18 އަތޮޅުން ބައިވެރިވާ ފުޓްސަލް މުބާރާތް މިރޭ ފަށަނީ

އަތޮޅު ތެރޭގެ ރަށްރަށުގެ ޓީމްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް މިރޭ ފަށާނެ އެވެ. މިރޭ 8 ޖަހާއިރު މާފަންނު ސްޓޭޑިއަމް ގައި ފަށާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިރޭ ކުޅޭނީ ށ، ނ، ބ އަދި ކ އަތޮޅުން ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ކުޅޭ މެޗްތަކެވެ. މި މުބާރާތުގައި ބ އަތޮޅުގެ ހަތަރު ރަށަކުންނާއި، ށ އަތޮޅުގެ ހަ ރަށަކުން ބައިވެރިވެފައިވާއިރު ނ އަތޮޅު 2 ރަށާއި ކ އަތޮޅުން ހަތަރު ރަށް ބައިވެރިވެފައިވެއެވެ. ބ. އަތޮޅުން ކުޑަރިކިލު، ހިތާދޫ، ތުޅާދޫ އަދި އޭދަފުށި ބައިވެރިވެފައިވާއިރު ނ އަތޮޅުން ބައިވެރިވެފައިވަނީ ކުޑަފަރި އާއި މަނަދޫއެވެ. މީގެ އިތުރުން ށ އަތޮޅުން ފީވަށް، ބިލެތްފަހި، މަރޮށި އަދި ފުނަދޫ ބައިވެރިވެފައިވާއިރު ކ އަތޮޅުން ބައިވެރިވެފައިވަނީ ގުރައިދޫ، ގުޅި، ހިންމަފުށި އަދި މާފުށްޓެވެ.
މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ސޮނީ ސްޕޯރޓްސް ހަމަޖައްސައިފައިވާ މި މުބާރާތުގައި ރާއްޖޭގެ 18 އަތޮޅަކުން ޖުމްލަ 55 ޓީމް ބައިވެރިވެފައިވެއެވެ. އެއް އަތޮޅަކުން އެންމެ ގިނަ ޓީމް ބައިވެރިވެފައިވަނީ ހދ އަތޮޅުންނެވެ. މި މުބާރާތުގައި އެ އަތޮޅުގެ 7 ރަށަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގައި ވާދަ ނުކުރާ ހަމައެކަނި ދެ އަތޮޅަކީ ވ އަތޮޅާއި ފުވައްމުލަކެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން މި ރެއިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ މާލެ ހެންވޭރެވެ.
Advertisement


Leave a Reply