ގާޑިއޯލާގެ އެހީތެރިކަމާއެކު ހާޓް އެހެން ކްލަބަކަށް ބަދަލުވަނީ

Advertisement

ގާޑިއޯލާގެ އެހީތެރިކަމާއެކު ހާޓް އެހެން ކްލަބަކަށް ބަދަލުވަނީ

ޢަލީ ޝަހީމް
ސިޓީގެ ފަރިތަކުރުންތަކުގެ ތެރެއިން އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ (ވ) އަދި ޖޯ ހާޓް

މެންޗެސްޓަރ ސިޓީގެ ގޯލް ކީޕަރު ޖޯ ހާޓްގެ ހުނަރާމެދު އެއްވެސް މީހަކަށް ޝައްކު ނުކުރެވޭނެ ކަމަށާއި، ހާޓަށް އެހެން ކްލަބަކުން ފުރުސަތު ހޯދައިދިނުމުގައި އެހީތެރި ވާނެކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އެމެރިކާގެ ޗިކާގޯގައި ޖާމަނީގެ ބްރޫޝީޔާ ޑޯޓްމަންޑާއި އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ގާޑިއޯލާގެ ވާހަކައިގައި ހާޓަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ޑޯޓްމަންޑް އަތުން 1-0 އިން ސިޓީ ބަލިވިނަމަވެސް އެމެޗުގައި ގާޑިއޯލާ ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ.

Advertisement

“ހާޓް ދޫކޮށްލިޔަސް ވޭދުވެދިޔަ ދިހައެއް ނޫނީ ބާރަ ވަރަކަށް އަހަރުތެރޭ އޭނާ ދައްކާފައިވާ ކުޅުމަކީ ގޯލް ކީޕަރެއްގެ ގޮތުގައި ކޮލިޓީ ހުރިކަން ސާބިތުކޮށްދޭ ކަމެއް” އުމުރުން 31 އަހަރުގެ ގޯލް ކީޕަރަށް އާ ކްލަބެއް ހޯދައިދިނުމުގައި އެހީތެރިވާނެކަމަށް މީގެ ކުރިން ބުނެފައިވާ ގާޑިއޯލާ ބުންޏެވެ.

ޑޯޓްމަންޑާއި ކުޅުނު މެޗަށް ހާޓަށް ފުރުސަތު ދީފައިވަނީ ދެވަނަ ހާފުގައެވެ. އެމެޗުން 1-0 ސިޓީ ބަލިވިއިރު ޑޯޓްމަންޑަށް ގޯލް ޖެހީ މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން މާރިއޯ ގޮޓްޒޭ އެވެ. ފުރަތަމަ ހާފުގައި ސިޓީގެ ގޯލް ބެލެހެއްޓީ ކްލައުޑިއޯ ބްރާވޯ އެވެ.

ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ލޯން އެއްބަސްވުމެއްގެ ދަށުން ހާޓް މިދިޔަ ދެސީޒަނުގައި ކުޅެފައިވަނީ އިޓަލީގެ ޓޮރީނޯ އަށާއި އިންގްލެންޑްގެ ވެސްޓްހަމަށެވެ. އިނގިރޭސި ގައުމީ ޓީމުގެ ކީޕަރުކަން 2016 ވަނަ އަހަރުގެ ޔޫރޯގައި ކުރި ހާޓަށް، ފަހަކަށް އައިސް ގައުމީ ޓީމުންވެސް ފުރުސަތު ނުލިބެއެވެ. މިގޮތުން މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ދިޔަ އިނގިރޭސި ޓީމުންވެސް ހާޓަށް ޖާގަ ލިބިފައެއް ނުވެއެވެ.

ސިޓީގެ ގޯލް ކީޕަރުކަން މިދިޔަ ސީޒަނުން ފެށިގެން ބަލަހައްޓަނީ ބްރެޒިލްގެ ހުނަރުވެރި ކީޕަރ އެޑަސަން އެވެ. އެހެންކަމުން ސިޓީން މިހާރު ނިންމާފައިވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން ހާޓް އެހެން ކްލަބަކަށް ވިއްކާލުމަށެވެ.

ޑޯޓްމަންޑާއި ކުޅުނު މެޗުގައި ވޯލްޑް ކަޕްގައި ކުޅުނު ސިޓީގެ 16 ކުޅުންތެރިއަކު ނުކުޅެއެވެ. ނަމަވެސް ރެކޯޑް އަގަކަށް މިފަހަރު އެޓީމަށް ބަދަލުވި ރިޔާދް މާރޭޒް ރޭގެ މެޗުގައި ކުޅުނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *