ކަރިއަސް މަތިން ހަނދާން ނައްތާލަން ލިވަޕޫލުން އެލިސަން ގެންގޮސްފި

Advertisement

ކަރިއަސް މަތިން ހަނދާން ނައްތާލަން ލިވަޕޫލުން އެލިސަން ގެންގޮސްފި

ޢަލީ ޝަހީމް

އިޓަލީގެ ރޯމާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ގައުމީ ޓީމުގެ ކީޕަރު އެލިސަން ބެކާ ލިވަޕޫލަށް ބަދަލުވާން ދެ ކްލަބުން އެއްބަސް ވެއްޖެއެވެ. އެލިސަން ލިވަޕޫލަށް ބަދަލުވާނީ 66.8 މިލިއަން ޕައުންޑަށެވެ. އުމުރުން 25 އަހަރުގެ އެލިސަން އަކީ މިދިޔަ ސީޒަނުގައި ރޯމާއަށް މޮޅު ކުޅުމެއް ދައްކާދީފައިވާ ހުނަރުވެރި ކީޕަރެކެވެ. އެލިސަން ލިވަޕޫލަށް ބަދަލުވިއިރު މީގެ ކުރިން ރެއާލް މެޑްރިޑް އަދި ޗެލްސީންވެސް ވަނީ އެލިސަންއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރޯމާއަށް ކުޅުމުގެ ކުރިން އެލިސަން ފެނުނީ ބްރެޒިލްގެ އިންޓަނާސިއަނަލް އިންނެވެ. 2016 ވަނަ އަހަރު އެ ކްލަބުން ރޯމާއަށް ބަދަލުވުމަށްފަހު އެލިސަން ވެފައިވަނީ ޔޫރަޕްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކީޕަރަށެވެ. މިދިޔަ ސީޒަނުގައި 37 ލީގު މެޗު ރޯމާއަށް ކުޅެދިންއިރު މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފަސް މެޗުގައިވެސް އެލިސަން ވަނީ ކުޅެފައެވެ. ކުއާޓަރ ފައިނަލުން ބްރެޒިލް ކެޓިއިރު، ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗެއްގައި އެލިސަން ވަނީ ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައެވެ. ލީގުގައި އެލިސަން ކުޅުނު 37 މެޗުގެ ތެރެއިން 17 މެޗުގައި ކްލީން ޝީޓް ވަނީ ހޯދާފައެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ކަރިއަސް ހެދި ގޯހުގެ ފައިދާ ނަގައި ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ ގޯލު ޖަހަނީ. ފައިނަލުގައި ފެނުނު ބޮޑު ދެ ގޯހާއެކު ކަރިއަސް އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ

އެލިސަން މި ޓްރާންސްފަރ ފީއަކީ ޕްރިމިއަރ ލީގުގެ ރެކޯޑެކެވެ. މީގެ ކުރިން އެންމެ ބޮޑު އަގުގައި ޕްރިމިއަރ ލީގަށް ގެންދިޔަ ކީޕަރަކީ މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީ އަށް ބަދަލުވި އެޑަސަން މޮރާއެސް އެވެ. 40 މިލިއަން ޔޫރޯއަށް ސިޓީ އަށް ބަދަލުވުމުގެ ކުރިން ޕޯޗުގަލްގެ ބެންފީކާއަށް ކުޅުނު އެޑަސަން އަކީ ބްރެޒިލްގެ ބަދަލު ކީޕަރެވެ. މީގެ ކުރިން ކީޕަރެއް ކްލަބް ބަދަލުކުރި އެންމެ ބޮޑު އަގަކީ 70 މިލިއަން ޔޫރޯ އެވެ. 2001 ވަނަ އަހަރު ޔުވެންޓަސް އިން ޕާމާ އަށް އެވަރު ދެއްކީ ޖިއަންލުއިޖީ ބުފޮން ގެންދިއުމަށެވެ.

ލިވަޕޫލުން އެލިސަންގެ ސޮއި ހޯދުމާއެކު މިދިޔަ ސީޒަނުގައި އެޓީމުގެ ގޯލު ބެލެހެއްޓި ޖަރުމަނުގެ ކީޕަރު ލޮރިސް ކަރިއަސް ގެ ކުރިމަގާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ލިވަޕޫލުން އިތުރު ކީޕަރެއް ގެންނަން ޝައުގުވެރިވީވެސް މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކަރިއަސް އަށް ހެދުނު ބޮޑު ދެގޯހުން އެޓީމުން ފައިނަލުގައި ބަލިވުމުންނެވެ. އޭގެ ފަހުން މި ސީޒަނަށް ތައްޔާރުވަން އެންމެ ފަހުން ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައިވެސް ކަރިއަސް އަށް ހެދުނު ބޮޑު ގޯހަކުން އެޓީމު ކޮޅަށް ވަނީ ލަނޑެއް ވަދެފައެވެ.

އެލިސަން ލިވަޕޫލަށް ބަދަލުވިއިރު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އޭނާ ވަނީ ލިވަޕޫލާ ދެކޮޅަށް ކުޅެފައެވެ. ދެ ލެގުގެ އެގްރިގޭޓުން ސެމީ ފައިނަލުގައި ލިވަޕޫލް މޮޅުވީ 7-6 އިންނެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *