ލިވަޕޫލުން ބްރެޒިލްގެ ގޯލް ކީޕަރަށް 70 މިލިއަން

އިޓަލީގެ ކްލަބް ރޯމާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ގައުމީ ޓީމްގެ ގޯލް ކީޕަރު އެލިސަން ގެނައުމަށްޓަކައި ރޯމާއެ އެކު ލިވަޕޫލުން ވާހަކަތައް ފަށައިފިއެވެ. އެލިސަން ގެނައުމަށްޓަކައި ލިވަޕޫލުން މިހާރު ހުށަހަޅައިފައިވަނީ 70 މިލިޔަން ޔޫރޯ (62 މިލިޔަން ޕައުންޑް) އެވެ. މިއީ އަދި މިހާތަނަށް ގޯލް ކީޕަރަކަށް ހުށަނާޅާ ވަރުގެ ބޮޑު އަގެކެވެ. މީގެ ކުރިން އެންމެ ބޮޑު އަގެއްގައި ކްލަބް ބަދަލުކޮށްފައިވާ ގޯލްކީޕަރަކީ އިޓަލީގެ ޖިއަން ލުއިޖީ ބުފޮން އެވެ. 2001 ވަނަ އަހަރު ޕޯޗްގަލްގެ ބެންފީކާއިން ބުފޮން ޔޫވެންޓާސްއަށް ބަދަލުވީ 53 މިލިއަން ޔޫރޯއަށެވެ.
އެލިސަންއަށް ރެކޯޑް އަގެއް ހުށަހަޅައިފައިވީނަމަވެސް ރޯމާއިން އަދި އިތުރު 5 މިލިޔަން ޔޫރޯއަށް އަންނަނީ ޑިމާންޑް ކުރަމުންނެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ކްއާޓަރ ފައިނަލްގައި ބާސެލޯނާ ހައިރާންކުރުވަނިވި ގޮތަކަށް ކަޓުވާލުމަށްފަހު މުބާރާތުގެ ސެމީއަށް ރޯމާ ދަތުރުކުރި އިރު އާދަޔާ ޚިލާފް މޮޅު ކުޅުމެއް އެޓީމުގައި ދެއްކި އެލިސަންގެ އަސްލު އަގުކަމަށް ރޯމާއިން ކަނޑައަޅައިފައިވަނީ 75 މިލިއަން ޔޫރޯ އެވެ.
ކަން މިހެން އޮތަސް ދެ ކްލަބުންވެސް އުއްމީދު ކުރަމުން އަންނަނީ 25 އަހަރުގެ ގޯލް ކީޕަރުގެ ޓްރާންސްފާ އާމެދު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. ލިވަޕޫލަށް އެލިސަންގެ ސޮއި ކަށަވަރުވެއްޖެނެމަ އެ ކްލަބްގެ ފުރަތަމަ އެގާރައިން ފެނުން އެންމެ ގާތީ އޭނާއެވެ.
ލިވަޕޫލުން ބްރެޒިލްގެ ކީޕަރު ހޯދުމުގައި ކުރިއެރުން ހޯދަމުން އަންނައިރު ޗެލްސީން ވެސް އެ ކުޅުންތެރިޔާއާ މެދު ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. ޗެލްސީގައި މިވަގުތު ހުރި ބެލްޖިއަމްގެ ގައުމީ ޓީމްގެ ގޯލް ކީޕަރު ކޯޓުއާ ކްލަބް ގައި މަޑުކޮށްފާނެ ކަމާމެދު ސުވާލުތައް ވަނީ އުފެދިފައެވެ. އެކަމަކު އެލިސަން ގެނައުމަށް ރޯމާއަށް ޗެލްސީން އަދި އަގެއް ހުށަހެޅި ކަމެއް އެގިފައެއް ނެތެވެ.
ލިވަޕޫލުން ވަނީ މިދިޔަ އަހަރު މުޙައްމަދު ޞަލާޙް ވެސް ރޯމާއިން ގެނެސްފައެވެ. އެކަމަކު ލިވަރޕޯލާއި ރޯމާއާ ދެމެދު ރަގަޅު ގުޅުމެއް އޮތް ނަމަވެސް ރޯމާއިން ބޭނުންވާ އަގު ހުށަހަޅާ ކްލަބަކަށް އެލިސަން ވިއްކާލަން އެ ކްލަބުން ފަސްޖޭހޭނެކަމަކަށް ނުބެލެވެއެވެ.
އެލިސަން އަކީ ލިވަރޕޫލަށް ދިމާވެފައިވާ ގޯލް ކީޕަރުންގެ މައްސަލައަށް އޮތް ހައްލެއްގެ ގޮތުގައި އެ ޓީމްގެ ކޯޗް ޔޯގަން ކްލޮޕް ދެކެމެން އަންނަ ކުޅުންތެރިއެކެވެ. އެލިސަން ގެނައުމަށް އޭނާގެ ޝައުގުވެރިކަން މާބޮޑަށް އިތުރިވި ސަބަބެއް ކަމުގައި ބެލެވެނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގް ފައިނަލްގައި ލިވަޕޫލްގެ ކީޕަރު ލޮރިސް ކަރިއަސްގެ ފަރާތުން ފެނުނު ކާރިސާއެއް ފަދަ ކުޅުމެވެ.
ލިވަޕޫލުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޑިފެންދަރަކުވެސް ގެނެސްފައެވެ. މިދިޔަ ސީޒަން ގެ ކުރީކޮޅު ސައުތްއެމްޕްޓަން އަށް ކުޅެމުން އައި ހޮލެންޑް ގެ ވާގިލް ވެންޑިޖުކް ލިވެޕޫލަށް ގެނައީ 75 މިލިއަން ޕައުންޑް ދީފައެވެ.
Advertisement

Leave a Reply

ޕޯޗްގަލްގެ ބެންފީކާއިން ?????