ލިވަޕޫލް ބަލިވިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

Advertisement

ލިވަޕޫލް ބަލިވިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

އަޙްމަދު ޔަޝައު

އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕް ގައި ލިވަޕޫލްގެ މައްޗަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ކުރި ހޯދިއިރު އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑް މިހާރު އެމެރިކާއަށް ކުރަމުންދާ ޓުއަރގައި ކުޅުނު ރަހުމަތްތެރިކަމުގެ ދެވަނަ މެޗުންވެސް އެއްވަރުވެއްޖެއެވެ.

ލިވަޕޫލަށްކުޅޭ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރ ވާޖިލް ވެން ޑައިކް ބޮލުން ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލް ކުރީގައިއޮވެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔަނަމަވެސް، ދެވަނަ ހާފުގައި ޑޯޓްމުންޑުންވަނީ ފަހަތުން އަރާ ތިން ގޯލު ކާމިޔާބުކޮށް ލިވަޕޫލު ބަލިކޮށްފައެވެ.

ޑޯޓުމުންޑުގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އެމެރިކާގެ ޒުވާން ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗް އެވެ. އޭނާ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ޕުލިސިޗް އަކީ ނިމިގެންދިޔަ ޓްރާންސްފާރ މާކެޓުގައި ލިވަޕޫލުގެ ކޯޗު ޖާގަން ކްލޮޕް ހޯދަން މަސައްކަތްކޮށްފައިވާ ކުޅުންތެރިއެކެވެ. ޑޯޓުމުންޑުގެ ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނިޓުގައި ކާމިޔާބުކޮށްދިނީ ޑެންމާކުގެ ވިންގާ ޖޭކޮބް ބުރުން ލާސަންއެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނިކުތީ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަންގައި މޮޅު ކުޅުމެއްދެއްކި އަދި ނިމިގެންދިޔަ ވޯލްޑްކަޕް ގައި ޤައުމީ ޓީމު ތަމްޞީލުކުރި މުޙައްމަދު ސަލާޙް އާއި، ސަޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނޯ ހިމެނެއެވެ. އަދި ގޯލްކީޕަރަކަށް ދުނިޔޭގެ ރެކޯޑް އަގަކަށް އެޓީމަށް ގެނައި ބްރެޒިލްގެ އެލިސަން ބެކާ ވެސް ކުޅެފައެއްނުވެއެވެ. އެހެންނަމަވެސް، ރޭގެމެޗުގައި ލިވަޕޫލާ މިސީޒަނަށް އަލަށް ގުޅުނު ބްރެޒިލްގެ ފަބީނޯ އާއި ގިނީގެ ކެޕްޓަން ނަބީ ކެއިޓާ ކުޅެފައިވެއެވެ.

އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑް ވަނީ ކުޅުނު ރަހުމަތްތެރިކަމުގެ ދެވަނަ މެޗުންވެސް އެއްވަރުވެފައެވެ. އެމެރިކާގެ ސެން ހޯސޭ އާރތުކުއޭކްސް އާ ބައްދަލުކުރިމެޗު 0-0 ގެ ނަތީޖާއަކުން ނިމިގެންދިޔައިރު، އެޓީމުގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ވަނީ ކުޅެފައެވެ. ސަންޗޭޒް އަށް ވަނީ ވިސާގެ މައްސަލަތަކަކާ ހެދި ޔުނައިޓެޑް ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ކުޅެވޭގޮތް ނުވެފައެވެ.

ކްލަބް އެމެރިކާ އާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގެ 59 ވަނަ މިނެޓުގައި ކްލަބް އެމެރިކާއިން ލީޑު ނަގާފައިވަނިކޮށް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރު ހުއާން މާޓާއެވެ. ރޭގެ މެޗަށްވެސް ޔުނައިޓެޑް ނިކުތީ މުހިއްމު އެތައް ކުޅުންތެރިންތަކެއް ނުލައެވެ. ހާއްޞަކޮށް ވޯލްޑްކަޕަށްފަހު އަދި ކުލަބުގެ ޓްރެއިނިންގ އާއި ނުގުޅޭ ކުޅުންތެރިން ހިމެނެއެވެ. އޭގެތެރޭގައި، ޕޯލް ޕޮގްބާ، ރޮމެލޫ ލުކާކޫ، ހެސޭ ލިންގާޑް، މާކަސް ރަޝްފޯޑް، ޑޭވިޑް ޑެހިއާ، ނެމެންޖާ މަޓިޗްގެ އިތުރުން މިޓްރާންސްފާރގައި ކްލަބާ އަލަށް ގުޅުނު ބްރެޒިލްގެ ފްރެޑް ހިމެނެއެވެ.

ލިވަޕޫލަށް ކުރިއަށް އޮތީ އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. ޔުނައިޓެޑަށް އޮތީ އޭސީ މިލާނާއި ލިވަޕޫލެވެ.

އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ސީޒަން ފެށުމުގެ ގޮތުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ މުބާރާތެކެވެ. އެގޮތުން މިއަހަރު މި މުބާރާތް ނޯތު އެމެރިކާ އާއި، ޔޫރަޕުގައާއި ސިންގަޕޫރުގައި ކުޅެމުންދާއިރު، މިފަހަރުގެ މުބާރާތް ރޭވިފައިވާގޮތުން ކޮންމެ ކުލަބެއްވެސް ތިން މެޗު ކުޅޭނެއެވެ. މީގެ ކުރިން އަހަރުތަކުގައި މި މުބާރާތް ޗައިނާ އާއި އޮސްޓްރޭލިއާ ގައިވެސް ކުޅެފައިވެއެވެ. މިދިޔަ އަހަރު އެމެރިކާ ފަޅީގެ ޗެމްޕިއަންކަން ސްޕެއިންގެ ބާސެލޯނާ ހޯދިއިރު ސިންގަޕޫރު ފަޅީގެ ޗެމްޕިއަންކަން ހޯދީ އިތަލީގެ އިންޓަރ މިލާނެއެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *