ދުނިޔެ ހައިރާންކޮށްލި ވޯލްޑްކަޕް މިފަހަރު ހުސް ތަފާސްހިސާބުން

Advertisement

ދުނިޔެ ހައިރާންކޮށްލި ވޯލްޑްކަޕް މިފަހަރު ހުސް ތަފާސްހިސާބުން

އައްބާސް

ނިމިގެން ދިޔަ ވޯލްޑް ކަޕަކީ ތަފާތު އެތައް ރަހަތަކެއް އެކުލެވުނު މުބާރާތެކެވެ. އެއްބަޔަކު ހެއްވާލި އަދި އެއަށްވުރެ މާގިނަ ބަޔަކު ރޮއްވާލި ފޯރިގަދަ މުބާރާތެކެވެ. ފީފާގެ ރައީސް އިންފަންޓީނޯ ބުނާގޮތުން މިއީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ވޯލްޑް ކަޕެވެ. ޔޫރަޕްގެ ގަދަ ބާރުތައް ކަމަށްވާ ހޮލެންޑާއި އިޓަލީ އަދި ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ އާއި ނުލާ ކުރިއަށް ދިޔަ މި މުބާރާތުގެ ކުރީކޮޅު ދުނިޔޭގެ ގަދަބާރުތައް ކަމަށްވާ ޖަރުމަން، ސްޕޭން، ޕޯޗްގަލް އަދި އާޖެންޓީނާ ކަޓައި އެންމެ ފަހުން ބުރެޒިލްވެސް މާދުރަށް ނުދެވި އުޅެނިކޮށް ކެޓިއެވެ. އެކަމަކު މި މުބާރާތް ވެގެން ދިޔައީ ބަލާހިތްވި އަދި ޝައުޤުވެރި އެތައްކަމެއް ހިނގާދިޔަ މުބާރާތަކަށެވެ.

މިހާހިސާބުން މި މުބާރާތުގެ ބައެއް ތަފާސް ހިސާބުތަކަށާއި ރެކޯޑްތަކަށް ބަލާލަމާ ހިނގާށެވެ.

ގިނަ ޕެނަލްޓީތަކެއް ކާމިޔާބު، އެކަމަކު މެސީއާ ރޮނާލްޑޯ ކުރީ ބޭކާރު

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އައިސްލޭން ކޮޅަށް މެސީ ޖެހި ޕެނަލްޓީ ކީޕަރު މަތަކުރަނީ. މުބާރާތުގައި ރޯނާލްޑޯ ވެސް އީރާން ކޮޅަށް ޖެހި ޕެނަލްޓީ މިސް ކޮށްލާފަ. ފޮޓޯ: ފީފާ

މި މުބާރާތުގައި ޖުމްލަ ފެނިގެން ދިޔައީ 169 ގޯލެވެ. މިއީ މެޗަކަށް 2.64 ގޯލެވެ. ފާއިތުވެ ދިޔަ ހަ ވޯލްޑްކަޕަށް ބަލާއިރު މީ ދެވަނައަށް އެންމެ މަތީ އަދަދެވެ. ބްރެޒިލް 2014 އަދި ފްރާންސް 1998 ގައި ވަނީ 171 ގޯލް ޖަހައިފައެވެ. މި މުބާރާތުގައި ޖެހި 169 ގޯލުގެ ތެރެއިން 45 ގޯލު ފެނިފައިވަނީ ނޮކްއައުޓް ސްޓޭޖްގައެވެ. މިއީ އާ ރެކޯޑެކެވެ. އަދި 73 ގޯލު ޖަހައިފައި ވަނީ ސެޓްޕީސް ތަކުންނެވެ. މުޅިން އަލަށް ވީއޭއާރު ބޭނުންކުރި މި މުބާރާތްވީ އެންމެގިނަ ޕެނަލްޓީވެސް ދިން މުބާރާތަށެވެ. މުބާރާތުގައި ދިން 29 ޕެނަލްޓީގެ ތެރެއިން 22 ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު އެއީވެސް ރެކޯޑެކެވެ. މީގެ ކުރިން ބޭއްވި އެއްވެސް މުބާރާތެއްގައި އެއަދަދަށް ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަނެއް ކޮޅުން އެންމެ ގިނަ ބައިގޯލު ވެސް ވަނީ މި މުބާރާތުގައެވެ. ބައިގޯލް ގެ ގޮތުގައި ޖުމްލަ ބާރާ ގޯލް ހިމެނުނުއިރު މުބާރާތުގެ ފައިނަލް މެޗްގައިވެސް ބައިގޯލެއް ފެނިފައިވެއެވެ. މި މުބާރާތުގައި ލިބުނު ގިނަ ޕެނަލްޓީތައް ކާމިޔާބުކޮށްފައިވާއިރު ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިންގެ ތެރޭގައި ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުކީވެސް ވަރަށް ފާހަގަކޮށްލެވުނު ކަމެކެވެ. މި މުބާރާތުގައި 90 ވަނަ މިނިޓުގައި  ނުވަތަ އެއަށްވުރެ ފަހުން 10 ގޯލު ޖަހައިފައި ވެއެވެ. މީގެ ތެރެއިންވެސް ޖަރުމަންގެ ކުރޫސް ސްވިޑްން ކޮޅަށް ޖެހި ގޯލާއި ބެލްޖިއަމްގެ ޗަޑްލީ ޖަޕާންކޮޅަށް ޖެހި ގޯލު ފާހަގަ ކޮށްލެވެއެވެ.

ހުރިހާ ޓިމަކުންވެސް ގޯލް ޖެހި

ޕެނަމާގެ ޑިފެންޑަރ ފިލިޕޭ ބަލޯ އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ޓީމުގެ ކުޅުންތެރިންނާއެކު. މުބާރާތުގައި އަލަށް ވާދަކުރި ޕެނަމާއިންވެސް ވަނީ މުބާރާތުގައި ދެ ލަނޑު ޖަހާފަ. ފޮޓޯ: ފީފާ

ރަޝިޔާގައި ކުރިއަށްދިޔަ ވޯލްޑް ކަޕް މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހީ 16 ގޯލު ޖެހި ބެލްޖިއަމެވެ. ފައިނަލްކުޅުނު ފްރާންސާއި ކޮރޮއޭޝިއާއިން 14 ގޯލު ޖެހިއެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ މި މުބާރާތުގައި ވާދަކުރި ހުރިހާ ޓީމެއްވެސް މަދުވެގެން ދެގޯލު ޖެހިކަމެވެ. މިއީ ވޯލްޑްކަޕްގައި އަލަށްވީ ކަމެކެވެ. އެންމެ ގޯލެއްވެސް ނުފެނުނީ ފްރާންސާއި ޑެންމާކް ވާދަކުރި މެޗްގައި އެކަންޏެވެ. މިއީ 1954 ގެ ވޯލްޑް ކަޕަށްފަހު 0-0 އިން ނިންމާލަން ޖެހުނު މެޗްގެ އަދަދު އެންމެ މަދު މުބާރާތެވެ. 1954 ގެ ވޯލްޑްކަޕްގައި ކޮންމެ މެޗެއްގައިވެސް މަދުވެގެން އެއްގޯލު ޖެހިއެވެ. 32 ޓީމުގެ ފޯމެޓްގައި ކުޅެންފެށިފަހުން އެއް ޓީމަކުން އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލްޖެހީ 18 ގޯލް ޖެހި  ބްރެޒިލް (2002) އާއި ޖަރުމަނު (2014) އެވެ. މިހާތަނަށް އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހީ 1954 ގެ ވޯލްޑްކަޕްގައި 27 ލަނޑު ޖެހި އޮސްޓްރިއާ އެވެ. މިއަހަރުގެ މުބާރާތުގައި ދެ ހެޓްރިކް ފެނިގެން ދިޔައިރު އެކަން ކުރީ ޕޯޗްގަލްގެ ރޮނާލްޑޯ އާއި އިންގްލެންޑްގެ ހެރީ ކޭން އެވެ. މި މުބާރާތުގައި ބައިކޮޅަށް އެންމެ ގިނަ ގޯލު (11) ވަނީ ޕެނަމާ ކޮޅަށެވެ. އެންމެ މަދުން ގޯލު  (2) ވަނީ ޕެރޫ، ޑެންމާކް އަދި އިރާން ކޮޅަށެވެ.

މި މުބާރާތުގައި އެންމެ ގިނަ ޝޮޓް ހަދާފައިވަނީ ކްރޮއޭޝިއާ އެވެ. ކޮރޮއޭޝިޔާއިން 115 ޝޮޓްހެދިއިރު ދެން އެންމެ ގިނަ ޝޮޓް ހަދައިފައިވަނީ ބެލްޖިއަމެވެ. އެ ޓީމުން 106 ޝޮޓްހެދި އެވެ. ސެމީގައި ކުޅުނު އަނެއް ދެޓީމު ކަމަށްވާ އިންގްލެންޑް 96 ޝޮޓް ހަދާފައިވާއިރު ޗެމްޕިއަން ފްރާންސް ހަދާފައިވަނީ 83 ޝޮޓެވެ. ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ ސެމީއަށް ނުދާ ބްރެޒިލް 103 ޝޮޓް ހަދައިގެން މިލިސްޓްގެ 3 ވަނައިގައި ހިމެނޭކަމެވެ.

ކޭން ރަންބޫޓް ހޯދިއިރު ލެވެންޑޯސްކީއަށް ސުމެއް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުން ލެވަންޑޯސްކީ އޭނާގެ ލޯބިވެރިޔާ އަންނަ އާއެކު. ކޮލިފައިންގައި 16 ލަނޑު ޖަހައިގެން ލިސްޓުގެ ކުރީގައި އުޅުނު ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ޖެހިފައެއް ނުވޭ

މި މުބާރާތުގައި 6 ގޯލު ޖަހައިގެން ރަންބޫޓް ގެންދިޔައީ އިނގިރޭސި ޓީމުގެ ހެރީކޭން އެވެ. މިއީ ވޭތުވެދިޔަ 11 ވޯލްޑްކަޕްގެ ތެރެއިން 6 ގޯލާއި ހަމައިން ނިމިގެންދިޔަ 8 ވަނަ މުބާރާތެވެ. ކޭންގެ ހަގޯލް އައިސްފައިވަނީ އޭނާގެ ފުރަތަމަ ހަ ޝޮޓުންކަން ފާހަގަ ކޮށްލަން ޖެހެއެވެ. ވޯލްޑްކަޕެއްގައި އެއް ކުޅުންތެރިޔަކު އެންމެ ގިނަ ލަނޑުޖަހާފައިވަނީ 1958 ގެ މުބާރާތުގައެވެ. އެ މުބާރާތުގައި ފުރާންސްގެ ފޮންޓެއިން އެކަނިވެސް 13 ގޯލް ޖެހި އެވެ. މިއަހަރުގެ މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހީ 4 ލަނޑު ޖެހި ފުރާންސްގެ ގްރީޒްމަން އާއި އެމްބާޕޭ، ބެލްޖިއަމްގެ ލުކާކޫ، ޕޯޗްގަލްގެ ރޮނާލްޑޯ އަދި ރަޝިޔާގެ ޗެރިޝޭވް އެވެ. 3 ގޯލް ޖެހި 7 ކުޅުންތެރިން ތިބިއިރު އޭގެތެރޭގައި ބެލްޖިއަމްގެ ހަޒާޑް، ސްޕެއިންގެ ކޯސްޓާ އަދި އުރުގުއޭގެ ކަވާނީ ހިމެނެއެވެ. ގިނަ ބަޔަކު ހައިރާންވި އެއްކަމަކީ ގޯލްޑަން ބޫޓް ގެންދާނެކަމަށް އެއްބަޔަކު ޤަބޫލުކުރި ޕޮލެންޑްގެ ލެވެންޑޯސްކީ އަށް މި މުބާރާތުގައި އެންމެ ގޯލެއްވެސް ނުޖެހުނު ކަމެވެ. އަދި ޗެމްޕިއަންކަން ހޯދި ފުރާންސްގެ ފޯވާޑް ޖިރޫއަށް ގޯލެއް ނުޖެހުނު ތާގައި ގޯލާއި އަމާޒުކޮށް އެންމެ ޝޮޓެއްވެސް ހެދިފައި ނުވާކަމެވެ.

ތަށި ދިފާއުކުރާ ޓީމަށް ޖެހޭ މުސީބާތް ސަގާފަތަކަށް

ކޮރެއާ އަތުން ބަލިވެ މުބާރާތުން ކެޓުމުން ޖަރުމަނުގެ ކުޅުންތެރިން މާޔޫސްވެފަ. އެންމެ ފަހުގެ ޗެމްޕިއަނުން ކެޓުމުގެ ސަގާފަތް މިފަހަރުގެ މުބާރާތުންވެސް ވަނީ ފެނިފަ

ފްރާންސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިއީ ދެވަނަ ފަހަރެވެ. މި އަދަދަށް ދެން ވޯލްޑް ކަޕް ހޯދާފައިވަނީ އާޖެންޓީނާއާއި އުރުގުއޭ އެވެ. އިޓަލީއާއި ޖަރުމަން 4 ފަހަރު ތަށި ހޯދާފައިވާއިރު އެންމެ ގިނައިން ތަށި ގެންގޮސްފައިވަނީ 5 ފަހަރު ގެންދިޔަ ބްރެޒިލްއެވެ. އަދި އިނގިރޭސިންނާއި ސްޕޭން އެއްފަހަރު ތަށި ގެންގޮސްފައި ވެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ރަޝިޔާ މޮޅުވުމާއެކު މުބާރާތް ހުޅުވާ މެޗްގައި ރަށު ޓީމު ބަލިނުވުމުގެ ރެކޯޑް އަދިވެސް އޮތީ އެގޮތުގައެވެ. މުބާރާތް ހުޅުވަން ކުޅުނު މެޗްތަކުގެ ތެރެއިން 16 މެޗުން ރަށު ޓީމު މޮޅުވިއިރު އަނެއް 6 މެޗް ނިމުނީ އެއްވަރުވެގެންނެވެ. އެހެން ނަމަވެސް މި މުބާރާތަކީ ވޭތުވެދިޔަ 5 މުބާރާތުގެ ތެރެއިން ފުރަތަމަ ބުރުން ޑިފެންޑިންގ ޗެމްޕިއަން ކަޓައިގެން ދިޔަ 4 ވަނަ މުބާރާތެވެ. 2002 ގެ ވޯލްޑް ކަޕް ގައި ފުރާންސް 2010 ގައި އިޓަލީ 2014 ގައި ސްޕޭން އަދި މިއަހަރު ޖަރުމަނު ވަނީ ތަށި ދިފާއުކުރަން ނިކުމެ ފުރަތަމަ ބުރުން ކަޓައިފައެވެ.

ރަން ބޯޅަ ހޯދަން ތަށި މުހިއްމެއް ނޫން

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކްރޮއޭޝިއާގެ މޮޑްރިޗް ހޯދުމާއެކު ޗެމްޕިއަންކަންހޯދާ ޓީމުގެ ކުޅުންތެރިއަކަށް އެމަޤާމު ނުލިބޭތާ 24 އަހަރުވީއެވެ. އެންމެ ފަހުން ޗެމްޕިއަން ޓީމުގެ ކުޅުންތެރިއަކަށް އެމަގާމު ލިބުނީ 1994 ވަނަ އަހަރު ބްރެޒިލްގެ ރޮމާރިއޯއަށެވެ. 98ގައި ފްރާންސްތަށި ގެންދިޔަ އިރު ގޯލްޑަންބޯލް ގެންދިޔައީ ބުރެޒިލްގެ ރޮނާލްޑޯއެވެ. 2002ގައި ބްރެޒިލް ތަށިގެންދިޔައިރު އެމަގާމު ލިބުނީ ޖަރުމަނުގެ ޚާން އަށެވެ. 2006 ގައި ތަށިހޯދި އިޓަލީ ކުޅުންތެރިއެއްގެ ބަދަލުގައި އެ މަޤާމު ހޯދީ ފްރާންސްގެ ޒިދާނެވެ. 2010 ގައި ސްޕޭން ތަށިގެންދިޔަޔަސް މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެމީއިން ބަލިވެ އުރުގުއޭގެ ފޯލާން އެވެ. އަދި 2014 ގައި ޖަރުމަނު ތަށި ހޯދިއިރު ރަންބޯޅަ ލިބުނީ އާޖެންޓީނާގެ މެސީ އަށެވެ.

މުބާރާތުގެ ފައިނަލަކީވެސް ހާއްސަ ކަންތައްތަކެއް ފެނުނު މެޗެކެވެ. ބައިގޯލަކާއި ބަހުސްކުރެވޭފަދަ ޕެނަލްޓީއެއް އަދި ގޯލްކީޕިންގ ބުލަންޑަރ އެއްގެ އިތުރުން އޭރިއާ ބޭރުން ޖެހި ސަޅި ދެގޯލް ފެނިގެން ދިޔައެވެ. މިމެޗަކީ ވޯލްޑްކަޕު ފައިނަލެއްގައި އެއްކުޅުންތެރިއަކު ދެކޮޅަށްވެސް ލަނޑުޖެހި މެޗެކެވެ. ކްރޮއޭޝިޔާގެ މަންޒުކިޗް ގެ ބައިގޯލަކީ ވޯލްޑްކަޕް ފައިނަލެއްގައި މިހާތަނަށް ބައިކޮޅަށް ޖެހި ހަމައެކަނި ގޯލެވެ. އަދި މިމެޗަކީ ފަހަކަށް އައިސް ފައިނަލްމެޗެއްގައި އެންމެ ގިނަ ގޯލް ފެނިގެން ދިޔަ މެޗެވެ. މިމެޗްގެ ކުރިން އޮތް ހަ ފައިނަލްގެ ނުވަދިހަ މިނެޓް ގެ ތެރޭގައި ޖެހިގޯލުގެ އަދަދާއި އެއްވަރަކަށް މިމެޗް ގައި ވަނީ ގޯލު ޖަހާފައެވެ.  އަދި ފްރާންސްގެ އެމްބާޕޭ މި މެޗްގައި ގޯލް ޖެހުމުން އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑްކަޕް ފައިނަލެއްގައި ޕެލޭއަށްފަހު ގޯލުޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ރޮނާލްޑޯއާ މެސީ އަދި އެއް ފަހަރު ނުފެންނަންވީ ސަބަބެއް ނެތް

ޕޯޗްގަލްގެ ތަރި ރޮނާލްޑޯ މި މުބާރާތުގައި ޖެހި ފުރަތަމަ ގޯލާއެކު ވެފައިވަނީ ވޯލްޑްކަޕް 4 މުބާރާތެއްގައި ލަނޑުޖެހި 4 ވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން މި ޝަރަފު ހޯދާފައިވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އާއި ޖަރުމަނުގެ ސީލާރ އަދި ކުލޯސަރއެވެ. ރޮނާލްޑޯ މި މުބާރާތުގައި ޖެހި ގޯލުތަކާއެކު ވެގެންގޮސްފައިވަނީ ޤައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަލަނޑު (85) ޖެހި ކުޅުންތެރިޔާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި އުޅެނީ އީރާންގެ ޢަލީދާއީ (109) އެވެ.

މެކްސިކޯގެ މާކޭޒް މި މުބާރާތުގައި ކުޅެން ނިކުތުމާއެކު ވެގެން ގޮސްފައިވަނީ ވޯލްޑްކަޕްގެ 5 މުބާރާތެއްގައި ކުޅުނު 4 ވަނަ ކުޅުންތެރިޔާއަށެވެ. މި ރެކޯޑް ހަދާފައިވާ އަނެއް 3 ކުޅުންތެރިންނަކީ ހަމަ އެޤައުމުގެ ކަރުވަހާލް، ޖަރުމަނު ގެ މެތައުސް އަދި އިޓަލީގެ ބުފޮން އެވެ. މާކޭޒް ދެވަނަ ބުރުގައި ބްރެޒިލްއާ އިދިކޮޅަށް ނުކުތްއިރު ޢުމުރަކީ 39 އަހަރާއި 139 ދުވަހެވެ. އެހެންކަމުން 31 އަހަރުގެ މެސީ އާއި  33 އަހަރުގެ ރޮނާލްޑޯ 2022 ގައި ގަތަރުން ފެނުމަށް އުއްމީދު ކުރުމަކީ ނެތް ކަމެއްނޫނެވެ.

ޒުވާން ކުޅުންތެރިންނާއި ދުވަސްވީ ކުޅުންތެރިންވެސް ރެކޯޑް ހެދި

ގްރޫޕް ސްޓޫޖުގެ ފަހު މެޗުގައި ސައުދީ ޓީމުން ފޮނުވާލި ޕެނަލްޓީ މިސްރުގެ އަލް ހަދަރީ މަތަކުރަނީ. އުމުރުން 45 އަހަރުގައި ވޯލްޑް ކަޕްގައި ކުޅުނު އެންމެ ގިނަ ދުވަސްވީ ކުޅުންތެރިއަކީ ހަދަރީ

މިސްރުގެ ގޯލްކީޕަރުގެ ގޮތުގައި ކުޅެން ނިކުމެ އަލްހާދަރީ ވަނީ ވޯލްޑްކަޕްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. ފުރަތަމަބުރުގެ ފަހު މެޗްގައި ސައޫދީ އާއި ދެކޮޅަށް ނިކުތްއިރު އޭނާގެ ޢުމުރަކީ 45 އަހަރާއި 161 ދުވަހެވެ. އެމެޗްގައި ހާދަރީ ވަނީ ރަނގަޅު ކުޅުމެއް ދައްކައި ޕެނަލްޓީއެއް ވެސް މަތަކޮށްފައެވެ. މީގެ ކުރިން އެންމެ ދުވަސްވީކުޅުންތެރިޔާގެ ރެކޯޑު އޮންނަނީ ހާދަރީ އަށްވުރެ 2 އަހަރާއި 158 ދުވަސް ހަގު އުމުރެއްގައި ކޮލަމްބިއާގެ ގޯލް ބެލެހެއްޓި މޮންޑްރޭގޮން އަތުގައެވެ. މި މުބާރާތުގައި ވާދަކުރި އެންމެ ޒުވާން ކުޅުންތެރިއަކީ އޮސްޓްރޭލިޔާގެ އަރްޒާނީއެވެ. ފުރަތަމަ ބުރުގައި ފްރާންސާއި ދެކޮޅަށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތްއިރު އަރުޒާނީގެ ޢުމުރަކީ 19 އަހަރާއި 163 ދުވަހެވެ.

ފްރާންސްގެ ވެރާން ވެގެން ގޮސްފައިވަނީ މިއަހަރުގެ ޗެމްޕިއަންސްލީގާއި ވޯލްޑްކަޕް ހާސިލްކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މިކަން ހާސިލްކުރި ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ކަރެމްބޭ، ބްރެޒިލްގެ ރޮބާޓޯ ކާލޯސް އަދި ޖަރުމަނުގެ ކެދީރާ ހިމެނެއެވެ. މީގެ އަނެއްކޮޅަށް ބަލާއިރު ކްރޮއޭޝިއާގެ ލޮވްރެން ވެގެން ގޮސްފައިވަނީ މިދެފައިނަލުންވެސް މި އަހަރު ބަލިވި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ދަނޑުމަތީގެ އަޙްލާގް ރަގަޅު މުބާރާތެއް

މި މުބާރާތުގައި ފެނިގެން ދިޔައީ އެންމެ 4 ރަތްކާޑެވެ. މިއީ 1970 ގައި ރީނދޫ ކާޑާއި ރަތްކާޑުގެ އުސޫލު ތަޢާރަފް ކުރެވުނުފަހުން ދަނޑުން ފޮނުވާލުމުގެ ރެކޯޑް ދެވަނައަށް އެންމެ ރަނގަޅު މުބާރާތެވެ. މިރެކޯޑް އެންމެ ރަނގަޅީ އެންމެ 3 ރަތްކާޑު ދެއްކި 1978 ގެ މުބާރާތުގައެވެ. އަނެއްކޮޅުން ބަލާއިރު 2006 ވަނަ އަހަރު 28 ރަތްކާޑު ފެނިގެން ދިޔައެވެ. މި މުބާރާތުގައި 219 ރީނދޫ ކާޑު ދެއްކިއެވެ. އެންމެ ގިނަ ރީނދޫ ކާޑުދެއްކީ ކްރޮއޭޝިއާ (15) އަށެވެ. އެންމެ މަދުން ދެއްކީ ސަޢުދީ ޢަރަބިއާ (1) އަށެވެ. އެއްމެޗެއްގައި އެންމެ ގިނަ ކާޑުދެއްކީ 8 ރީނދޫކާޑު ދެއްކި ބެލްޖިއަމް ޕެނަމާ މެޗާއި، ފުރާންސް އާޖެންޓީނާ މެޗާއި އަދި އިންގްލޭންޑް ކޮލަމްބިއާ މެޗްގައެވެ. އެއްވެސް ކާޑެއް ނުދައްކާ ނިމުނީ އާޖެންޓީނާ އައިސްލެންޑް މެޗާއި އުރުގުއޭ ސަޢޫދީ މެޗެވެ. އެންމެ ގިނައިން ފައުލްކޮށްފައިވަނީ ކުރޮއޭޝިއާ (114) އެވެ. އަދި އެޓީމަކާއި ދެކޮޅަށް އެންމެ ގިނަ ފައުލް ކުރެވިފައިވަނީވެސް ކްރޮއޭޝިއާ (105) އާއި ދެކޮޅަށެވެ.

ކޮންމެއަކަސް ނިމިގެން ދިޔަ މުބާރާތަކީ ވޯލްޑްކަޕްގެ ސްޓޭންޑަރޑް އެތައްގޮތަކުން މައްޗަށް ޖެހިގެން ދިޔަ މުބާރާތެކެވެ. މުބާރާތުގެ ރެކޯޑްތަކާއި ތަފާސް ހިސާބުތައް އަދިވެސް އެބަހުއްޓެވެ. އެކަމަކު މިވަގުތަށް މިހިސާބުން ފުއްދާލަމާ ހިނގާށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *