ގައުމު ހުއްޓުނު ފައިނަލަށް ފަހު ކްރޮއޭޝިޔާގައިވެސް އުފާ ފާޅުކުރަނީ

Advertisement

ގައުމު ހުއްޓުނު ފައިނަލަށް ފަހު ކްރޮއޭޝިޔާގައިވެސް އުފާ ފާޅުކުރަނީ

ޢަބްދުﷲ އަޝްރަފް

ރަޝިޔާގައި ރޭ ނިމިގެންދިޔަ ވޯލްޑް ކަޕަކީ 1998 ވަނަ އަހަރަށް ފަހު ކްރޮއޭޝިޔާއިން އެންމެ ރަގަޅު ކާމިޔާބެއް ހޯދި މުބާރާތެވެ. އެކަމަކު މިއީ މުޅި ކްރޮއޭޝިޔާ އެންމެ ބޭނުންވި ނަތީޖާއެއް ނޫނެވެ. ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި ހޯދަން ކުޅުންތެރިން ކުރި އާދަޔާ ހިލާފް މަސައްކަތް ރިހި މެޑެއްޔާ ހަމައަށް ނިންމާލަން ޖެހުންވީ މުޅި ގައުމަށް ވެސް ލިބުނު ހިތާމައަކަށެވެ. އެކަން އެންމެ ބޮޑަށް ފެނުނީ ކްރޮއޭޝިޔާގެ ވެރިރަށް ޒަގްރެބް ގެ ބޭން ޖެލަކިކް މައިދާނަށް މެޗް ބަލަން އެއްވެ ތިބި އެތައް ހާސް ސަޕޯޓަރުންގެ ފަރާތުންނެވެ. މެޗްގެ އެންމެ ފަހު ދިހަ މިނަޓާ ހަމައަށް އައި އިރު މުޅި މައިދާން އޮތީ ޖަނާޒާއެއް ފަދައިން ހިމޭންވެފައެވެ. އެކަމަކު ރެފްރީގެ އެންމެ ފަހު ކަށިގަނޑާއެކު މުޅި މަންޒަރު ބަދަލުވިއެވެ.

މެޗް ނިމުމާއެކު މައިދާނަށް އެއްވެ ތިބި ސަޕޯޓަރުން އަތްޖަހަން ފެށިއެވެ. ކައިރީގައި ހުރި ކެފޭ ތަކާއި މެޗް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައިހުރި އެހެން ތަންތާގައި ތިބި ސަޕޯޓަރުން މައިދާނަށް ޖަމާވާން ފެށިއެވެ. އޭރު އެ ތަނުގައި ބަހައްޓާފައިހުރި ބޮޑެތި ލައުޑް ސްޕީކަރުތަކުން ދިޔައީ ކްރޮއޭޝިޔާގެ ގައުމީ ސަލާމް ބާރަށް އިއްވަމުންނެވެ.

Advertisement

“އަސްލު އަހަރެމެން މިތިބީ ވަރަށް ދެރަވެފަ. އެކަމަކު އެހެންވިޔަސް ދެ ވަނައަކީވެސް ކްރެއޭޝިޔާއަށް ވަރަށް ބޮޑު ކާމިޔާބެއް. ޓީމް އައުމާއެކު އަހަރެމެން މި ހުރިހާ ކަމެއް ހަނދާން ނައްތާލާނަން” މެޗް ބަލަން މައިދާނަށް އައިސް ހުރި އުމުރުން 26 އަހަރުގެ މަރިޔާނާ ޕެރޭރާ ބުންޏެވެ.

ބޭން ޖެލަކިކް މައިދާނަށް ފައިނަލް މެޗް ބެލުމަށްޓަކައި ކްރޮއޭޝިޔާގެ އެކި ހިސާބުތަކުން މީހުން ޖަމާވިއެވެ. ރޭލުން ދަތުރުކޮށްފައި އަންނަން ބޭނުންވާ މީހުންނަށް 50 ޕަސެންޓްގެ ޑިސްކައުންޓެއް އޮތީ ދީފައެވެ. އިއްޔެގެ ފަތިހުން ފެށިގެން ވެހެން ފެށި ވާރޭ ހުއްޓާލީ މެޗް ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ކަމަށްވިޔަސް މެޗް ފެށުމުގެ މާ ކުރިން އެތައް ހާސް ބަޔަކު މައިދާނަށް ޖަމާވެފައި އޮތެވެ. ކްރެއޭޝިޔާއަށް އައިސް ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންވެސް އެ ގައުމުގެ ޖޯޒީއާއި، ދިދައާއި، ރަތާއި ހުދު ކުލަ އެކުލެވޭ ގޮތަށް ހަދާފައިހުރި ތޮފި ގަނެ އުޅުނެވެ.

ކްރޮއޭޝިޔާގެ ޒަބްރެގް އަށް އެއްވެ ތިބި ސަޕޯޓަރުން މެޗަށްފަހު އުފާފާޅު ކުރަނީ. މެޗުން ބަލިވި ނަމަވެސް ގައުމު ހޯދި ކާމިޔާބީއަށް ސަޕޯޓަރުން ފަހުރުވެރިވޭ

ރޭ ކުރިއަށްދިޔަ ފައިނަލް މެޗްގައި ފްރާންސްއިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދި ނަމަވެސް މައިދާނަށް އެއްވެ ތިބި ސްޕޯޓަރުންގެ އަޑު ކުޑަ ތަންފުކަކަށްވެސް މަޑު ނުވިއެވެ. ކްރެއޭޝިޔާގެ ކޮޅަށް ފުރަތަމަ ކޮޅު ގޯލެއް ވަނުމަކި އެމީހުންނަށް އާ ކަމަކަށް ނުވީއެވެ. މުބާރާތުގެ ނޮކައުޓް ސްޓޭޖްގައި ކްރޮއޭޝިޔާ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކުރީ ފުރަތަމަ 0-1 އިން ބަލިވެފައި އޮވެއެވެ. މެޗްގެ އިންޓަވަލް ވަގުތު ޖެހުމާއެކު މައިދާނުގައި ހުރި ސްޓޭޖެއްގެ މަތީގައި ހުރެ އެއްވެ ތިބި މީހުންނާ މުހާތަބުކޮށް އިވެންޓްތައް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި މީހަކު ޓީމުގެ ކުޅުންތެރިންނަށް އިތުބާރު ކުރުމަށާއި، މެޗުން މޮޅުވާނެ ކަމަށް އުއްމީދުކުރުމަށް ބުނެފައިވެއެވެ. މުޅި މައިދާން ހިމޭންވީ ފްރާންސުން އެމީހުންގެ ހަތަރުވަނަ ގޯލަ ޖެހި ހިސާބުންނެވެ.

“އަހަރެން މިހިރީ ވަރަށް ފަހުރުވެރިވެފަ. މިހާރުވެސް މިއީ ކްރޮއޭޝިޔާއަށް ތާރީހީ ކާމިޔާބެއް” އުމުރުން 47 އަހަރުގެ ކްރޮއޭޝިޔާގެ ރައްޔިތަކު ބުންޏެވެ.

“މިއީ އަހަރެމެންނަށް ކުޅިވަރުން ލިބުނު ކާމިޔާބަކަށްވުރެ ބޮޑު އެއްޗެއް. މިއަދުވެސް ދުނިޔޭގެ އެކި ހިސާބުތަކުގަ އެބަތިބި ކްރޮއޭޝިޔާ ގެ ނަންވެސް އަޑު ނާހާ ކިތަންމެ ބަޔަކު. އެކަމަކު މިރެއަށްފަހު މުޅި ދުނިޔެއަށް އަހަރެމެންނަކީ ކޮން ބައެއްކަން އެނގޭނެ” 1998 ވަނަ އަހަރު ފްރާންސް ގައި އޮތް ވޯލްޑްކަޕް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ކްރޮއޭޝިޔާ ޓީމުގައި ހިމެނުނު މިރޮސްލާވް ބަލަޒެވިޗް ބުންޏެވެ.

މި މުބާރާތުގެ ފައިނަލަށް ކްރޮއޭޝިޔާ ދަތުރުކުރުމާއެކު މުޅި ގައުމު ހުއްޓުމަކަށް އައެވެ. މީޑިޔާތަކުން ފައިނަލް މެޗާ ގުޅޭ ވާހަކަ ނޫން އެހެން ވާހަކައެއް ނުދައްކައެވެ. އެހެން ހަބަރެއް ގާތްގަނޑަކަށް ނުވެސް ލިޔެއެވެ. އާސާރީ ތަންތަން ބަންދުކުރިއެވެ. ސިނަމާތަކުގައި އަޅުވަން ކުރިން ހަމަޖައްސާފައި އޮތް ފިލްމުތައް ދެއްކުން ފަސްކުރިއެވެ. އަދި، އާދީއްތަ ދުވަހު ފައްޅީގައި ބާއްވާ ބޮޑު ދީނީ އެއްވުންވެސް ފަހަށް ޖެއްސިއެވެ.

އެ ހުރިހާ ކަމަކާއެކު ފައިނަލް މެޗުން ކްރޮއޭޝިޔާ ބަލިވި ނަމަވެސް ކުޅުންތެރިންނަށް ވަނީ ބަތޮލުންގެ ދަރަޖަ ދީފައެވެ. ރަޝިޔާއިން އެނބުރި ގައުމަށް ޓީމު މިއަދު އަންނައިރު އެމީހުން ގެ ޝަރަފްގައި ޕެރޭޑް އޮތީ ތައްޔާރަށެވެ. އެއާޕޯޓުން ޓީމު ދަތުރުކޮށްފައި ދާނީ އޯޕަން ޓޮޕް ބަހެއްގައެވެ. ޓީމަށް މަރްހަބާ ކިޔުމަށް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކުންފުނި ތަކުން ޓީމު އަންނަ ގަޑިއަށް މުވައްޒަފުން ވީއްލައި ދިނުމަށް ކްރޮއޭޝިޔާގެ ބޮޑުވަޒީރު ވަނީ ގޮވާލައްވައިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *