ޕޮގްބާ: ޝައްކުން ޔަގީން ކަމަށް
މިދިޔަ އާދިއްތަ ދުވަހުގެ ރެއަކީ ޕައުލް ޕޮގްބާ އަށާއި މުޅި ފްރާންސަށް ވެސް ބޮޑު އުފާވެރި ކަމެއް ލިބުނު ރެއެކެވެ. މެޗް ނިމުނުފަހުން ޕޮގްބާ އައީ އޭނާގެ ކޮންމެ ހަރަކާތަކުން އެކަން ދައްކަމުންނެވެ. މެޗަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ފްރާންސްގެ ރައީސާއެކު އޭނާ ޑެބްކުރިއެވެ. މަންމައާ އަދި ބޭބެއިންނާއެކު ޑެބްކުރިއެވެ. ވޯލްޑް ކަޕްގެ އެ ފަހްރުވެރި ތައްޓާއެކުވެސް އޭނާ ދިޔައީ ޑެބް ކުރަމުންނެވެ. ޕޮގްބާއަކީ މިހާރު ދުނިޔޭގެ ޗެމްޕިއަނެކެވެ. ތަށި ހޯދަން މުހިއްމު ގޯލެއް ކާމިޔާބުކޮށްދިން ކުޅުންތެރިއެކެވެ. މުޅި މުބާރާތުގައިވެސް އޭނާ ވީ ފްރާންސްގެ މުގުލަށެވެ. އެސަބަބުތަކާހުރެ އެވަރަށް އުފާކުރުން ހަގީގަތުގައިވެސް ޕޮގްބާއަށް ހައްގެވެ. އެރޭ އޭނާގެ އަތުގައި ނެތީ ހަމައެކަނި ނެތީ ވޯލްޑްކަޕް ކަޓެއް ނަގާލާނެ ޓްރިމަރެކެވެ. އެހެން ނޫންނަމަ އެކަންވެސް އޭނާ ކުރީސް ކަންނޭގެއެވެ.
އެއީ އެކަން ވާނެވެސް ގޮތެވެ. މެޗް ނިމުމާއެކު ޕޮގްބާ ދިޔައީ އޭނާއަށް ލިބުނު އުފާވެރިކަން މުޅި ދުނިޔެއާ ހިއްސާކުރަމުންނެވެ. އުފާ ފާޅުކުރުމުގެ ގޮތުން ޕޮގްބާ ކުރަމުންއައި ހުރިހާ ކަމެއް ހުއްޓުމެއް ނެތި އޭނާ ދިޔައީ ސޯޝަލް މީޑިޔާ ގައި ލައިވް ކުރަމުންނެވެ. ފޯރިގަދަކުރުމަށް ކުޅުންތެރިންނަށް ހިތްވަރުދެމުންނެވެ. މުޅި ޓީމް އެވަގުތުވެސް ލީޑް ކުރަމުންދިޔައީ ޕޮގްބާއެވެ. އެހާވެސް އޭނާގެ ނުފޫޒް ޓީމްގެ ތެރޭގައި ގަދައެވެ.
“އަހަރެން ބުނެފާނަން ޕައުލް ޕޮގްބާ އާ ބެހޭގޮތުން ވާހަކައެއް. އަހަރެންނަކަށް ނޭނގެ ކިހިނެއްކަމެއް ނޫނީ ކޮން ހިސާބަކުން ކަމެއް އޭނަ ލީޑަރަކަށް ބަދަލުވީ. އެކަމަކު އެނގޭ އެއްޗަކީ ލީޑަރެއްކަން އޭނަ ސާބިތުކޮށްދީފިކަން. އޭނަ އެކަން ދައްކައިދީފި. އެއީ އެއަހަރެމެންނަށް ކުރިއަށްދާނެ މަގު ފަހިކޮށްދިން މީހަކީ. އެއީ އަހަރެމެންގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ މީހަކީ” އާދިލް ރަމީ ޕޮގްބާގެ އެ ނުފޫޒާ ގުޅޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.
“އަހަރެން ވެފަ އޮތީ އެންމެ މިސްޓޭކް ހަދައިގެން ނުވާނެ މީހާއަށް. އަހަރެން ވީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއިން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި ކުޅުންތެރިޔާއަށް. ފާޑުކިޔުމަކީ އަބަދުވެސް އޮންނަ ކަމެއް. އަހަރެމެން އެންމެ ކުޑައިރުވެސް ރަހްމަތްތެރިންނާއެކު އުޅޭއިރު އެކަކު އަނެކަކަށް ދިމާކޮށް ހަދަން. މުހިއްމީ ދަނޑުމަތީގަ ކަންކުރާގޮތް. އަހަރެން މިހާރުވެސް ފާޑުކިޔުންތަކާ ކުރިމަތިލަނީ އެންމެ އެންމެ ކުޑައިރުވެސް އެކަން ކުރިގޮތަށް. އެހަރެން އެ ވާހަކަތަކެއް އަޑެއް ނާހަން. އަހަރެން އޭރުވެސް އަދި މިހާރުވެސް މިއަންނަނީ ފުޓްބޯޅައިން އުފާ ހޯދަމުން. އެއީ އަހަރެން ފާޑުކިޔާ މީހުންނަށް ޖަވާބުދޭ ގޮތަކީ” ޕޮގްބާއަށް އަމާޒުވި ގިނަ ފާޑުކިޔުންތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުންޏެވެ.
މިފަހަރުގެ ވޯލްޑްކަޕަށް ފްރާންސް އައިއިރު ޓީމްގައި ޕޮގްބާ އަދާކުރާނެ ރޯލާ މެދު ގިނަ ބަޔަކު އައީ ބަހުސްކުރަމުންނެވެ. ޕޮގްބާގެ އަސްލު ފެންވަރު ނެރެވޭނީ ކިހިނަކުން ތޯއާއި، ފްރާންސްގެ ޓެކްޓިކަލް ގޭމް ޕްލޭނަށް އޭނާ ފިޓް ކުރާނީ ކޮން ގޮތަކަށްތޯ ދަނޑު ބޭރުން ގިނަ ބަޔަކު އައީ ސުވާލު ކުރަމުންނެވެ. މުބާރާތުގައި ފްރާންސް ޓީމުން ބޯޅައެއްގައި ފައި ނުޖައްސަނީސް އެ ޓީމްގެ ކޯޗް ޑިޑިއޭ ޑިޝޯމްޕްސް އަށް ނޫސްވެރިންވެސް ކުރިމަތި ކުރުވީ ހަމަ އެސުވާލެވެ.
އާދިއްތަ ދުވަހުގެ ރޭ ނިމުނު ވޯލްޑް ކަޕްގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން މޮޅުވިނަމަވެސް އޮސްޓްރޭލިޔާއާ ދެކޮޅަށް މާ ރަނގަޅު ކުޅުމެއް އެޓީމަކަށް ނުދެއްކުނެވެ. ފްރާންސްގެ ފަރާތުން ގިނަ ބަޔަކު އުއްމީދުކޮށްގެންތިބި ވަރުގެ ކްރިއޭޓިވިޓީއެއް އެދުވަހަކު ނުފެނުނެވެ. އެކަމަކު އެދުވަހުވެސް ނަތީޖާ ފްރާންސް ކޮޅަށް އަނބުރާލުމަށް އެންމެ ބޮޑު ނުފޫޒެއް އައީ ޕޮގްބާ ގެ ފަރާތުންނެވެ. މެޗުގައި ލީޑް ނަގަން ފްރާންސަށް ލިބުނު ޕެނަލްޓީއަށް މަގުފަހިވީ ޕޮގްބާ ވިސްނުންތެރިކަމާއެކު ދިން ތްރޫ ޕާހަކުންނެވެ. ފަހުން ބައި ގޯލެއް ކަމަށް ނިންމި ނަމަވެސް ފްރާންސްގެ ދެވަނަ ގޯލަކީވެސް ޕޮގްބާގެ ނިންމާލުމެކެވެ. އެމެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޕޮގްބާއަށް ޖެހުނީ ފާޑުކިޔާ މީހުންނަށް ޖަވާބުދާރީ ވާށެވެ.
މުބާރާތް ފެށިގެން ކުރިއަށްދިޔަ ވަރަކަށް ޕޮގްބާގެ ނުފޫޒްވެސް ދިޔައީ ގަދަވަމުންނެވެ. އެއާއެކު އޭނާއަށް އަމާޒުވަމުންއައި ފާޑުކިޔުންތަކުގެ އަޑުވެސް މަޑުވާން ފެށިއެވެ. ހާއްސަކޮށް މުބާރާތުގެ ނޮކްއައުޓް ސްޓޭޖާއި ހަމައިން ޕޮގްބާގެ ވިދުން މާބޮޑަށްވެސް ގަދަވާން ފެށިއެވެ. ދެވަނަ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗްގައި ޕޮގްބާގެ ފެންވަރު ދައްކާލިއެވެ. ކްއާޓަރ ފައިނަލް ގައި އުރުގުއޭ އާ ބައްދަލުކުރި މެޗްގައި ގޭމް ކޮންޓްރޯލްކޮށް ޓީމަށް އަންނަ ޕްރެޝަރ ކުޑަކުރުމަށް އޭނާ އެހީވެދިނެވެ. ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗްގައި އޭނާ ފެނުނީ ޑިސިޕްލިން ހިފަހައްޓައިގެން ވަރުގަދައަށް ކުޅުނު ކުޅުންތެރިއެއްގެ ގޮތުގައެވެ. މުޅި މެޗްގައިވެސް އެގްރެސިވްކޮށް އެކަމަކު ފަރުވާތެރިކަމާއެކު ކުޅެ ޓީމްގެ ޑިފެންސިވް މަސައްކަތުގައި އޭނާ އެހީވިއެވެ. މެޗެއްގައި ކުރިމަތިވާނެ ކޮންމެ ހާލަތަކަށް ބޭނުންވާ ހުނަރާ ގާބިލްކަން ޕޮގްބާގެ ކިބައިކަން ހުރިކަން އޭނާ ސާބިތުކޮށްދިނެވެ.
މި މުބާރާތުގައި ޕޮގްބާގެ ފަރާތުން ފެނުނީ ހަމައެކަނި އޭނާގެ ކިބައިގައި ހުރި އަމިއްލަ ހުނަރެއް ނޫނެވެ. ޕޮގްބާއަކީ ޓީމް ޕްލޭޔަރެއްކަންވެސް އޭނާ ދައްކައިދިނެވެ. ފައިނަލް މެޗް ތަންކޮޅެއް ތަފާތުކޮށްދިޔަނަމަވެސް މުބާރާތުގައި ފްރާންސްގެ މިޑްފީލްޑްގައި އެއްކޮށް ކުޅެމުން އައި އެންގޯލޯ ކާންޓޭގެ ރަގަޅު މިތުރަކަށް އޭނާ ވިއެވެ.
މީގެ އިތުރުން ޒުވާން ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ އާ ޕޮގްބާއާ ދެމެދު އޮތީ އުފެދުމުގައިވެސް އޮތް އަންޑަރސްޑޭންޑިންގ އެއްކަމަށް ހީވި ކިތަންމެ ފަހަރެއްވެސް ދިޔައެވެ. އެޓޭކްތައް އުފައްދާއިރު އެ ދެކުޅުންތެރިންގެ ފަރާތުން ފެންނަ ގުޅުން އެހާވެސް ބަލާލަން ހިތްގައިމެވެ.
ފައިނަލް މެޗްގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރ މުހިއްމު ސުވާލެއް ޕޮގްބާއާ ގުޅުވައިގެން އުފެއްދިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޕޮގްބާގެ ފަރާތުން ވޯލްޑްކަޕްގައި ފެނުނު ކަންކަން އޯލްޑް ޓްރެފޯޑް ގައި ދައްކަން އޭނާއަށް ފުރުސަތު ދޭންޖެހެއެވެ. އެކަމަކު އެއީ މެންޗެސްޓަރ ޔުނައިޓެޑަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. އެކަމަކު އެއީ ޕޮގްބާއާށް މިވަގުތު އެހާ މުހިއްމު ވާހަކައެއް ނޫނެވެ. މިވަގުތު ޕޮގްބާއަށް ހައްގީ ވޯލްޑް ކަޕާއެކު ފްރާންސަށާއި އޭނާއަށް ލިބުނު އުފާވެރިކަމުގައި މަސްތުވުމެވެ.
Advertisement
Leave a Reply