ތިން މެޗުން މޮޅުވިޔަސް މި މެޗު ފަސޭހައެއް ނުވާނެ: ސާޖިދު
އާލާ އިންޓަރ ރިސޯޓް ވޮލީ މުބާރާތުގެ ޒޯން ޗެމްޕއަންސް ލީގްގެ ފައިނަލް ގެ ކުރިން ގްރޭންޑް ޕާކް ކޮށްދިއްޕަރާ ދެކޮޅަށް މުބާރާތުގައި ކުޅުނު ތިން މެޗުން މޮޅުވެފައި އޮތަސް މިއަދު އެޓީމާ ދެކޮޅަށް ކުޅޭ ފައިނަލް މެޗް ފަސޭހަ ނުވާނެ ކަމަށް ފައިނަލްގައި އަނެއްކޮޅުން ވާދަކުރާ ބަނޑޮސް މޯލްޑިވްސްގެ ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ.
މިއަދު ހަވީރު ބަނޑޮހުގައި ކުޅޭ ފައިނަލް މެޗްގެ ކުރިން “ފަހުމިނެޓް” އާ ފޯނުން ވާހަކަދައްކަމުން ގައުމީ ޓީމުގެ ވެސް ހެޑް ކޯޗްގެ މަގާމުގައި މިވަގުތު ހުރި ސާޖިދު ބުނީ ގްރޭންޑް ޕާކް ކޮށްދިއްޕަރަކީ މި މުބާރާތުގައި ވާދަކުރި އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެޓީމަށް ފުރިހަމައަށް އިޙްތިރާމްކުރާ ކަމަށެވެ.
“އަސްލު އަޅުގަނޑުމެންނާ ކޮށްދިއްޕަރާ މިއޮތީ ރިސޯޓް މުބާރާތުގަ ވަރުގަދަ ދެޓީމުގެ ގޮތުގަ. ދެން ކޮށްދިއްޕަރު ބަލިވެފަ މިއޮތީވެސް ހަމައެކަނި އަހަރެމެންގެ އަތުން. އެހެން ހުރިހާ ޓީމެއްގެ އަތުން އެމީހުން މޮޅުވެފަ މިއޮތީ. އެހެންވީމަ ކޮށްދިއްޕަރަކީ ދެން އަޅުގަނޑުމެން ވާދަކުރަންޖެހޭ އެންމެ ވަރުގަދަ ޓީމް. އަނެއްހެން ބަލާއިރު އެވްރެޖްކޮށް އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. އެޓީމާ ދޭތެރޭ އަހަރެމެން ސަމާލުވާންޖެހޭނެ.” ސާޖިދު ބުންޏެވެ.
މިއަދުގެ މެޗަށް ބަނޑޮސް ނުކުންނައިރު ސާޖިދު ބުނީ ޓީމްގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި މޫސުން ގޯސްކޮށް އޮތުން ފިޔަވައި ކަންބޮޑުވާންޖެހޭ ކަމެއްވެސް ނެތް ކަމަށެވެ.
“އައުޓްޑޯ ވީމާ ކިރިޔާވެސް ވިއްސާރަވެ ޗަކަވާގޮތް ވެއްޖިއްޔާމު ދެން ވަރަށް އުނދަގޫވާނެ އެކަން ހައްލުކުރަން. ދެން މީގެ ދެ އަހަރެއް ވަރު ކުރީގަ ވަރަށް ވަރުގަދަ ޓީމެއް އޮވެ ރީތި ރަށް އަތުން ބަލިވެސްވި ވިއްސާރަ އިރެއްގަ ކުޅެގެން. އެކަމަކު މޫސުމުގެ ސަބަބުން މި ދިމާވާ ކަންކަމަކީ ދެ ޓީމަށްވެސް ހަމަ ދިމާވާނެ ކަމެއް” ރިސޯޓް މުބާރާތް ބަނޑޮހަށް މިލްކުކޮށްދިން ކޯޗް ބުންޏެވެ.
މިއަދުގެ ފައިނަލް މެޗަށް ނުކުންނައިރު ސާޖިދު ވަރަށް ހާއްސަކަމެއްގެ ގޮތުގައި ފާހަގަކުރާ އެއް ކަމެއް އެބައޮތެވެ. އެއީ އިދިކޮޅުން ނުކުންނަ ޓީމުގެ ކޯޗަކަށް ވޮލީއިން ކުރިއަށް ދިއުމަށް އޭނާއަށް އެންމެ ބޮޑަށް އެހީތެރިވެދިން މުޙައްމަދު ޝަރަފް ހުރުމެވެ. އެކަން މިއަދުވެސް ސާޖިދު ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ.
“އަޅުގަނޑު ގައުމީ ޓީމަށް ގެންދިޔަ އަޅުގަނޑުގެ ކޯޗަކީ މިއަދު އިދިކޮޅު ޓީމުގައި ހުރި ޝަރަފް. ޝަރަފްގެ ދަރިވަރެއް އަޅުގަނޑަކީ. ނެޝަނަލް ޓީމަށް އަޅުގަނޑު ނެރެދީ ނެޝަނަލް ޓީމުގެ ކޯޗިންގެ ތެރެއަށް ގެންނަން ހުރިހާ މަސައްކަތެއް ކޮށްދިން މީހަކީ ޝަރަފް. އެހެންވީމަ ކޯޗިންގ ދާއިރާގައި އަޅުގަނޑަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފަ އޮތީ ޝަރަފްގެ ފަރާތުން” ކުރިންވެސް އެކި މުބާރާތްތަކުގައި ޝަރަފް އާ ދެކޮޅަށް ޓީމްތައް ގޮވައިގެން ނުކުމެފައިވާ ކޯޗް ބުންޏެވެ.
Advertisement
Leave a Reply