ފުރުސަތުތައް އެބަހުރި، ބޭނުންވަނީ ބާސެލޯނާގައި ކާމިޔާބީ ހޯދަން: މިނާ
އެހެން ކްލަބްތަކުން ފުރުސަތުތައް ލިބިފައި އެބަހުރި ކަމަށާއި، އެކަމުވެސް ބޭނުންވަނީ ބާސެލޯނާގައި ކާމިޔާބީ ހޯދަން ކަމަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކޮލަމްބިއާ ޓީމަށް މޮޅު ކުޅުމެއް ދެއްކި ޔެރީ މިނާ ބުނެފިއެވެ.
މިނާ، 23، ގެންދަން އެންމެ ބޮޑަށް ޝައުގުވެރިވަނީ ޕްރިމިއަރ ލީގުގެ އެވަޓަން އިންނެވެ. ނަމަވެސް އެވަޓަންއިން ލިބުނު ފުރުސަތު ދޫކޮށްލައި މިނާގެ ވިސްނުން ހުރީ ބާސެލޯނާގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން މަސައްކަތް ކޮށް ކްލަބުގައި ކާމިޔާބީ ހޯދަން ކަމަށް އޭނާ ބުނެފައިވެއެވެ.
“އަހަރެންނަށް ފުރުސަތުތައް އެބަހުރި އެކަމަކު ބޭނުންވަނީ ބާސެލޯނާގައި ކާމިޔާބީ ހޯދަން. މިވަގުތު ޗުއްޓީގައި އަހަރެން މި މަޖާ ކުރަނީ. ވަގުތު ޖެހުމުން އާއިލާއާ ވާހަކަ ދައްކައި އެންމެނަށް ރަނގަޅު ގޮތެއް އަހަރެން ނިންމާނަން” މިދިޔަ ޖެނުއަރީ މަހު ސްޕެއިންގެ ބާސެލޯނާއާ ގުޅުނު ޑިފެންޑަރު ބުންޏެވެ.
ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިނާ ވަނީ ކޮލަމްބިއާ ޓީމަށް ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފުރުސަތު ނުލިބުނު ނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗުގައި އެޓީމުގެ ތަރިއަކަށް ވީ މިނާ އެވެ. އޭނާ ވަނީ ވޯލްޑް ކަޕް މުބާރާތުގައި ޕެނަލްޓީ ޖަހައިގެން އިންގްލެންޑް އަތުން ބަލިވި މެޗުގައި ފަހު ވަގުތު ލިބުނު ކޯނަރަކުން ލަނޑު ޖަހާފައެވެ.
ބްރެޒިލްގެ ޕަލްމެއިރާސް އިން މިދިޔަ ޖެނުއަރީ ޓްރާންސްފަރ މުއްދަތުގައި މިނާ ބާސެލޯނާއަށް ބަދަލުވީ 11.8 މިލިއަން ޔޫރޯއަށެވެ. ބާސެލޯނާއަށް ބަދަލުވެ މިނާއަށް މާގިނަ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެ ކްލަބްގައި މިދިޔަ ސީޒަނުގައި އޭނާ ކުޅެފައިވަނީ އެންމެ ފަސް މެޗުގައެވެ.
Advertisement
Leave a Reply