ސޮނެވާއަށް ހޯމް އެޑްވާންޓޭޖެއް ނުނެގޭނެ: ޝަރަފް

Advertisement

ސޮނެވާއަށް ހޯމް އެޑްވާންޓޭޖެއް ނުނެގޭނެ: ޝަރަފް

ޢަބްދުﷲ އަޝްރަފް

އިންޓަރ ރިސޯޓް ވޮލީ މުބާރާތުގައި ހިމެނޭ ޒޯން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ތިންވަނަ މެޗްގައި މިދިޔަ އަހަރުގެ ރަނައަޕް ސޮނެވާފުށްޓާ ދެކޮޅަށް ނުކުންނައިރު މެޗް ސޮނެވާފުށީގައި ކުޅެންޖެހުމަކީ ގްރޭންޑް ޕާކް ކޮށްދިއްޕަރަށް މާބޮޑު ޗެލެންޖެއް ނޫން ކަމަށް އެޓީމްގެ ކޯޗް މުޙައްމަދު ޝަރަފް ބުނެފިއެވެ.

ސެމީ ފައިނަލް މެޗް ކުޅުމަށްޓަކައި ޓީމާއެކު މިވަގުތު ސޮނެވާފުށީގައި ހުރި ޝަރަފް ފޯނުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނީ ސޮނެވާފުށީގައި މެޗް ކުޅުނު ކަމުގައި ވިޔަސް އޭގެ އެޑްވާންޓޭޖް ސޮނެވާފުށްޓަށް އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

Advertisement

“ތީގަ އަސްލު އަހަރެން ބުނަން އޮތް އެއްޗަކީ ސޮނެވާފުށި މީހެއް ގާތު އަހައިފިއްޔާ ސޮނެވާފުށި މީހުންވެސް ބުނާނެ އެމީހުންނަކަށް ހޯމް އެޑްވާންޓޭޖެއް ނޯވެޔޭ. އެމީހުން ވަރަށް ހިތުން ރުހުމުން ގަބޫލުކުރާނެ ކަމެއް އެއީ. އެމީހުންނަށް ހޯމް އެޑްވާންޓޭޖް ނޯންނަ ކަމަކީ އެއީ ތާރީހުން ފެންނަން އޮތް ކަމެއްވީމަ މިބުނީ” ޝަރަފް ބުންޏެވެ.

އެކަމަކު ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ކޯޗެއްގެ ގޮތުންވެސް މަސައްކަތްކޮށްފައިވާ ޝަރަފް ބުނީ ސޮނެވާފުށި ޓީމަށް އޭނާ ފުރިހަމައަށް އިހްތިރާމްކުރާ ކަމަށާއި، ވޮލީ ކުރިއެރުވުމަށްޓަކައި އެރިސޯޓުން މިހާތަނަށް ކޮށްފައިވާ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށެވެ.

“ބ. އަތޮޅު ވޮލީ އަސްލު މިހިސާބަށް ގެނައުމުގަ ވަރަށް މުހިއްމު ދައުރެއް ކުޅުނު ބައެއް ސޮނެވާފުށްޓަކީ. އެމީހުންނަކީ މިތާ ވޮލީ ފަށައިގެން އެ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތްކުރި މީހުން” މީގެ ކުރީގެ މުބާރާތްތަކުގައި ސޮނެވާފުށްޓާ ދެކޮޅަށް ޓީމް ނެރެ ކާމިޔާބުތަކެއް ހޯދައިފައިވާ ކޯޗް ބުންޏެވެ.

ސޮނެވާފުށްޓާ ހިލާފަށް ގައުމީ ޓީމުގެ ދެކުޅުންތެރިން ޓީމުގައި ހިމަނައިގެން އެ ޓީމާ ދެކޮޅަށް ގްރޭންޑްޕާކުން ނުކުންނައިރު ވިސްނަންޖެހޭ މާގިނަ ކަންތައްތަކެއް ނެތްކަމަށް ޝަރަފް ބުނެފައިވެއެވެ.

“އަހަންނަށް ހީވަނީ އަހަރެމެން ސޮނެވާއާ ދޭތެރޭ ވިސްނަންޖެހޭ ވަރަށްވުރެ ބޮޑަށް ސޮނެވާއިންހެން އަހަރެމެންނާ ދޭތެރޭ ވިސްނާނީ. އެހެން މިބުނާ ސަބަބަކީ އަހަރެމެންގެ ތެރޭގަ ތިބި ކުޅުންތެރިން ސޮނެވާގަ ތިބި ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ. އަހަރެމެންނަށް ސޮނެވާގަ ތިބި ކުޅުންތެރިން އެނގޭ ވަރަށްވުރެ ބޮޑަށް. އެހެންވީމަ އެގޮތުން ދެޓީމުގަ ތިބި ކުޅުންތެރިން އަޅާ ކިޔާއިރު އަހަރެމެންގެ ކުޅުންތެރިން އެމީނުންނަށް މާބޮޑަށް އެނގޭނެތީ މިހެން މި ބުނީ” ޝަރަފް ބުންޏެވެ.

ގްރޭންޑް ޕާކްގެ ކޯޗް އިތުރަށް ފާހަގަކުރިގޮތުގައި އެޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ހުރިހާ ގޮތަކުންވެސް ޓީމް އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ

“އިންޖަރީއެއް އަސްލު ނެތް. ދެން މި މޫސުމުގެ ތަންކޮޅު އިންނާނެ ދެން. ދެން އަހަރެމެންގެ ތެރޭގަ ތިބި ކުޅުންތެރިންނާ އަހަރެންގެ ވިސްނުމާ މިހިރީ މުބާރާތަށް ނުކުންނައިރު މިކަހަލަ ކަންކަން ދިމާވާނެކަން އަހަރެމެންނަށް އެނގޭ. ވާހަކައަކީ މި މޫސުމުގަ ޓްރެވެލްކުރަން ޖެހޭނެ ކަމާ އެކި ތަންތަނުގަ ކުޅެންޖެހޭނެ ކަމާ. އެހެންވީމަ އެކަންތައްތަކަށް ވަރަށް ރަގަޅަށް ތައްޔާރުވެގެން މިތިބީ އަހަރެމެން” މިދިޔަ އަހަރު މާލޭގައި އޮތް ސެންޓްރަލް އޭޝިޔާ ޒޯން ވޮލީ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދިން ޝަރަފް ބުންޏެވެ.

ސޮނެވާފުށްޓާއި ގްރޭންޑްޕާކް ކޮށްދިއްޕަރު ކުޅޭ ސެމީފައިނަލް މެޗް އޮންނާނީ މިއަދު ހަވީރު ސޮނެވާފުށީގައެވެ. މި މެޗުން މޮޅުވާ ޓީމެއް އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލްގައި ވާދަކުރާނީ ބަނޑޮސް މޯލްޑިވްސްއާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *