ފްރާންސް ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްރޮއޭޝިޔާ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ފްރާންސް ހޯދައިފިއެވެ. މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމުގައި ކުޅެވުނު ފައިނަލް މެޗު ފްރާންސުން ކާމިޔާބު ކުރީ 4-2 އިންނެވެ.
މި ކާމިޔާބީ އެންމެ ބޮޑަށް ހާއްސަވަނީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްސް އަށެވެ. ތައްޓާއެކު ޑެޝޯމްސް ވަނީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައިވެސް ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ. އެންމެ ފަހުން ފްރާންސް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 1998 ވަނަ ހޯދިއިރު އެޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރީ ޑިޑިއޭ ޑެޝޯމްސް އެވެ. މީގެ ކުރިން ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ދުނިޔޭގެ ތަށި އުފުލާލާފައި ވަނީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރެންޒް ބެކެންބާ އެވެ.
މިރޭގެ މެޗަކީ ކްރޮއޭޝިޔާ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. ފްރާންސް އެންމެ ފަހުން ފައިނަލުގައި ކުޅެފައިވަނީ 2006 ވަނަ އަހަރުއެވެ. އެފަހަރު އެޓީމު ފައިނަލުގައި ބަލިވީ އިޓަލީ އަތުންނެވެ. މި މެޗަށް ނުކުތްއިރު ފްރާންސަކީ 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި އަމިއްލަ ގައުމުގައި ޕޯޗުގަލް އަތުން ބަލިވެފައިވާ ޓީމެކެވެ. ޖެހިޖެހިގެން ބޮޑު ދެމުބާރާތުގެ ފައިނަލުން ބަލިނުވޭ ސަލާމަތްވުމަށް މި މެޗު އެޓީމަށް މުހިއްމު ވެގެންދިޔައެވެ.
މިރޭގެ މެޗު ފަށައިގެން ފުރަތަމަ 15 މިނެޓު ތެރޭ ކްރޮއޭޝިޔާއިން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައެވެ. ނަމަވެސް މެޗުގެ ނަތީޖާ ފްރާންސް ކޮޅަށް އެނބުރުނީ 18 ވަނަ މިނެޓުގައި ކްރޮއޭޝިޔާގެ މާރިއޯ މަންޒުކިޗް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭރިޔާ ބޭރުން ފްރާންސަށް ލިބުނު ހިލޭ ޖެހުން އެންޓޮއިން ގްރިޒްމަން ފޮނުވާލި ހިލޭ ޖެހުން މަންޒުކިޗް ބޮލުގައި ޖެހިފައި ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު އެ ބޯޅަ ހިފަހައްޓަން ކްރޮއޭޝިޔާ ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
ފްރާންސުން މެޗުގައި ލީޑު ނެގުމުން ކްރިއޭޝިޔާއިން ހިތްވަރުކޮށް އޭގެ ދިހަ މިނެޓު ފަހުން މެޗުގެ ނަތީޖާ ވަނީ އެއްވަރު ކޮށްފައެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ސެމީ ފައިނަލުގައިވެސް މޮޅު ކުޅުމެއް ދެއްކި އިވާން ޕެރިސިޗެވެ. ކްރޮއޭޝިޔާ މެޗުގެ ތެރެއަށް އަނބުރާ ވަންތާ މާގިނައިރެއް ނުވެ ފްރާންސުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު މެޗުގެ ރެފްރީ ދިން ޕެނަލްޓީއެއްގައި މި ލަނޑު 38 ވަނަ މިނެޓުގައި ޖެހީ އެންޓޮއިން ގްރިޒްމަން އެވެ. ފްރާންސަށް ޕެނަލްޓީ ލިބުނީ ކްރޮއޭޝިޔާގެ ފުރަތަމަ ލަނޑު ޖެހި އިވާން ޕެރިސިޗް އަތުގައި ބޯޅައިން ޖެހުމުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފްރާންސުން ވަނީ އިތުރު ދެ ގޯލުޖަހާ ޗެމްޕިއަންކަން ކަށަވަރު ކޮށްދީފައެވެ. މި ލަނޑުތައް މެޗުގެ 59 އަދި 65 ވަނަ މިނެޓުގައި ޖަހައިދިނީ ޕައުލް ޕޮގްބާ އާއި ކިލިއަން އެމްބާޕޭ އެވެ. ފްރާންސް ހަތަރު ލަނޑު ޖެހުމުން ކްރިއޭޝިޔާއިން ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. އެޓީމުގެ ދެވަނަ ލަނޑު ފްރާންސްގެ ކީޕަރ ހޫގޯ ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާނަގާ ޖެހީ މާރިއޯ މަންޒުކިޗް އެވެ. މި ލަނޑު ވަނީ އޭރިޔާ ތެރެއިން ބޯޅަ ސާފުކޮށްލަށް ލޮރިސް އުޅުނު ވަގުތު ކުރިމަތީގައި ހުރި މަންޒުކިޗް ފައިގައި ޖެހުމުންނެވެ.
މި ކާމިޔާބީއާއެކު ފްރާންސަކީ ވޯލްޑް ކަޕް ތަށި އެއްފަހަރަށްވުރެ ގިނައިން އުފުލާލި ހަވަނަ ގައުމެވެ. ޔޫރަޕުން އެއްފަހަރަށްވުރެ ގިނައިން ވޯލްޑް ކަޕް ތަށި ކާމިޔާބު ކޮށްފައިވަނީ އިޓަލީ އަދި ޖަރުމަނެވެ. މި ދެގައުމުވެސް ވަނީ ހަތަރު ވަނަ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ.
Advertisement
Leave a Reply