ޕްރީ ސީޒަން ނުފެށެނީސް މޮރީނިއޯ ފިކުރުބޮޑުވެއްޖެ

އަންނަ އޯގަސްޓްމަހު ފެށޭ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެޗުތަކެއް ކުޅުމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ޓީމް އެމެރިކާއަށް ދިޔައިރު ޓީމުގައި ހިމެނޭ މުހިއްމު ގިނަ ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތް ނުވުމުން އެ ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ދެވަނަ މަގާމް މިދިޔަ ސީޒަންގައި ހޯދި ޓީމުގެ ގިނަ ކުޅުންތެރިންނަށް މި ދަތުރުގައި ބައިވެރިވެވޭ ގޮތް ނުވީ ވޯލްޑް ކަޕްގައި އެކުޅުންތެރިން ކުޅުމުގެ ސަބަބުން އަރާމްކުރުމަށް ވަގުތު ބޭނުންވާތީއެވެ. މީގެ އިތުރުން މިދިޔަ ސީޒަންގެ މެދުތެރެއިން ކްލަބާ ގުޅުނު އާސެނަލްގެ ކުރީގެ ތަރި އެލެކްސިސް ސަންޗޭޒް އަށް ކުރިމަތިވި ވިސާގެ މައްސަލަތަކާ ހުރެ އޭނާވެސް މިދަތުރުގައި ބައިވެރިއެއް ނުވެއެވެ. ސަންޗޭޒް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައިވާ ކުޅުންތެރިއެއް ނޫނެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަސް މެޗެއް ކުޅުމަށްޓަކައި އެމެރިކާއަށްކުރާ ދަތުރުގައި ކެލިފޯނިޔާގައި މިވަގުތު ޔުނައިޓެޑްގެ ޓީމް މަޑުކޮށްގެން ތިބިއިރު ޓީމުގައި ތޭރަ ކުޅުންތެރިން މަދެވެ. އެއީ އެލެކްސިސް ސަންޗޭޒް، ޕައުލް ޕޮގްބާ، ރޮމެލޫ ލުކާކޫ، މަރުއަން ފެލެއިނީ، ޖެސީ ލިންގާޑް، މާކަސް ރަޝްފޯޑް، އޭޝްލީ ޔަންގް، ފިލް ޖޯންސް، މާކޮސް ރޮހޯ، ޑޭވިޑް ޑެހެއާ، ވިކްޓަރ ލިންޑެލޯފް، ނިމިންޔާ މަޓިޗް އަދި ޔުނައިޓެޑާއި އަލަށް ގުޅުނު ފްރެޑް އެވެ.
މި ކުޅުންތެރިންގެ ތެރެއިން ޑޭވިޑް ޑެހެއާ، ނިމިންޔާ މަޓިޗް އަދި ފްރެޑް އަންނަ ހަފްތާގެ ތެރޭގައި ލޮސް އެންޖަލިސްގައި އޭސީ މިލާނާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗްގެ ކުރިން ޓީމާ ގުޅޭނެ ކަމަށް ބެލެވެއެވެ.
“މިފަހަރުގެ ޕްރީ ސީޒަން ވަރަށް ގޯސް. ހަމައެކަނި އޮތް ޕޮޒިޓިވް ކަމަކީ ޒުވާން ކުޅުންތެރިންނަށް އަހަރެމެންނާއެކު ތަމްރީންތައް ހަދަން ރަގަޅު ފުރުސަތެއް ފަހިވެފައި އޮތްކަން. އަންނަ ހަފްތާގެ ތެރޭގައި ޑެހެއާ، މަޓިޗް އަދި ފްރެޑް އަހަރެމެންނާ ބައިވެރިވާނެ. ފްރެޑަށް މިއީ ވަރަށް ރަގަޅު ފުރުސަތެއް” ވޭތުވެދިޔަ ދެ ސީޒަންގައިވެސް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް ހުރި މޮރީނިޔޯ ބުންޏެވެ.
“އެއީ އަހަރެމެންނާ އަލަށް ގުޅުނު ކުޅުންތެރިއެއް. އެކަމަކު ހުރިހާ ކަމެއްވެސް މިފެންނަނީ ވަރަށް ގޯސްކޮށް. މިކަން މިހެން އޮއްވަ މިޖެހެނީ އިނގިރޭސި ވިލލާތަށް ގޮސް ޕްރިމިއަރ ލީގް ކުޅެން” ޔުނައިޓެޑަށް ޔޫރޮޕާ ލީގާއި އީއެފްއެލް ކަޕް ކާމިޔާބު ކޮށްދީފައިވާ ކޯޗް ބުނެފައިވެއެވެ.
“އެހެންވީމަ އަހަރެން މިހިރީ ވަރަށް ފިކުރުބޮޑުވެފަ. ސަބަބަކީ ގިނަ ކުޅުންތެރިންތަކެއް ނުލާ ފަރިތަކުރަންޖެހުން. އަދި ޕްރިމިއަރ ލީގް ފަށަން މިޖެހެނީ ގިނަ ކުޅުންތެރިންތަކެއް ނުލާ. އެއީ ދެން އެކަން އޮތްގޮތް. އަހަރެމެންނަށް އޮތީ މިހާރު ލިބެން މިތިބި ކުޅުންތެރިންނާއެކު ކުޅެ ހޯދެން އޮތް އެންމެ ރަގަޅު ނަތީޖާއެއް ހޯދުން.” މޮރީނިއޯ ބުންޏެވެ.
މިހުރިހާ ކަމަކާއެކުވެސް މޮރީނިއޯ އެންމެ ފިކުރުބޮޑުވި އެއް ކަމެއްކަމަށް ބެލެވެނީ ސަންޗޭޒްއަށް ޕްރީ ސީޒަން ޓުއަރ ގައި ބައިވެރިވެވޭ ގޮތް ނުވުމެވެ. މޮރީނިއޯ ގަސްދުކޮށްގެން ހުރީ އޯގަސްޓް މަހުގެ އެގާރަ ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗްގެ އެޓޭކިންގ ލައިންގައި އެންތަނީ މާޝިއަލްއާއި ޖުއާން މަޓާ އާއެކު ޗިލީގެ ފޯވާޑް ހިމަނާށެވެ.
“އެޢީ ވަރަށް ގޯސްކޮށް ދިމާވި ކަމެއް. އެއީ ވަރަށް ދެރަ ކަމެއް. އެއީ އޭނައަށްވެސް އަހަރެންނަށްވެސް އަދި ކްލަބަށްވެސް ރަގަޅު ގޮތެއް ނޫން. މީގަ އެއްވެސް މީހަކު ކުށްވެރިކުރެވޭކަށް ނެތް. ކްލަބަށް ކުރެވެން ހުރި ހުރިހާ ކަމެއް އެދަނީ ކުރަމުން. ވިސާގެ ކަންތަކުގައި އެމެރިކާގެ ރަސްމީ އިދާރާތަކުން ގެންގުޅޭ އުސޫލުތަކަށްވެސް އަހަރެމެން އިހްތިރާމް ކުރަންޖެހޭ. އެކަމަކު އަހަރެމެން މި އުއްމީދުކުރަނީ އޭނަ ތަންކޮޅެއް ފަހުން ނަމަވެސް މި ދަތުރުގައި ބައިވެރިވާނެކަމަށް. މާޝިއަލްއާއި މަޓާއާ އެއްކޮށް ސަންޗޭޒް ފަރިތަކުރުން ވަރަށް މުހިއްމު. ސީޒަން ފަށާއިރު އަހަރެމެންނާއެކު ތިބޭނެ އެޓޭކިންގ ޕްލޭޔަރުންނަކީ އެއީ” ސަންޗޭޒްއަށް ވިސާ ހަމަނުޖެހުނު މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަމުން ކުރިން އިންޓަރ މިލާން، ރެއާލް މެޑްރިޑް އަދި ޗެލްސީއަށްވެސް ކޯޗްކޮށްދީފައިވާ މޮރީނިއޯ ބުންޏެވެ.
Advertisement


Leave a Reply