ހަޒާޑް އެނބުރި ނާންނަނީސް ވާހަކައެއް ނުދައްކާނަން

ޗެލްސީ ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް ދީފައިވާ އެޑިން ހަޒާޑާއި ވާހަކަ ދައްކަން ބޭނުންކަމަށާއި، އެކަމު ވާހަކަ ދައްކަން ބޭނުންވަނީ ޗުއްޓީ ނިންމައި ހަޒާޑް ޗެލްސީ ޓީމާއި ގުޅުމުން ކަމަށް މިހަފްތާގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވި މައުރިޒިއޯ ސާރީ ބުނެފިއެވެ. ޗެލްސީއާ ގުޅުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަޒާޑާއި ފޯނުން ގުޅައި އެވާހަކަ ދައްކަން ވިސްނަންތޯ ނޫސްވެރިއަކު އެހުމުން ސާރީ ބުނީ ފޯނު ކުރިޔަސް ކުޅުންތެރިޔާގެ ލޮލަށް ނުބަލާ ޔަގީންކަން ނުލިބޭނެ ކަމަށެވެ.
“ފޯން ކޯލެއް ކުރިޔަސް ކުޅުންތެރިޔާގެ ލޮލަށް ނުބަލައި އަހަންނަން ޔަގީންކަމެއް ނޯންނާނެ. އަހަރެން ބޭނުންވަނީ އެކަކު އަނެކަކު ދިމާވެގެން ވާހަކަ ދައްކަން. އަހަރެން ބޭނުން ކުޅުންތެރިޔާ ޓްރެއިނިންގ އަށް އައިސް ހަތަރު ނޫނީ ފަސް ވަރަކަށް ދުވަހު އުޅެލަން” މިދިޔަ ސީޒަނުގައި އިޓަލީގެ ނަޕޯލީއާއެކު ލީގުގެ ދެވަނަ ހޯދައިދިން 59 އަހަރުގެ ކޯޗު ބުންޏެވެ.
މީގެ އިތުރުން ސާރީ ބުނީ، ހަޒާޑް ޗެލްސީގައި ބަހައްޓައި އިތުރަށް ކުރިއަރުވަން ބޭނުންވާ ކަމަށެވެ.
“ހަޒާޑަކީ ވަރަށް މަތީ ފަންތީގެ ކުޅުންތެރިއެއް. އަހަރެން އުއްމީދު ކުރަން ޗެލްސީގައި އަހަންނަށް ހަޒާޑް އިތުރަށް ކުރިއެރުވޭނެ ކަމަށް. އޭނާ އަކީ ޔޫރަޕް ގައި ތިބި އެންމެ މޮޅު ދޭން ނޫނީ ތިން ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެއް”
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހަޒާޑަށް ކޯޗުކޮށްދިން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ދާދި ފަހުން ސްޕެއިންގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ކުރިއަށް ދިއުމަށް ހަޒާޑް މިހާރު އެހެން ކްލަބަކަށް ބަދަލުވުމާމެދު ވިސްނަން ވެއްޖެ ކަމަށެވެ.
މީގެ އިތުރުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗަށްފަހު ހަޒާޑްވެސް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ، ހަ އަހަރަށްފަހު މިއީ އެހެން ތަޖުރިބާއެއް ކުރަން ޖެހިދާނެ ފަހަރު ކަމަށް ވެދާނެ ކަމަށެވެ. ކްލަބް ދޫކޮށްލާނަމަ ރެއާލް މެޑްރިޑާ ގުޅުމުގެ ފުރުސަތު އެބައޮތްތޯ އެހުމުން ހަޒާޑް ބުނެފައިވަނީ އޭނާ ބޭނުންވާ މަންޒިލް އެނގޭނެކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑުން ހަޒާޑް ގެންދަން ޝައުގުވެރި ވެއެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބެލްޖިއަމުން ހޯދިއިރު ހަޒާޑް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު، ތިން ގޯލު އޭނާ ވަނީ ޖަހާފައެވެ. މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ޗެލްސީން ހޯދާފައިވާ ކާމިޔާބީގަވެސް ހަޒާޑަކީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގެ ފަސްވަނައިގައި ނިންމާލި ޗެލްސީ މި ސީޒަނުގައި ކުޅެނީ ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރަޕާ ލީގުގައެވެ.
Advertisement


Leave a Reply