ފުރަތަމަ މޮޅާއެކު މޯހަން އަށް ހިތްހަމަޖެހުން
ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ލީގުގެ ފުރަތަމަ މޮޅު އީގަލްސް އިން ހޯދައިފިއެވެ. މި މެޗުގެ ކުރިން ލީގުގައި ފުރަތަމަ ކުޅުނު ދެމެޗު 2-2 އިން އެއްވަރުވިއިއު އޭގެ ފަހުން ކުޅުނު މެޗުގައި 1-0 އިން ޓީސީ ސްޕޯޓްސްއާ ވާދަކޮށް އެޓީމު ވަނީ ބަލިވެފައެވެ. ލީގުގައި ފުރަތަމަ ކުޅުނު މާޒިޔާ މެޗު އެއްވަރުވީ އިތުރު ވަގުތުގައި މާޒިޔާ ޖެހި ގޯލަކުންނެވެ. ލީގުގެ ދެވަނަ މެޗުގައި ނިއު އަތުންވެސް 2-1 އިން މޮޅުވާން ދަނިކޮށް ނިއުއިން ވަނީ ލަނޑެއް ޖަހައި 2-2 އަށް މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.
މިރޭގެ މެޗުގައި އީގަލްސް އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހްމަދު ރިޒްވާން (ރިޒޭ) އެވެ. ރިޒޭގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ފުރަތަމަ ލަނޑަށްފަހު ވިކްޓްރީ ހަމައަކަށް ނޭޅި އުޅެނިކޮށް އީގަލްސް އަށް ލީޑު ފުޅާ ކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ ޑިކްސަން ޑެނިއަލް ލުއިސް އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓްރީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ވިކްޓްރީއަށް މި ލަނޑު ޖަހައިދިނީ 31 ވަނަ މިނެޓުގައި އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން އީގަލްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނުނީ ވިކްޓްރީން ކުޅުން ރަނގަޅުކޮށް އީގަލްސްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަތަނެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގައި އީގަލްސް އިންވެސް ވަނީ ފުރުސަތު ތަނަވަސް ކޮށްފައެވެ. މެޗުގައި އީގަލްސްގެ ތިންވަނަ ލަނޑު އަދި ރިޒޭގެ ދެވަނަ ލަނޑު ފެނުނީ 74 ވަނަ މިނެޓުގައެވެ.
މެޗުގައި ލިބުނު މޮޅާއެކު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، މޮޅުވާން މަޖުބޫރު މެޗަކުން ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. މާލޭ ލީގުގައި ދެވަނަ ހޯދި އީގަލްސް އަށް ފުރަތަމަ ކުޅުނު ތިން މެޗުން މޮޅެއް ނުލިބުނަސް ޕްރެޝަރ ނެތްކަމް މިރޭގެ މެޗުގެ ކުރިން މޯހަން ވަނީ ބުނެފައެވެ.
މި މޮޅާއެކު ކުޅުނު ހަތަރު މެޗުން އީގަލްސް އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ވިކްޓްރީއަށްވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އީގަލްސް އަށް ލިބެނީ ހަތަރު ވަނައެވެ. ލީގުގެ ކުރީގައި އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވި ޓީސީ ސްޕޯޓްސް ކްލަބެވެ.
ލީގުގައި ދެން މެޗެއް ކުޅެވޭނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ތިމަރަފުއްޓާއި ނިލަންދޫ އެވެ.
Advertisement
Leave a Reply