ދެފުށްކެހެރިއެކޭ މީހުން ކިޔަސް މައްސަލައެއް ނެތް: ކްލޮޕް

Advertisement

ދެފުށްކެހެރިއެކޭ މީހުން ކިޔަސް މައްސަލައެއް ނެތް: ކްލޮޕް

ޢަލީ
ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް. ބޮޑެތި ހަރަދު ކުރާތީ އަމާޒުވާ ފާޑުކިޔުންތަކަށް އޭނާ ވަނީ ރައްދު ދީފައި

މިފަހަރުގެ ޓްރާންސްފަރ މާރކެޓްގައި ބޮޑު އަގު ދީފައި ކުޅުންތެރިން ގެންނާތީ، އޭނާއަކީ “ދެފުށްކެހެރި” މީހެއްގެ ގޮތުގައި މީހުން ސިފަކުރިޔަސް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

2016 ވަނަ އަހަރު 89 މިލިއަން ޕައުންޑަށް ޕޯލް ޕޮގްބާ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ފާޑުކިޔަމުން އޭރު ކްލޮޕް ބުނެފައިވަނީ، އެވެރެޖްކޮށް އެވަރުގެ އަގެއް ކުޅުންތެރިއަކަށް ދޭންޖެހޭ ދުވަހެއް އަތުވެއްޖެނަމަ އޭނާ ފުޓުބޯޅައާ ދުރުވާނެކަމަށެވެ. އެހެން ނަމަވެސް 66.8 މިލިއަން ޕައުންޑްގެ ރެކޯޑް އަގަކަށް ރޯމާގެ ބްރެޒިލް ކީޕަރ އެލިސަން ބެކާރ ގެނައުމަށްފަހު، ކްލޮޕް ވަނީ އޭރު އެހެން ބުނި ބުނުން ބަދަލުކުރާ ކަމަށާއި އެކަމާ ބެހޭގޮތުން ދައްކާ ވާހަކަތަކާ އަޅާނުލާ ކަމަށް ބުނެފައެވެ.

“ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވިސްނިޔަސް އަހަރެމެން އެކަމަކާ އަޅައެއް ނުލަން. އޭރު އަހަރެން އެހެން ބުނީ އޭރުގެ ވިސްނުމަށް. ތެދެއް، އަހަރެންގެ އެވިސްނުން ބަދަލު ވެއްޖެ. ގެންގުޅުނު ވިސްނުމެއް ބަދަލު ކުރުމަކީ، އެއްވެސް ވިސްނުމެއް ނެތުމަށްވުރެ ރަނގަޅު ގޮތެއް” މިދިޔަ ސީޒަނުގައި އެޓީމާއެކު ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނު ކޯޗު ބުންޏެވެ.

ލިވަޕޫލުން ވަނީ ޖެނުއަރީ މަހު 75 މިލިއަން ޕައުންޑަށް ސައުތުހަމްޓަންއިން އެޓީމުގެ ފަހަތަށް ކުޅުނު ވާރޖިލް ވެން ޑައިކް ގެނެސްފައެވެ. އޭގެ ކުރިން ރެޑްބުލް ލީޕްޒިގުން 50 މިލިއަން ޕައުންޑަށް ގިނީގެ މިޑްފީލްޑަރ ނަބީ ކެއިޓާގެ ސޮއި ހޯދާފައިވާއިރު، ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި 250 މިލިއަން ޕައުންޑް ކުޅުންތެރިން ގަތުމަށް ލިވަޕޫލުން ހަރަދު ކޮށްފައިވެއެވެ.

“އަހަރެމެން ބޭނުންވި ކުޅުންތެރިން އަހަރެމެންނަށް ލިބިއްޖެ، އެއީ އަހަރެން ހިތްހަމަޖެހޭ ކަމެއް. މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް، އަދި އެވާހަކަތައް ތަކުރާރު ކުރިޔަސް، އަހަރެންނަށްވެސް ކުރިން ގޯސްކޮށް ކަންތައް ދިމާވެފަ އެބަހުރި” ކްލޮޕް ބުންޏެވެ.

އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ، އޭރު އޭނާ އެހެން ބުނިއިރު ކުޅުންތެރިންގެ އަގު މިހާ މަތިވާނެކަމަށް ހީނުކުރާ ކަމަށާއި، މިހާރު ދުނިޔެ މުޅިން ބަަދަލުވެފައިވާކަމަށެވެ،

ލިވަޕޫލުން މިހާރު އަންނަނީ ޕްރީ ސީޒަންގެ ތަމްރީންތައް ހެދުމަށް އަދި އިންޓަރނޭޝަލަން ޗެމްޕިއަންސް ކަޕަށް އެމެރިކާގައި ކޭމްޕުކޮށް ޓްރެއިނިންގ ހަދަމުންނެވެ. އަދި ލިވަޕޫލާ އަލަށް ގުޅުނު ގޯލްކީޕަރ އެލިސަން ފިޔަވައި އެޓީމުގެ ގިނަ ކުޅުންތެރިންވެސް މިހާރު ވަނީ ޓީމާއި އެކު އެމެރިކާއަށް ގޮސްފައެވެ. އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ލިވަޕޫލް އަދި ޑޯޓްމަންޑް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 1:05 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *