޅައެއް. އަހަރެމެންވެސް އެމީހުން (ނަޕޯލީ) ކައިރިން ވަރަށް އުނދަގުލުން ސަލާމަތްވީ. ސާރީގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅެން ޗެލްސީއަށް ދުވަސްކޮޅެއް ނަގާފާނެ. އެކަމަކު ޗެލްސީއަކީ ވަރަށް މޮޅު ޓީމެއް” މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި ސާނޭ،22، ބުންޏެވެ.
މިދިޔަ ސިޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސިޓީވަނީ ނަޕޯލީއާ ދެކޮޅަށް ދެމެޗު ކުޅެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރިއިރު ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 4-2 އިންނެވެ.
ސާނޭ އަކީ މިހާރު ސިޓީން ގެންދާ ޕްރީ ސީޒަން މެޗުގައި އެޓީމުގެ ހިމެނޭ ސީނިއަރ މަދު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. ސިޓީގެ 16 ކުޅުންތެރިއަކު މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނުއިރު ގިނަ ކުޅުންތެރިންތަކެއް އަދިވެސް ތިބީ ޗުއްޓީގައެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި މިފަހަރުގެ ޖަރުމަނު ޓީމުގެ ސާނޭ ނުހިމެނުނު އިރު އެ ނިންމުމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
Advertisement


Leave a Reply