ވޯލްޑް ކަޕާއެކު ޓްރާންސްފަރ އަގު އުފުލޭނެ 10 ކުޅުންތެރިން
ނިމިގެންދިޔަ ވޯޅްޑް ކަޕަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް މުބާރާތެކެވެ. މަޝްހޫރު ބައެއް ކުޅުންތެރިންގެ އަގު މި މުބާރާތުގައިވެސް އެމީހުން ހިފެހެއްޓިއެވެ. ކުރިއަށް މިއޮތް ދުވަސްވަރަކީ ކުޅުންތެރިން އެއް ކުލަބުން އަނެއް ކުލަބަށް ބަދަލުވުމުގެ މޫސުން ކަމަށް ވީއިރު މުބާރާތުގައި ދެއްކި ކުޅުމުގެ ސަބަބުން ފާހަގަކޮށްލެވޭ މިންވަރަށް ޓްރާންސްފަރ ބާޒާރުގައި އަގު އަރައިގެން ދާނެ ކުޅުންތެރިން ދެނެގަންނަން މިއީ އެންމެ މުނާސަބު ވަގުތެވެ. ދެން މި ބަލާލަނީ އެފަދަ 10 ކުޅުންތެރިއަކަށެވެ.
އެޑެން ހަޒާޑް، ބެލްޖިއަމް އަދި ޗެލްސީ
ބެލްޖިއަމުން މިފަހަރުގެ ވޯލްޑްކަޕްގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެކަކީ ހަޒާޑެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް އަތުން ބަލިވުމާއެކު އޭނާވަނީ ޗެލްސީ ދޫކޮށް ރެއަލް މެޑްރިޑަށް ބަދަލުވުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައެވެ. ޗެލްސީގެ ސަޕޯޓަރުންނަށް މިކަމުން ހިތްހަމަޖެހުމެއް އޮތްނަމަ އޮންނާނީ ހަޒާޑް ވިއްކާލެވޭނެ އަގު މަތިވުމެވެ. ހަޒާޑް ވަނީ ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ނުކުމެ ތިން ގޯލް ޖެހުމުގެ އިތުރުން ދެ ގޯލް ޖެހުމަށް އެހީތެރިވެދީގެން ރަގަޅު ނަމޫނާއެއް ދައްކައިފައެވެ. ހަޒާޑްއަކީ މުޅި ވޯލްޑްކަޕްގައިވެސް ހުރިހާ މެޗެއްގައި މޮޅަށް އެއްފެންވަރެއްގައި ކުޅުނު ހަމަ އެކަނި އެޓޭކިންގ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ތޯމަސް މާނިޔޭ، ބެލްޖިއަމް އަދި ޕީއެސްޖީ
ބެލްޖިއަމް މިފަހަރުގެ ވޯލްޑްކަޕްގައި ހޯދަމުންއައި ކުރިއެރުމަށް ފްރާންސުން ހުރަސްއެޅި މެޗް މާނިއޭ މި މުބާރާތުގައި ހަމައެކަނި ނުކުޅޭ މެޗަށްވުން އެއީ އިއްތިފާގެއް ނޫނެވެ. ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒް މުބާރާތަށް ޓީމް ބައްޓަންކުރިއިރު މާނިއޭ އަކީ އެޓޭކްގައިވެސް އަދި ޑިފެންސްގައިވެސް މުހިއްމު ރޯލެއް ދީފައިވާ ކުޅުންތެރިއެކެވެ. މުބާރާތުގެ ސެމީފައިނަލް މެޗްގައި އޭނާ ނެތްތަން އެހާބޮޑަށް ދެއްކީ އެހެންވެގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އުމުރުން 26 އަހަރުގެ މާނިޔޭ ހިމެނުނީ ރަޝިޔާގައި އޮތް މުބާރާތުގައި ފެނުނު އެންމެ މޮޅު އެއް ފުލް ބެކް ގެ ގޮތުގައެވެ. މިދިޔަ ސީޒަންގައި ޕީއެސްޖީގައި މާއެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް މި މުބާރާތުގައި މާނިއޭ ވަނީ އެއް ގޯލް ޖެހުމުގެ އިތުރުން ދެ ގޯލް ޖަހަން އެހީތެރިވެދީފައެވެ.
ޑެނިސް ޗެރިޝޭވް، ރަޝިޔާ އަދި ވިލަރެއާލް
މިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާ ގައި ގިނަ މެޗްތަކެއްގައި ބެންޗްގައި އިންނަން ޖެހުމުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗްގައި ސައޫދީ އަރަބިޔާއަށް ދެކޮޅަށް ނުކުތް ރަޝިޔާ ޓީމްގެ ފުރަތަމަ އެގާރައިގައި ޗެރިޝޭވް ނުހިމެނެއެވެ. އެކަމަކު ރަޝިޔާގެ އެލަން ޒަގޮއެވްއަށް ލިބުނު އަނިޔާއާ ގުޅިގެން ޗެރިޝޭވްއަށް ލިބުނު ފުރުސަތު އޭނާ ފިސާރި ރަގަޅަށް ހިފައި ހަތަރު ގޯލް ރަޝިޔާގެ ޓީމަށް ކާމިޔާބުކޮށްދިނެވެ. އޭގެ ތެރެއިން ގިނަ ގޯލްތަކަކީ ބަލާލަން ހިތްގައިމު މޮޅު ލަނޑުތަކެކެވެ. މި ކާމިޔާބާއެކު މިފަހަރުގެ ޓްރާންސަފަރ ބާޒާރުގައި އެހެން ކްލަބަކަށް ބަދަލުވުމުގެ އުއްމީދު ޗެރިޝޭވް ކުރާނެ ކަން ޔަގީނެވެ. ވިލަރެއަލް މިދިޔަ ސީޒަންގައި ކުޅުނު މެޗްތަކުގެ ތެރެއިން އެންމެ ނުވަ މެޗްގައި ފުރަތަމަ އެގާރައިން ޖާގަ ހޯދި ކުޅުންތެރިއަކު ވިއްކާލައިގެން ފައިދާއެއް ލިބޭނަމަ އެއީ ވިލަރެއަލް އަށް މާބޮޑަށްވެސް ރަގަޅު ވިޔަފާރިއަކަށް ވާނެއެވެ.
ހެރީ މެގުއާރ، އިންގްލެންޑް އަދި ލެސްސެސްޓަރ
ހެރީ މެގުއާރގެ މިހާރުގެ އަގާ ބެހޭ ގޮތުން އެއްޗެއް ބުނަން ނޭގުނަސް އެ އަގު ވޯލްޑް ކަޕްގެ ކުރިން ހުރި އަގަށް ވުރެ ބޮޑުވާނެ ކަމާމެދު ޝައްކެއް ނެތެވެ. މެގުއާރ ހިމެނުނީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި އިދިކޮޅު ޓީމުގެ ގޯލް ފޫއަޅުވާލަންވެސް އިނގިރޭސި ޓީމުން ބޭނުންކުރި ވަރުގަދަ ހަތިޔާރަކަށެވެ. މެގުއަރ ގެ ސެޓް ޕީސްތަކުން އިދިކޮޅު ޓީމުތަކަށް ނުރައްކާ ކުރިއިރު ފަހަތައް އަންނަ ބޯޅަތަށް ޕެނެލްޓީ އޭރިޔާ ތެރެއިން ސާފުކޮށްލުމުގައި އޭނާ އަދާކުރި ދައުރު ވަރަށް ތަފާތެވެ. އެހެންވުމާއެކު މީގެ އެއް އަހަރުކުރިން ހަލް ސިޓީގައި ހުރި އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ގެންނަން ލެސްސެސްޓަރ އިން ހޭދަކުރި 17 މިލިޔަން ޕައުންޑަށް ވުރެ ބޮޑު އަގެއް މިހާރު އޭނާ ގެންދަން ބޭނުންވާ ޓީމަކުން ދައްކަންޖެހޭނެކަމަށް ބެލެވެއެވެ.
ޔެރީ މިނާ، ކޮލަމްބިއާ އަދި ބާސެލޯނާ
މެގުއަރ އެކޭ އެއްގޮތަށް ސެޓް ޕީސްތަކުގައި އިދިކޮޅު ޓީމުތަކަށް ނުރައްކާ ކުރި ޑިފެންޑަރ ޔެރީ މިނާ މިފަހަރުގެ ވޯލްޑް ކަޕްގައި ދެއްކި ކުޅުމަކީ އޭނާ މިދިޔަ ސީޒަންގައި ބާސެލޯނާގައި ހޭދަކުރި ނުތަނަވަސްކަން ގެނުވި ހަމަސްދުވަސް ހަނދާން ނައްތާލެވޭ ވަރުގެ މޮޅު ކުޅުމެކެވެ. ބާސެލޯނާއަށް ބަދަލުވިފަހުން އަދި ފާއިތުވީ އެންމެ ހަ މަސް ދުވަސް ކަމަށް ވިޔަސް ސެވިއްޔާގެ ކްލެމެންޓް ލެންގްލެޓް ބާސެލޯނާއަށް އައުމާއެކު މިނާ އެހެން ކްލަބަކަށް ވިއްކާލުމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެއާއެކު ބާސެލޯނާއަށް އޮތް ހިތްހަމަޖެހުމަކީ ވޯލްޑްކަޕްގައި މިނާ ކުޅުނު ހުރިހާ މެޗެއްގައި ގޯލް ޖަހައިފައިވުމާއެކު އޭނާ ރަގަޅު އަގަކަށް ވިއްކާލައިގެން ބޮޑު ފައިދާއެއް ނެރެވޭނެ ކަމަށް އޮތް އުއްމީދެވެ. މިދިޔަ އަހަރު ބާސެލޯނާ ލީގްގައި މިނާ ކުޅުނު މެޗްތަކުގެ ތެރެއިން އޭނާ އަށް ފުރަތަމަ އެގާރައިން ޖާގަ ލިބުނީ އެންމެ ހަތަރު މެޗްގައެވެ.
ރަފައެލް ވެރާން، ފްރާންސް އަދި ރެއަލް މެޑްރިޑް
ޗެމްޕިއަންސް ލީގް ގެ ހަތަރު ތައްޓާއި، ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔަކަށް ފުޓްބޯޅައިގައި އިތުރަށް ހޯދަންޖެހޭނެ އެއްޗެއް ވަރަށް މަދުވާނެއެވެ. އެކަމަކު އެޢާއެކުވެސް 25 އަހަރުގެ މިކުޅުންތެރިޔާއަށް އެންމެ ގިނަވެގެންވެސް ސްޕެނިޝް ލީގްގައި ކުޅެން ލިބިފައިވަނީ ހަތާވީސް މެޗްކަމަށް ވުން އެއީ ބައެއް މީހުން ހައިރާންވާނެ ކަމެއް ކަމަށް ބެލެވެއެވެ. އެކަމަކު އޭގެ އަސްލު ސަބަބަކަށް ވެފައި އޮތީ އޭނާއަށް ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތަކާއި، ރެއަލް މެޑްރިޑްގެ ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަމެވެ. ކަން އެހެން އޮތަސް ވޯލްޑް ކަޕްގައި ވެރާން ދެއްކި އާދަޔާ ޚިލާފް މޮޅު ކުޅުމާއެކު ދުނިޔޭގެ އެންމެ އަގުބޮޑު ސެންޓަރ ބެކަށް އޭނާ ވުމުގެ ފުރުސަތު ބޮޑެވެ.
ބެންޔަމިން ޕަވާ، ފްރާންސް، ސްޓުޑްގާޑް
މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ ޖޫން މަހު ޖަރުމަނުގެ ސްޓުޓްގާޑަށް ސޮއިކުރިއިރު ޕަވާ އެ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް އޭނާ ބެލީ ރަހުމަތްތެރިންނާއެކުއެވެ. ނިމިގެންދިޔަ ސީޒަނަށްފަހު އޭނާ އަށް ފްރާންސްގެ ގައުމީ ޓީމުން ޖާގައެއް ލިބުނީ އެޓީމްގެ ޖިބްރިއޭ ސިޑިބޭ އަށް އެންމެ ފަހު ވަގުތު އަނިޔާވުމާ ގުޅިގެންނެވެ. އެވަރުންވެސް އޭނާއަށް ކުޅެން ފުރުސަތު ލިބުނީ އޭނާ އެންމެ ކުޅެން ބޭނުންވާ ސެންޓަރ ބެކް މަގާމުގެ ބަދަލުގައި ކަނާތު ބެކްގެ މަގާމެވެ. އެހެހެންވިޔަސް 22 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ތަށްޓާއި ހަމައަށް ފްރާންސް ގެންދިއުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. މުޅި މުބާރާތުގައިވެސް ފެނުނު އެންމެ ހިތްގައިމު އެއް ލަނޑު އާޖެންޓީނާއާ ދެކޮޅަށް ދެވަނަ ބުރުގައި ފްރާންސް ކުޅުނު މެޗްގައި ވައްދާލީވެސް ޕަވާ އެވެ. އެއާއެކު ޔޫރަޕްގެ ބޮޑެތި ކްލަބްދަކުން އޭނާ އަށް ކަޅިއަޅަން ފެށިއެވެ. މިހާރު ހުޅުވިފައިވާ ޓްރާންސްފަރ ބާޒާރުގެ ތެރެއިން ޕަވާގެ ސޮއި އަތުލާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޖަރުމަނުގެ ބެޔާން މިޔުނިކެވެ. އެކަމަކު ސްޓުޓްގާޑުން އަންނަނީ ބެޔާން މިޔުނިކަށް އޭނާ ވިއްކާލަން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަގަޅަށް ހިފަން ތައްޔާރުވަމުންނެވެ.
ސިމެ ވަސަލްކޯ، ކްރޮއޭޝިޔާ، އެތްލެޓިކއޯ މެޑްރިޑް
ސްޕެއިންގެ ކްލަބް އެތްލެޓިކޯ މެޑްރިޑްގައި އޭނާއަށް ފުރަންޖެހުނު ކަނާތު ބެކެއްގެ މަގާމް ފުރުމުގައި އޭނާ ފެއިލްވި ނަމަވެސް ކްރޮއޭޝިޔާގެ ގައުމީ ޓީމުގައި އޭނާ އެ މަގާމް ފުރީ ވަރަށް ޔަގީން ކަމާއެކުއެވެ. މުބާރާތުގެ ފައިނަލާއި ހަމައަށް ކްރޮއޭޝިޔާ ގެންދިއުމުގައި ޓީމުގެ ކަނާތް ފަޅީގައި ހުރެގެން ވަސަލްކޯ އަދާކުރި ދައުރު ވަރަށް ފާހަގަކޮށްލެވެއެވެ. އޭނާގެ ފަރާތުން ފެނުނު ހުނަރުވެރިކަމާއި، މަސައްކަތުގެ ރޭޓް އެންމެ ބޮޑަށް ފާހަގަވި އެއް މެޗަކީ ސެމީފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކްރޮއޭޝިޔާ ކުޅުނު މެޗެވެ.
ޑޮމެގޯ ވިޑާ، ކްރޮއޭޝިޔާ އަދި ބަސިކްޓަސް
ވިޑާ މީގެ އަހަރެއްހާ ދުވަސްކުރިން ސުޕަރ ލިގް ކްލަބެއް ކަމަށްވާ ބަސިކްޓަސްއަށް ބަދަލުވީ ހިލޭ ޓްރާންސްފަރ އެއްގައެވެ. އެކަމަކު މިދިޔަ ސީޒަންގައި ވިޑާއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުމުގެ ސަބަބުން އޭނާއަށް ގިނަ މެޗްރަކުގައި އިންނަންޖެހުނީ ބެންޗުގައެވެ. ކަޅު ބާޒުގެ ނަމުގައި މަޝްހޫރުވެފައިވާ ބަސިކްޓަސްއަށް ކުޅެމުންއައި ސާބިޔާގެ ޑަސްކޯ ޓޮސިޗް މިހާރުވެސް ދޫކޮށްލައިފައިވީ ނަމަވެސް ޓީމުން އަންނަނީ ރަގަޅު އަގެއްގައި ވިޑާ ވިއްކާލެވޭނެ އަގަކަށް ބަލަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ކުޅުންތެރިޔާ ގެންދިއުމަށް ލިވަޕޫލުން ޝައުގުވެރިކަން ފާޅުކޮށް 20 މިލިއަން ޕައުންޑް ވަމީ ހުށަހަޅާފައެވެ. އެކަމަކު ބަސިކްޓަސް އަދިވެސް ބަލަނީ އެއަށްވުރެ ބޮޑު އަގަކަށެވެ.
އިވާން ޕެރިސިޗް، ކްރޮއޭޝިޔާ، އިންޓަރމިލާން
މި ވޯލްޑްކަޕްގައި ކްރޮއޭޝިޔާގެ ކުޅުންތެރިންގެ ތެރެއިން ވިދާލާނެކަމަށް ކުރިންވެސް ބެލެވުނު އެއް ކުޅުންތެރިޔަކީ އިވާން ޕެރިސިޗެވެ. އެކަމަކު ޓީމުގައި އޭނާގެ ނުފޫޒް ފެނުނީ އިހަށް ހީކުރެވުނު ވަރަށްވުރެވެސް މާ ގަދަކޮށެވެ. އެއާއެކު އިންޓަމިލާނުން އޭނާގެ އަގު މައްޗަށް އަރުވާނެ ކަމަށް ބެލެވެއެވެ. މީގެ ތިން އަހަރުކުރިން ޖަރުމަނުގެ ވޮލްފްސްބާގުން އިންޓަމިލާނަށް ބަދަލުވީއްސުރެ ފެށިގެން ޓީމުގައި އޭނާ އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ހާއްސަކޮށް ޕެރެސިޗާއި އިންޓަގެ ފޯވާޑް މައުރޯ އިކާޑީއާ ދެމެދު އޮތް އަންޑަސްޓޭންޓިންގް ވަތަށް ބޮޑަށް ފާހަގަކުރެވުނެވެ. ޕެރިސިޗް ވަނީ ވޭތުވެދިޔަ ތިން ސީޒަންގައި އިންޓަ އަށް ޖުމްލަ 52 ގޯލް ޖަހައިދީފައެވެ. އިނގިރޭސި ކްކަބް މެންޗެސްޓަރ ޔުނައިޓެޑުން އަންނަނީ މިފަހަރުވެސް ޕެރިސިޗަށް ފާރަލަމުންނެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕްގައި ޕެރިސިޗް ދެއްކި މޮޅު ކުޅުމާއެކު އިންޓައިން ބޮޑު އަގަކަށް ނޫނީ އޭނާ ދޫކުރާން ކަމަކަށް ނުބެލެވެއެވެ.
Advertisement
Leave a Reply