ވިމްބަލްޑަންގެ ތަށްޓާއެކު ޖޮކޮވިޗް އެނބުރި އަތުވެއްޖެ

ވިމްބަލްޑަންގެ ތަށްޓާއެކު ޖޮކޮވިޗް އެނބުރި އަތުވެއްޖެ

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ވިލާތުގައި ކުރިއަށްދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެންބައިގެ ސިންގަލްސް ޗެމްޕިއަންކަން ސާބިޔާގެ ނޮވަކް ޖޮކޮވިޗް ހޯދައިފިއެވެ. ދުނިޔޭގެ ރޭންކިންގ ގެ 21 ވަނައިގައި ހުރި މި ކުޅުންތެރިޔާ މިއަހަރު ބޭއްވި 3 ވަނަ ގްރޭންޑް ސްލޭމް މުބާރާތުގެ ތަށި އުފުލާލީ ދެކުނު އެފްރިކާގެ ކެވިން އެންޑަސަން ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އިއްޔެ ސެންޓަރ ކޯޓްގައި ކުރިއަށްދިޔަ ފައިނަލް މެޗްގެ ސެޓްތައް ޖޮކޮވިޗް ގެންދިޔައީ 2-6 2-6 އަދި 6-7 އިންނެވެ.  މިއީ ޖޮކޮވިޗް މި މުބާރާތުގެ ތަށި ހޯދި ހަތަރުވަނަ ފަހަރެވެ. އަދި މިއީ އޭނާ ކާމިޔާބުކުރި 13 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.

މިއީ އަނިޔާއާ އެހެނިހެން ސަބަބުތަކާހުރެ ދޮޅު އަހަރެއްހާ ދުވަސްވަންދެން މާބޮޑު ކާމިޔާބަކާ ހަމައަށް ނާދެވި ހުރި ޖޮކޮވިޗް އަލުން ޓެނިހުގެ ތެރެއަށް އެނބުރި އައުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

“ކިތަންމެ ވަގުތެއް އައި އަހަރެންނަށް އެނބުރި އާދެވޭނެ ކަމާ ދޭތެރޭ ސުވާލު އުފެދުނު. މިހިސާބަށް އާދެވޭނެ ކަމެއް ކުރިއަކުން ނޭނގެ.” 2011، 2014 އަދި 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޖޮކޮވިޗް ބުންޏެވެ.

“އެނބުރި އަންނަން މިއަށްވުރެ ވަކި ރަނގަޅު ތަނެއް ނެތް. މިއީ ޓެނިހުގެ ދުނިޔޭގަ އެންމެ ހާއްސަ އެއް ތަން، މިތަން އަހަރެންނަށް ވަރަށް ހާއްސަ.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ވިމްބަލްޑަންގައި ޖޮކޮވިޗް ހޯދި މި ކާމިޔާބާއެކު ދުނިޔޭގެ އެންމެ ފަހުގެ ރޭންކިންގ މިއަދު އާންމު ކުރާއިރު ގަދަ ދިހައެއްގައި ހިމެނުމުގެ ފުރުސަތު ބޮޑެވެ.

އަނެއްކޮޅުން ޖޮކޮވިޗް އަތުން ބަލިވި އުމުރުން 32 އަހަރުގެ އެންޑަސަންއަށް މި މެޗްގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ވިމްބަލްޑަން ގެ ތާރީހްގައި ވެސް ކުޅުނު އެންމެ ދިގު ސެމީ ފައިނަލްން މޮޅުވިތާ 48 ގަޑި އިރު ނުވަނީސް ކުޅެންޖެހުނު މި މެޗްގައި އޭނާ ފެނުނީ މާ ވަރުބަލިކޮށެވެ. މެޗްގެ ކުރީ ކޮޅު އަނިޔާގެ މައްސަލަވެސް ކުރިމަތިވި އެންޑަސަން އަށް ކިރިޔާވެސް ރަގަޅު ފައިޓެއް ދެވުނީ ތިންވަނަ ސެޓް ގައެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.