ސްޕެނިޝް ސުޕަރ ކަޕް ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް
އާ ސީޒަން ފެށުމުގެ ގޮތުން ސްޕެއިންގައި ކޮންމެ އަހަރަކުވެސް ކުޅޭ ސްޕެނިޝް ސުޕަރ ކަޕް މެޗް ފުރަތަމަ ފަހަރަށް އެގައުމުން ބޭރުގައި ކުޅޭގޮތަށް ހަމަޖައްސައިފިއެވެ. ބާސެލޯނާއާއި ސެވިއްޔާ ކުޅޭ މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މޮރޮކޯގައެވެ. މިއީ ސްޕެއިން ފުޓްބޯޅައިގެ ތާރީހުގައި ސުޕަރ ކަޕް މެޗު އެގައުމުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ސުޕަރ ކަޕް މެޗު ކުޅެނީ ދެ ލެގަށް ބަހާލައިގެން އެގްރިގޭޓް ނަތީޖާއިން ކުރި ލިބޭ ޓީމަކަށް ތަށި ލިބޭ ގޮތަށެވެ. ނަމަވެސް މިފަހަރު ގެނައި ބަދަލާއެކު މޮރޮކޯގައި ކުޅޭ މެޗުގައި ނަތީޖާ ނެރޭނެއެވެ. މޮރޮކޯގައި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ޓެންޖިއަރ ސިޓީގެ ސްޓާޑޭ އިބްނި ބަޓޯޓާ ސްޓޭޑިއަމުގައެވެ. މި ސްޓޭޑިއަމަކީ އެގައުމުގައި ބާއްވާ ބޮޑެތި ފުޓްބޯޅަ މެޗުތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އިވެންޓުތައްވެސް ބާއްވާ ތަނެކެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް ބާރަ ވަނަ ދުވަހުއެވެ. މޮރޮކޯއަށް ބާސެލޯނާއާއި ސެވިއްޔާ ދަތުރު ކުރަންޖެހޭ ސިޓީ އަކީ ސްޕޭނާއި 20 މޭލަށްވުރެ ކައިރި ސިޓީއެކެވެ.
ސުޕަރ ކަޕަށް ބާސެލޯނާ ކޮލިފައިވީ މިދިޔަ ސީޒަނުގައި ލީގާއި ކޮޕަޑެލްރޭ ކާމިޔާބު ކުރި ޓީމުގެ ހައިސިއްޔަތުންނެވެ. ސެވިއްޔާއަށް ސުޕަރ ކަޕުން ފުރުސަތު ލިބުނީ، ކޮޕަޑެލްރޭ ފައިނަލުގައި ބާސެލޯނާ އަތުން ބަލިވުމުން ދެވަނަ ޓީމުގެ ގޮތުގައެވެ. އިނގިރޭސިވިލާތާއި ހިލާފަށް ސްޕެއިންގައި އެއް ޓީމަކުން ދެ މުބާރާތް ކާމިޔާބު ކޮށްފިނަމަ ސްޕެނިޝް ސުޕަރ ކަޕުން ފުރުސަތު ލިބޭ ދެވަނަ ޓީމަކަށް ވާނީ ކޮޕަޑެލްރޭ އިން ބަލިވާ ޓީމަކަށެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި ލީގާއި އެފްއޭކަޕް އެއްޓީމަކުން ކާމިޔާބު ކޮށްފިނަމަ ސީޒަން ހުޅުވާ ކޮމިއުނިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ލީގުގެ ދެވަނަ ލިބޭ ޓީމެކެވެ.
މިއީ ވޭތުވެދިޔަ ދިހަ ސީޒަންތެރޭ ބާސެލޯނާ ކުޅޭ ނުވަ ވަނަ ސުޕަރ ކަޕެވެ. މިދިޔަ ސީޒަނުގައި ދެލެގުން 5-1 އިން ބާސާ ވަނީ ރެއާލް މެޑްރިޑް އަތުން ބަލިވެފައެވެ.
Advertisement
Leave a Reply