އެލިސަންގެ ކިބައިން ބަދަލުހިފަން ރޯމާގެ ކޯޗު ތައްޔާރު

Advertisement

އެލިސަންގެ ކިބައިން ބަދަލުހިފަން ރޯމާގެ ކޯޗު ތައްޔާރު

ޢަލީ ޝަހީމް

ރެކޯޑް އަގަކަށް ރޯމާ ދޫކޮށް ބަދަލުވި ގޯލް ކީޕަރ އެލިސަން ބެކާގެ ލިވަޕޫލާ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކޮށް ބަލިކުރަން އުއްމީދު ކުރާކަމަށް ރޯމާގެ ކޯޗު ޔުސޭބިއޯ ޑި ފްރަންސެސްކޯ ބުނެފިއެވެ.

“އެލިސަންއާ ޗެމްޕިއަންސް ލީގުގައި ވާދަކޮށް ބަލިކުރަން އުއްމީދުކުރަން. ވަދާއީ ސަލާން ކުރަން އައި ވަގުތު އަހަރެން އޭނާއާ ދިމާލަށް އެހެން ބުނިން” އާސިޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހްމަތްތެރިކަމުގެ މެޗަކަށްފަހު ފުޓްބޯޅަ އިޓާލިއާއަށް ދިން އިންޓަވިއުއެއްގައި ޔުސޭބިއޯ ބުންޏެވެ.

ލިވަޕޫލަށް އެލިސަން ބަދަލުވި 67 މިލިއަން ޕައުންޑަކީ ގޯލް ކީޕަރެއް ކްލަބް ބަދަލުކުރި ރެކޯޑް އަގެކެވެ. މިއީ މިދިޔަ ސީޒަނަށް ރެކޯޑް އަގެއްގައި ޕޯޗުގަލްގެ ބެންފީކާއިން އިންގްލެންޑްގެ މެންޗެސްޓަރ ސިޓީއަށް ބަދަލުވި އެޑަސަންއަށް ސިޓީން ކުރި ހަރަދުގެ ދެގުނަ އަދަދެކެވެ. ސިޓީން މިދިޔަ ސީޒަނުގައި އެޑަސަން ގެންދިޔައީ 35 މިލިއަން ޕައުންޑަށެވެ.

ޔޫސޭބީއޯ މިހެން ބުނި އިރު މިދިޔަ ސީޒަނުގައި ރޯމާ ޗެމްޕިއަންސް ލީގުން ކެޓީ ސެމީ ފައިނަލުގައި ލިވަޕޫލާ ވާދަކޮށް 6-7 ގެ އެގްރިގޭޓުން ބަލިވެގެންނެވެ. މިދިޔަ ސީޒަނުގައި ރޯމާގެ ގޯލް ބެލެހެއްޓި އެލިސަން ވަނީ ލީގު އަދި ޗެމްޕިއަންސް ލީގުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ގައުމީ ޓީމުގެ ގޯލްވެސް ބެލެހެއްޓީ އެލިސަން އެވެ. ކުއާޓަރ ފައިނަލުން ބްރެޒިލް ކަޓައިގެން ދިޔައިރު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗެއްގައި އެލިސަން ވަނީ ބްރެޒިލް ކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ.

ލިވަޕޫލަށް ބަދަލުވުމަށްފަހު ކްލަބްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އުމުރުން 25 އަހަރުގެ އެލިސަން ބުނީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗަކީ އެ ކްލަބަށް ބަދަލުވުމުގައި ބޮޑު ހިއްސާއެއް އޮތް މެޗެއް ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *