ކިތަންމެ ނުރުހުނަސް އަހަރެން ހިފީ މަންމަގެ ނަސޭހަތުގައި: އޮޒިލް
އަބަދުވެސް އެހެން މީހުންނަށް އިހްތިރާމްކުރުމަށާއި، ތިމާ އެތަނަކަށް އުފަންވި ގައުމު ހަނދާން ނައްތާނުލުމަށް އެންމެ ކުޑައިރުވެސް މަންމަ ދަސްކޮށްދީފައިވާ ކަމަށާއި މިއަދާ ހަމަޔަށް އައިއިރުވެސް އެއީ ގަބޫލުކުރާ ހަމައެއްކަމަށް ޖަރުމަނުގެ ގައުމީ ޓީމުން ރޭ ރިޓަޔަރ ކުރި މެސުތް އޮޒިލް ބުނެފިއެވެ.
އުމުރުން 29 އަހަރުގެ މިޑްފިލްޑަރ މިހެން ބުނެފައިވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރުމުގެ ގޮތުން ޓްވިޓާ ގައި އޭނާ އާންމުކުރި ބަޔާނެއްގައެވެ. މީގެ ތިން އަހަރު ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑުން އިނގިރޭސި ޕްރިމިއަރ ލީގް ކްލަބް އާސެނަލްއަށް ބަދަލުވި މި ކުޅުންތެރިޔާ ގައުމި ޓީމަށް ކުޅުން ހުއްޓާލިކަން މި އިއުލާންކުރީ ޖަރުމަނުގެ ސަޕޯޓަރުންނާއި، އެ ގައުމުގެ މީޑިޔާގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.
އޮޒިލްއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ ވޯލްޑްކަޕް ފެށުމުގެ އެއްމަސް ދުވަސް ކުރިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާންއާ ބައްދަލުކޮށް ނަގައިފައިވާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި އާންމުވި ހިސާބުންނެވެ. މި ބައްދަލުވުމުގައި އޮޒިލްއާއެކު ޖަރުމަނު ޓީމުގެ އެހެން ކުޅުންތެރިއެއް ކަމަށްވާ މެންޗެސްޓަރ ސިޓީގެ އިކޭ ގުންޑޮގަންވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެ ދެކުޅުންތެރިންވަނީ އެމީހުން މިހާރު ކުޅެމުން އަންނަ ކްލަބްގެ ޖާޒީއެއްވެސް އުރުދުގާންއަށް ހަދިޔާކޮށްފައެވެ. އޮޒިލްއާއި ގުންޑޮގަން އަކީ ތުރުކީއަށް އުފަން ދެ ކުޅުންތެރިންނެވެ.
މިކަން ޖަރުމަންގެ މީޑިޔާއިންނާއި، ސަޕޯޓަރުން ސިފަކޮށްފައިވަނީ ސިޔާސީ ކަމެއްގެ ގޮތުގައެވެ. އެމީހުން ތުހުމަތުކުރާ ގޮތުގައި އެ އަމަލަކީ ތުރުކީގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު އުރުދުގާންއަށް ކާމިޔާބު ކޮށްދިނުމަށް ކެމްޕޭންކުރުމުގެ ގޮތުން ކުރި ކަމެކެވެ. އޮޒިލްއަށް މިކަމާ ގުޅިގެން ފާޑުކީ ފަރާތްތަކުގެ ތެރޭގައި ޖަރުމަނުގެ ސިޔާސީ ފަރާތްތައްވެސް ހިމެނެއެވެ.
މީޑިޔާއާއި ސަޕޯޓަރުންގެ ފާޑުކިޔުންތަކަށް ރައްދުދެމުން އޮޒިލް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
“އަހަރެމެން ނެގި ފޮޓޯގައި އެއްވެސް ސިޔާސީ މަޤްސަދެއް ނެތް. ފަހަރެއްގައި އެ ފޮޓޯ ނެގި ދުވަސްވަރަކީ ވަކި ކަންތައްތަކެއް ކުރިއަށްދިޔަ ވަގުތަކަށް ވެދާނެ. އެކަމަކު އެއީ ތުރުކީގެ އިންތިހާބާ ގުޅިގެން ނެގި ފޮޓޯއެއް ނޫން. އެއީ އަހަރެން އެ ގައުމަކަށް އުފަންވި ގައުމުގެ އިސް ވެރިޔާއަށް އަދާކުރި އިހްތިރާމްގެ ޒިޔާރަތެއް. އަހަރެންނަކީ ފުޓްބޯޅަ ކުޅުންތެރިއެއް. ސިޔާސީ އެކްޓިވިސްޓެއް ނޫން” އޮޒިލް ބުނެފައިވެއެވެ.
“ވަރަށް ގިނަ އެހެން މީހުންނެކޭ އެއްފަދައިން އަހަރެންވެސް ދެ ގައުމަކަށް ނިސްބަތްވޭ. ޖަރުމަނުގައި އަހަރެން އުޅެ ބޮޑުވިޔަސް އަހަރެންގެ އާއިލީ ގުޅުންތަކުގެ މޫ އޮތީ ތުރުކީއާ ގުޅިފަ. އަހަރެންގެ އެބަ އޮތް ދެ ހިތް. އެއީ ޖަރުމަނަށް އޮތް ހިތަކާއި، ތުރުކީއަށް އޮތް ހިތެއް. ކުރިންވެސް ބުނިހެން އަހަރެންގެ ކާބަފައިންނާ، އެމީހުންގެ ތަރިކައާއި، އާއިލާގެ ތެރޭގައި ދަމަހައްޓާ ސަގާފަތާ އަހަރެން ދުރުވިޔަ ނުދޭން އަހަރެންގެ މަންމަ ވަރަށް މަސައްކަތްކުރި.” ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އަންގައި އޮޒިލް އާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ.
ގައުމީ ޓީމުން ރިޓަޔަރ ކުރިކަން އެންގުމަށް އޭނާ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫންކަމަށާއި، އެގޮތަށް ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައި ކަމަށެވެ.
“މިފަހުން ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ބައިނަލްއަގްވާމީ ފެންވަރުގައި ޖަރުމަނުގެ ގައުމީ ޓީމަށް ނުކުޅެން އަހަރެން ނިންމައިފިން. އަހަރެންނަށް އިހްސާސްކުރެވެނީ ނަސްލީ ތަފާތުކުރުމާއި، އިހްތިރާމްކުރުމެއް ނެތްކަން. ޖަރުމަނުގެ ޖާޒީގައި ކުޅުން އަހަރެން ދެކެމުން އައީ ފަހުރެއްގެ ގޮތުގައި. އެކަމަކު މިއަދު އެކަން މާޒީވެއްޖެ. މިހާރު އަހަރެންނަށް އިހްސާސްކުރެވެނީ އަހަރެންނަކީ ބޭނުމެއް ނެތް މީހެއްގެ ގޮތުގައި. 2009 ވަނަ އަހަރު ޖަރުމަނު ކުޅެންފެށިފަހުން މިހާތަނަށް އަހަރެން ހާސިލްކުރި ހުރިހާ އެއްޗެއް ހަދާން ނެތިއްޖެކަހަލަ” މީގެ ކުރިން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކްލަބް ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ އޮޒިލް ބުނެފައިވެއެވެ.
އޮޒިލް ވަނީ ޖަރުމަނު ގައުމީ ޓީމަށް 92 މެޗު ކުޅެދީ 23 ގޯލު ޖަހައިދީފައެވެ. މީގެ އިތުރުން ފަސް ފަހަރު އެގައުމުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާއިރު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އެގައުމުން ކާމިޔާބު ކުރިއިރު އޭނާގެ ދައުރު ބޮޑެވެ.
Advertisement
Leave a Reply