ދެރަވެފައި ހުރި ނޭމާ އިހުސާސްތައް ބަންޑުން ކޮށްލައިފި
ބްރެޒިލް ވޯލްޑް ކަޕް ކުއާޓަރ ފައިނަލުގައި ބެލްޖިއަމާއި ދެކޮޅަށް ކުޅެ ބަލިވި މެޗާއެކު ވަރަށް ބޮޑަށް މާޔޫސްވި ކަމަށް އެޓީމުގެ ތަރި ނޭމާ ބުނެފިއެވެ. މުބާރާތުގެ ތަށި ހޯދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ނޭމާގެ ބްރެޒިލް މުބާރާތުން ކަޓައިގެން ދިއުމުން ދަނޑުމަތީގައިވެސް އެންމެ މާޔޫސްވި އެއް ކުޅުންތެރިއެއްގެ ގޮތުގައި ފެނުނީ ނޭމާ އެވެ.
“އަހަރެންގެ ފިރިހެން ދަރިއެއް ހުރޭ. އަދި އާއިލާއާ ރައްޓެހިންވެސް ބޭނުމެއް ނުވޭ އެކަމުގެ ހިތާމައިގައި އަހަރެން އުޅޭތަން ބަލާކަށް” ވޯލްޑް ކަޕްގެ ހަނދާންތައް އާކުރަމުން އޭއެފްޕީއަށް ނޭމާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ވޯލްޑް ކަޕްގައި މާ އަވަސް އަވަހަށް ދަނޑުމައްޗަށް ވެއްޓޭތީ އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެމުން ނޭމާ ބުނީ، ފައުލް ކުރާ މީހާއަށްވުރެ ބޮޑަށް ފައުލް ވީ މީހާއަށް މާ ގިނަ ފާޑުކިޔުން ރައްދުވި ކަމަށެވެ.
“އަހަރެން ވޯލްޑް ކަޕަށް ދިޔައީ ކުޅެން. އިދިކޮޅު ޓީމު ބަލިކުރަން. ފައުލް ވެގެންނާކަށް ނޫން. އަހަންނަށް ލިބުނު ފާޑުކިޔުންތަކަކީ ވަރަށް ދެރަކޮށް ވީ ކަމެއް. ނަމަވެސް އަހަންނަކީ ބޮޑު މީހެއް. އަހަންނަށް މިކަހަލަ ކަންތައްތަކަކީ ވަރަށް އާއްމު ކަމެއް” ވޯލްޑް ކަޕްގައި ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން މަގުފަހިކޮށްދިން ހުނަރުވެރި ކުޅުންތެރިޔާ ބުންޏެވެ.
“އަހަރެންނަށް ރެފްރީ އަށް ވެގެން ނުކުޅެވޭނެ. އެކަމަކު ބައެއް ހާލަތުގައި ހިތަށް އަރާ ދެކަންތައްވެސް ކުރެވޭނެ ނަމައޭ” ފާޑުކިއުންތަކާ ގުޅޭގޮތުން ދެރަވެފައި ހުރެ ދިން އިންޓަވިއުގައި ނޭމާ ބުންޏެވެ.
ވޯލްޑް ކަޕްގައި ކާމިޔާބީއެއް ނުލިބުނު ނަމަވެސް މިދިޔަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީ ގައި ނޭމާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އުމުރުން 26 އަހަރުގެ ނޭމާ އެ ކްލަބަށް ބަދަލުވީ މިދިޔަ ސީޒަނުގެ ހޫނު މޫސުމުގެ ޓްރާންސްފަރ މުއްދަތުގައި ރެކޯޑް އަގަކަށް ސްޕެއިންގެ ބާސެލޯނާ ދޫކޮށްލުމަށްފަހުއެވެ. 200 މިލިއަން ޕައުންޑަށް ޕީއެސްޖީއަށް ބަދަލުވެ މިދިޔަ ސީޒަނުގައި އެ ކްލަބަށް އޭނާ ވަނީ 28 ލަނޑު ޖަހައިދީފައެވެ. ނަމަވެސް މެއި މަހު ނޭމާއަށް ލިބުނު އަނިޔާއާއި ގުޅިގެން ސީޒަނުގެ ފަހު މެޗުތައް އޭނާއަށް ގެއްލުނެވެ.
Advertisement
Leave a Reply