ޞަލާޙް : މިފަހަރު ޖާދޫގައި ގިނަ ބަޔަކު ޖެއްސީ ކުރުނބަލަކުން
މިފަހަކަށް އައިސް އެންމެ ގިނަ ބައެއްގެ ލޯބި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯދި އެއް ކުޅުންތެރިއަކަށް ލިވަޕޫލްގެ ތަރި މުޙައްމަދު ޞަލާޙް ވާނެއެވެ. މިސްރުގެ ގައުމީ ޓީމުގައި ހިމެނޭ ހަމަ އެކަނި ސުޕަރ ސްޓާރަށް ދިވެހިންގެ މެދުގައި އޮތް ޝައުގުވެރިކަންވެސް އެހާ ބޮޑެވެ. ފުޓްބޯޅަ މާގިނައިން ނުބަލާ ދިވެހިންނަށްވެސް ޞަލާޙް އަކީ މިހާރު އައިޑޮލްއެކެވެ. އެކަން އެހެން އޮއްވައި މިދިޔަ ހަފްތާގެ ތެރޭގައި ޞަލާޙް ވަނީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެއައިސްފައެވެ. ވަރަށް މަދު ދިވެއްސަކަށް ނޫނީ ހަމަ ލޮލުން ޞަލާޙް ފެންނަގޮތް ނުވިޔަސް އެތައް ބަޔަކު ދިޔައީ އޭނާ ރާއްޖޭގައި ކުރާ ކަމެއްގެ ހިލަމެއް ވޭތޯ ފާރަލަމުންނެވެ.
ރާއްޖެ އަންނަ މަޝްހޫރު އެހެން ގިނަ ތަރިންނެކޭ އެއްގޮތަށް ޞަލާޙްވެސް ދިޔައީ ރާއްޖޭގެ ހިތްގައިމުކަމުން އޭނައަށް ކުރެވުނު އިހްސާސް ޝޯޝަލް މީޑިޔާއަށް ބަންޑުންކުރަމުންނެވެ. އިތުރު ވާހަކައެއް ނުލިޔެ އިންސްޓަގްރާމްގައި އޭނާ އާއްމުކުރި ފޮޓޯތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނެވެ. އެތައް މިލިޔަން ބަޔަކު އެ ފޮޓޯތަކަށް ލައިކް ދިނެވެ.
އަންހެނުންނާއި ދަރިފުޅާއެކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެއައި ޞަލާޙް ސޯޝަލް މީޑިޔާގައި އާއްމުކުރި ފޮޓޯތަކުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް ކަމެއް އޮތެވެ. އެއީ ކުރުނބަލަށް އޭނާގެ ހިތުން ދިން ޖާގައެވެ. ރާއްޖެ އައިސް އޭނާގެ ފޭނުންނަށް ދޫކޮށްލި ފުރަތަމަ ފޮޓޯއިން ވެސް ފެނުނީ ހަމައެކަނި ކުރުނބަލެކެވެ. އޭގެ ތިންދުވަސް ފަހުން އޭނާ އާންމު ކުރި ފޮޓޯއިން ފެންނަނީ ޞަލާޙް ކުރުނބަލެއް ހިފައިގެން ރިސޯޓްގެ ގޮނޑުދޮށުގައި ކޮޅަށް ހުރި މަންޒަރެވެ. މިފަހަރު ކެމެރާއަށް ކުރިމަތިލައިގެންނެވެ. އޭގެ ފަހުން ޖެހިގެން އައިދުވަހު ހަމަ އެކަހަލަ އެހެން މަންޒަރެކެވެ. އެދުވަހު އާއްމުކުރި ފޮޓޯގައި ތަފާތަކަށްވީ ޞަލާޙް ފުރަދަސްދީގެން އިށީދެގެން އިން ކަމެވެ. އެއްކަލަ ކުރުނބަލުގައި އޭނާ އިނީ ހިފަހައްޓާލައިގެންނެވެ. ކުރުނބަލާއި ދިމާލަށް ބަލަހައްޓައިގެން އޭނާ އިންގޮތްވެސް ތަފާތެވެ. ބުނާ ކަހަލައެވެ. މި ރާއްޖެއިން އަހަންނާ ދިމާވި އެންމެ ކަމުދާ އެކުވެރިޔަކީ ތިއީއެވެ.
މި ހުރިހާ ފޮޓޯއަކަށްވެސް އެތައް ހާސް ބަޔަކު ކޮމެންޓްކުރިއެވެ. އޭގެތެރެއިން ބައެއް ކޮމެންޓްތައް ވަރަށް ޝައުގުވެރިއެވެ. ވަރަށް މަޖަލެވެ. ޞަލޙްގެ ފޮޓޯތަކަށް ކޮމެންޓް ކުރި އެކަކު ލިޔެފައި އޮތެވެ. “މިހަކު ހޯދާކަމަށް ވަންޏާ ހޯދަންވީ ޞަލާޙް ކުރުނބަލާ ދޭތެރޭ ކަމޭހިތާ ފަދައިން ކަމެހިތާނެ މީހެކެވެ.” ކޮމެންޓްކުރި ފަރާތަށް އެގުޅުމުން ނެގުނު މާނަ އެހާވެސް ފުނެވެ. އެހެން ކޮމެންޓެއްގައި ލިޔެފައިވަނީ “މުޙައްމަދު ޞަލާޙްއާއި އޭނާގެ ކުރުނބަލަށް ވުރެ އަގުބޮޑު ޖޯޑެއް ބުނެދޭން އެނގޭނެތަ؟” މިހެންނެވެ.
ވަރަށް ގިނަ ބަޔަކު ޞަލާޙް އާންމުކުރި ފޮޓޯތައް އޭނާގެ ފުޓްބޯޅަ ކެރިއަރާ ވެސް ގުޅުވިއެވެ. އެގޮތަށް އެކަން ކުރި އެކަކު ފޮޓޯއަށް ކޮމެންޓްކުރަމުން ބުނެފައިވަނީ މުޙައްމަދު ޞަލާޙް އޭނާއަށް ވުރެ މޮޅު ކުޅުންތެރިއަކު ފެނޭތޯ މަސައްކަތްކުރަނީ ކަމަށެވެ. އަނެއްކޮޅުން ބައެއް މީހުން ދިޔައީ މަޝްހޫރު ކޮންމެވެސް ފިލްމަކުން ފެންނަ ތަރިޔަކާ ނުވަތަ މަންޒަރަކާ ގުޅުވަމުންނެވެ. ވަރަށް ގިނަ ބަޔަކު އެ ފޮޓޯތައް އެމީހުންގެ ޑެސްކްޓޮޕްގެ ބެކްގްރައުންޑް ފޮޓޯއަކަށް ހަދަން ބޭނުންވާ ވާހަކަ ބުނެފައި އޮތެވެ. އަނެއް ބަޔަކު އެ ފޮޓޯތަކުގައި އެމީހުންގެ އަމިެއްލަ ފޮޓޯ ހިމަނައިގެން ފޮޓޯޝޮޕްވެސް ހަދައިފައި ހުއްޓެވެ.
މީގެ އިތުރުން ގިނަ ފޮޓޯތަކެއްގައި ޞަލާޙް ކުރުނބަލަކާއެކު އެކަނި ހުންނަތަން ފެނުމުން ބައެއް މީހުން ސުވާލުތައްވެސް އުފައްދާފައި ހުއްޓެވެ. އެގޮތުން ފޮޓޯއަށް ކޮމެންޓްކުރި އެކަކު ޞަލާޙްގެ ރަހުމަތްތެރިއަކު ނެތީތޯ ސުވާލުކޮށްފައިވެއެވެ. އަދި ބައެއް މީހުންނަށް ޞަލާޙް އެތަނަކުން އުފާ ހޯދަމުންދިޔަ ގޮނޑުދޮށް އެހާ ހަމަހިމޭން ވެދާނެ ކަމަކަށް ގަބޫލެއްވެސް ނުކުރެވުނެވެ.
ކޮންމެއަކަސް މުޙައްމަދު ޞަލާޙް ކުރު ޗުއްޓީއެއް ހޭދަކުރުމަށްފަހު ރާއްޖެއިން ފުރައިފިއެވެ. އެތައް މިލިޔަން ބަޔަކަށް ރާއްޖޭގެ ރީތިކަން އިހްސާސްކޮށްދީފައެވެ. ރާއްޖޭގެ ގިނަ ބަޔަކަށްވެސް އެންމެ ކަމުދާ އެއް މޭވާގެ ބޭނުންކޮށްގެން ގިނަ ބަޔަކު ޖާދޫގައި ޖައްސައިފައެވެ. އެއީ އެތައް ބަޔަކު ރާއްޖެ އައުމަށް ޝައުގުވެރިކުރުވަފާނެ ޖާދުލަކަށް ނުވާންވީ ސަބަބެއް ނެތެވެ. ފަހަރުގައި ޞަލާޙް ދެވަނަ ފަހަރަށް ރާއްޖެއައުމަށް ހިތްޖައްސުވާނެ އެއްޗަކީ އެ ކުރުނބާ ކަމަށްވެސް ވެދާނެއެވެ.
Advertisement
Leave a Reply