ދަރިވަރާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ފަހުރެއް: ޝަރަފް
އާލާ އިންޓަރ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގްރޭންޑް ޕާކް ކޮށްދިއްޕަރު ގޮވައިގެން ނުކުންނައިރު އިދިކޮޅު ޓީމުގެ ކޯޗަކަށް އޭނާގެ ދަރިވަރުކު ހުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝަރަފް ބުނެފިއެވެ. މިއަދު ހަވީރު އޮންނަ ފައިނަލްގައި ގްރޭންޑް ޕާކް ކޮށްދިއްޕަރު ވާދަކުރާނީ މުބާރާތުގެ ތަށި މިލްކު ކޮށްފައިވާ ބަނޑޮސް މޯލްޑިވްސްއާ ދެކޮޅަށެވެ.
މުބާރާތުގެ ފުރަތަ ސެމީ ފައިނަލްގައި ސޮނެވާފުށި ރިސޯޓް ތިން ސެޓް އެއް ސެޓުން ބަލިކުރުމަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ބަނޑޮސް ޓީމްގެ ކޯޗަކަށް ހުރީ މިހާރު ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެވެސް ހެޑް ކޯޗްގެ މަގާމުގައި ހުރި މުޙައްމަދު ސާޖިދެވެ.
“ސާޖިދު އެންމެ ފުރަތަމަ ރިސޯޓް މުބާރާތްވެސް ކުޅުނީ އަހަރެންގެ ކޯޗުކަމުގެ ދަށުގަ. ދެން ސާޖިދު ގައުމީ ޓީމުގެ ކެޕްޓަނަކަށް ވީއިރު ގައުމީ ޓީމުގެ ހެޑް ކޯޗަކީވެސް އަހަރެން. އެހެންވީމަ އެގޮތަށް ބަލާއިރު އޭނައަކީ އަހަރެންގެ ދަރިވަރެކޭ ބުނެވެން އެބައޮތް. މިއަދު އަސްލު ވަރަށް ފަހުރުވެރިވާ ކަމެއް އެއީ. ރާއްޖޭގެ ނެޝަނަލް ޓީމުގެ ކޯޗަކަށް ވެފައި އަދި މިކަހަލަ ފައިނަލަކަށް ނުކުންނައިރު އިދިކޮޅު ޓީމުގެ ކޯޗަކަށް އަސްލު އަހަރެންގެ ދަރިވަރެއް ހުރީމަ. ހަމަ ވަރަށް ފަހުރުވެރިވާ ކަމެއް އެއީ” ޝަރަފް ބުންޏެވެ.
ޝަރަފް ގަބޫލުކުރާ ގޮތުގައި ބަނޑޮސް ޓީމަކީ ގްރޭންޑް ޕާކް ޓީމާއި އަޅާ ބަލާއިރު ތަފާތު ޓީމެއް ކަމަށާއި އެކަމަކު މެޗުން މޮޅުވުމުގެ އުއްމީދު އޭގެ ސަބަބުން ގެއްލުވާނުލާ ކަމަށެވެ.
“ހުރިހާ ގޮތަކުން ބަލާއިރުވެސް ބަނޑޮސް ޓީމް ޓެކްނިކަލީ އަހަރެމެންނަށްވުރެ މާ ފުރިހަމަކޮށް ފެންނަނީ. އެކަމަކު މިކަހަލަ ފައިނަލަކަށް ނުކުންނައިރުގަ އެމީހުން ބަލިކުރެވިދާނެ ކަހަލަ ކަންތައްތަކެއްވެސް އެބަހުރި. އެހެންވީމަ އަހަރެމެންވެސް އަހަރެމެންގެ މެކްސިމަމް ޓްރައި ކުރާނަން މިއަދުގެ މެޗުން މޮޅުވާން” ގިނަ ދުވަސްތަކެއް ވަންދެން ކޯޗިންގ ގެ ދާއިރާގައި އުޅެފައިވާ ޝަރަފް ބުންޏެވެ.
މި މުބާރާތުގައި މިހާތަނަށް ބަނޑޮހާއި ގްރޭންޑް ޕާކް ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. އެ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވަނީ ބަނޑޮހުންނެވެ. އެކަމަކު އެއީ މިއަދުގެ މެޗަށް ނުކުންނައިރު ޓީމުގެ ކުޅުންތެރިންގެ ވިސްނުމަށް އަސަރުކޮށްފާނެ ކަމެއް ކަމަކަށް ޝަރަފް ގަބޫލެއް ނުކުރެއެވެ.
“އަސްލު މިގަޑިއަކު ކުރީގެ އެއްވެސް މެޗެއްގެ ރިޒަލްޓެއް އެއްވެސް ވަރަކަށް ކައުންޓެއް ނުކުރާނެ. އެއަކުން މޯޓިވޭޝަނަކަށް ޕޮޒިޓިވް އަދި ނެގެޓިވް އަސަރެއްވެސް ނުކުރާނެ. ހަމަ މުޅިން އާމެޗެއް މިއީ. ކުޅުންތެރިންގެ ސިކުނޑީގެ ފުލް ކޮންޓްރޯލް އެބައޮތް. ކުރީގެ މެޗްތަކުން ބަލިވުމުގެ މާޔޫސްކަމެއްވެސް ނެތް. ބަލިވެފަ ހުރީމަ ބަދަލުހިފުމުގެ ރޫހެއްގައެއްވެސް ނޫން މި ނުކުންނަނީ. ހަމަ ޓެކްނިކަލީ ބަނޑޮހަކީ މޮޅު ޓީމެއްކަން ދަނެގެން ކޮންކަންތައްތަކެއް ކޮށްގެންތޯ މި މެޗުން މޮޅުވެވޭނީ. އެކަންކަމަށް ވިސްނައިގެން ނުކުންނާނީ” ތަޖުރިބާކާރު ކޯޗު ބުންޏެވެ.
މުހިއްމު ފައިނަލަކަށް ގްރޭންޑް ޕާކް މިއަދު ނުކުންނައިރު ޓީމުގައި އަނިޔާގެ މަބޮޑު މައްސަލަތަކެއް ނެތްކަމަށާއި، ނަމަވެސް ބަނޑޮސް ޓީމާއި ބަލާއިރު އެޓީމަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަންތައްތަކެއް ހުރިކަން ކޯޗް ޝަރަފް ފާހަގަކުރިއެވެ.
“ޓީމުގަ އަސްލު އިންޖަރީއެއް ނެތް. އެކަމަކު ޓީމުގެ ތެރޭގައި ވަރުބަލިކަން އެބަހުރި ކުރު މުއްދަތެއްގެ ތެރޭގައި ދިގު ދަތުރުތަކެއް ކޮށްފަ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް މެޗު ކުޅެން ޖެހުނީމަ. އަނެއްކޮޅުން އަޅުގަނޑުމެން މިއައީ ދެ ސެމީ ކުޅެފަ އަނެއްކަ ކްއާޓަރ ކުޅެފަ. ބަނޑޮހަށް އޮތް އެޑްވާންޓޭޖަކީ އެމީހުން އެއް ސެމީ ކުޅެންޖެހުނީ. އަނެއްކާ އެމީހުންނަށް ކްއާޓަރ ވެސް ކުޅޭކަށް ނުޖެހުނު” މެޗްގެ ކުރިން ފޯނުން “ފަހުމިނެޓް” އަށް ދިން އިންޓަވައުއެއްގައި ޝަރަފް ބުންނެވެ.
ގްރޭންޑް ޕާކް ކޮށްދިއްޕަރު ފައިނަލަށް އައީ ފުރަތަމަ ސެމީ ފައިނަލްގައި ޑަބްލިއު މޯލްޑިވްސް އަދި ދެވަނަ ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ ރަނައަޕް ސޮނެވާފުށި ސީދާ ތިން ސެޓުން ބަލިކުރުމަށް ފަހުއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ބަނޑޮހުގައެވެ.
Advertisement
Leave a Reply