ޗެމްޕިއަންސް ލީގު ތަށި އަލުން ބަނޑޮހަށް

19 ވަނަ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ސީދާ ތިން ސެޓުން ގްރޭންޑް ޕާކް ކޮށްދިއްޕަރު ބަލިކޮށް ބަނޑޮސް މޯލްޑިވްސް ތަށި ހޯދައިފިއެވެ. މިއަދު ހަވީރު ބަނޑޮހުގައި ކުޅުނު މި މެޗްގެ ސެޓްތައް ބަނޑޮހުން ގެންދިޔައީ 20-25، 23-25 އަދި 22-25 އިންނެވެ.
މީގެ ކުރިން މި މުބާރާތުގެ ތަށި މިލްވުވެސް ކޮށްފައިވާ ބަނޑޮސް ޓީމުން މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މިހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ފައިނަލްގައި ވާދަކުރި ގްރޭންޑް ޕާކާވެސް މިފަހަރުގެ މުބާރާތުގައި ތިން ފަހަރު ބަނޑޮހުން ވާދަކޮށްފައިވެއެވެ.

މިފަހަރުގެ މުބާރާތުގެ “ޑްރީމް ޓީމް” ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ފޭސްބުކް
މިއަދު ކުޅުނު ފައިނަލް މެޗަށް ފަހު ޕީއެސްއެމް ގެ ޔޭސް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބަނޑޮސް ޓީމުގެ އިތުރުން ގައުމީ ވޮލީ ޓީމުގެވެސް ކޯޗް މުޙައްމަދު ސާޖިދު ބުނީ މިއީ ހުރިހާ ކުޅުންތެރިން ދުރާލާ މި މުބާރާތަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، މިދިޔަ އަހަރުގެ މުބާރާތުގައި ކުރި ހިތި ތަޖުރިބާ މިފަހަރު ނުކުރުމަށް މުޅި ޓީމުން އަޒުމް ކަނޑައެޅި ކަމަށެވެ. އަދި، މިދިޔަ އަހަރާއި ހިލާފަށް މިއަހަރު ގައުމީ ޓީމުގެ ދެކުޅުންތެރިން ޓީމަށް ގެނައީ ސީދާ މުބާރާތުގެ ތަށި ހޯދަން ކަމަށާއި، އެ ކުޅުންތެރިންގެ މަސައްކަތުން އެކަން ހަގީގަތަކަށް ވެއްޖެ ކަމަށް ސާޖިދު ބުނެފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލާ ހަމަޔަށްވެސް ބަނޑޮހަށް އާދެވިފައެއް ނުވެއެވެ. އަދި އެ އަހަރުގެ ޒޯން މުބާރާތުގެ ފައިނަލްގައި ގްރޭންޑް ޕާކް ވަނީ ބަނޑޮސް ބަލިކޮށް ތަށި ވެސް ނަގައިފައެވެ.
މިއަދު ކުޅެވުނު ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބަނޑޮސް ޓީމްގެ އިސްމާއިލް ސާޖިދެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ބަނޑޮސް މޯލްޑިވްސްގެ ހުސައިން ރަޒާން އެވެ.
Advertisement


Leave a Reply