ޓޮރޭސް އަދި އިނިއެސްޓާއަށް ޖަޕާނުގައި ހިތްދަތި ފެށުމެއް
ޖަޕާނުގެ ޖޭލީގަށް މިދިޔަ މަހު ބަދަލުވި ސްޕޭންގެ އެންދްރެސް އިނިއެސްޓާ އަދި ފެނާންޑޯ ޓޮރޭސް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ޖޭލީގުގެ ވިސެލް ކޮބޭ އަށް އިނިއެސްޓާ ކުޅޭއިރު ޓޮރޭސް ކުޅެނީ ސަގަން ޓޮސޫ އަށެވެ. މި ދެކުޅުންތެރިންވެސް ޖޭ ލީގަށް ބަދަލުވެފައިވަނީ މިދިޔަ ސީޒަން ނިމުނު ހިސާބުންނެވެ.
އިނިއެސްޓާ ނިސްބަތްވާ ވިސެލް ކޮބޭ ޓީމު 3-0 އިން ބަލިވި އިރު ޓޮރޭސް ކުޅޭ ސަގަން ޓޮސޫ ޓީމު ބަލިވީ 1-0 އިންނެވެ. މެޗުގެ ދެވަނަ ހާފުގައި އިނިއެސްޓާ ކުޅެން އެރިއިރު އެޓީމު އޮތީ 2-0 އިން ފަހަތުގައެވެ. އިނިއެސްޓާ ކުޅެން އެރުމުން ދަނޑަށް ވަދެތިބި ސައްބީސް ހާހެއްހާ ސަޕޯޓަރުން ވަނީ ސްޕޭންގެ ދިދަ ސްޓޭޑިއަމުގައި ވިހުރުވައިފައެވެ. މިއީ ބާސެލޯނާ ނޫން ކްލަބަށް އިނިއެސްޓާ ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.
މެޗަށްފަހު އިނިއެސްޓާ ބުނީ ބަލިވާން އޭނާ ބޭނުން ނުވާކަމަށާއި، ޖަޕާނު ލީގުގެ ހުނަރު މި މެޗުން ފެނިގެން ދިޔަކަމަށެވެ.
“އަހަރެމެން ބަލިވުމަކީ ލަދުވެތިކަމެއް. ސަބަބީ ބަލިވުމަކީ އަހަރެން ގަޔާވާ ކަމެއް ނޫން. އެކަމު މިއީ ޝައުގުވެރި ކުރުވަނިވި ރާސްތާއެއްގެ ފުރަތަމަ މަރުހަލާ. މި މެޗަކީ ވަރަށް ވަރުގަދައަށް ކުޅުނު ޖޭ ލީގުގެ ހުނަރު ދައްކުވައިދިން މެޗެއް” ދުނިޔޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އިނިއެސްޓާ ބުންޏެވެ.
އުމުރުން 33 އަހަރުގެ އިނިއެސްޓާ ވަނީ 16 ސީޒަނުގައި ބާސެލޯނާއަށް 674 މެޗު ކުޅެދީފައެވެ. މި މުއްދަތުގައި އެޓީމާއެކު 32 ތަށި ހޯދިއިރު 2010 ވަނަ އަހަރު އޭނާ ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. މީގެ އިތުރުން ސްޕެއިން އާއެކު އޭނާ ވަނީ 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕްވެސް ކާމިޔާބު ކޮށްފައެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުތް ޓޮރޭސްގެ ސަގަން ޓޮސޫ ޓީމު ބަލިވީ 1-0 އިންނެވެ. 17500 ސަޕޯޓަރުން ކުރިމަތީ ކުޅުނު މެޗުގެ 87 ވަނަ މިނެޓުގައި އެޓީމު ކޮޅަން ވަން ގޯލާއެކު އެޓީމު މިހާރު އޮތީ ރެލިގޭޝަންގައެވެ. އުމުރުން 34 އަހަރުގެ ޓޮރޭސް ސްޕޭންގެ އެތްލެޓިކޯ މެޑްރިޑް ދޫކޮށް ޖޭ ލީގަށް ބަދަލުވިއިރު އެތްލެޓިކޯއަށް އޭނާ ވަނީ 404 މެޗުން 129 ގޯލު ޖަހައިދީފައެވެ.
Advertisement
Leave a Reply