އާދޭސްކޮށްފަ މިބުނީ، މެޗުތައް ޓީވީން ލައިވްކޮށްދީ!

Advertisement

އާދޭސްކޮށްފަ މިބުނީ، މެޗުތައް ޓީވީން ލައިވްކޮށްދީ!

ޢަބްދުﷲ އަޝްރަފް

ފުޓްބޯޅައަށް ދިވެހިންގެ ހިތުގައި އޮތް ޝައުގުވެރިކަމަކީ ދައްކަން އާ ވާހަކައެއް ނޫނެވެ. އެއީ އެންމެ ގިނަ ދިވެހިން ލޯބިކުރާ ކުޅިވަރެވެ. ވަކި އުމުރެއް ކިޔާނެ ކަމެއް ނެތެވެ. ވަކި ޖިންސެއްގެ މެދުގައި ތަފާތެއް ނެތެވެ. ކްލަބް ލޯބީގައި ފުޓްބޯޅަ ބަލަން ދިވެހިން ދަނޑަށް ވަތްދުވަސް އެއީ މާޒީ ކަމަށް ބުނެވިދާނެއެވެ. އެކަމަކު ރަށު ލޯބީގައި ފުޓްބޯޅައަށް ދޭ ސަމާލުކަން އަދިވެސް އެހުރީ ފެންނާށެވެ. ކޮންމެ އަހަރެއްގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އެކަނިވެސް މިވާހަކައަށް ބާރު ލިބެއެވެ. އެމެޗު ޔަގީނުންވެސް ވާނީ މުޅި ފުޓްބޯޅަ ސީޒަންގައިވެސް ކުޅިބަލަން އެންމެ ގިނަ ބަޔަކު ގައުމީ ފުޓްބޯޅަ ސްޓޭޑިއަމަށް ވަންނަ މެޗަށެވެ. ހަމަ އެގޮތަށް ދިވެހި ޕްރިމިއަރ ލީގުގައި އަތޮޅުތަކުގެ ޓީމުތައް ވާދަކުރާ މެޗުތަކުން ގަލޮޅު ދަނޑަށް ދިރުން ގެނެސްދެއެވެ.

މިހާރު މާލޭގައި ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމަކުންވެސް ތިން މެޗު މިހާތަނަށް ވަނީ ކުޅެފައެވެ. އެކަމަކު ލީގު ހުޅުވުމުގެ ގޮތުން 28 ޖޫން 2018 ވަނަ ދުވަހުގެ ރޭ ނިއުރޭޑިއަންޓާއި ތިމަރަފުށި ވާދަކުރި މެޗް ފިޔަވައި އެއްވެސް މެޗެއް ޓީވީ އިން ލައިވްކޮށްފައެއް ނުވެއެވެ. މިއީ އަތޮޅު ތަކުން ބައިވެރިވާ ރަށްރަށުގެ ރައްޔިތުންނަށް އޮތް ބޮޑު ނުތަނަވަސްކަމެކެވެ.

Advertisement

ދިވެހި ޕްރިމިއަރ ލީގަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ ލީގެވެ. އަތޮޅުތަކުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭ ހަތަރު ޓީމަށް އެ ލީގުން ޖާގަ ދިނުން އެ ރަށްރަށުން ދެކެނީ އަދި މާ ބޮޑު ޝަރަފެއްގެ ގޮތުގައެވެ. އެއާއެކު މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ކޮންމެ ރަށެއްގެ އަޒުމަކަށް ހަދަނީ އެ ލީގެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މާލޭގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަށު ޓީމެއް ކުޅޭތަން ފެނުމަކީ އުފަލެކެވެ. އެކަމަކު މެޗުތައް ލައިވްކޮށް ޓީވީން ނުފެނުމުން އެމީހުންނަށް ލިބެނީ ހިތްދަތިކަމެވެ.

” ކޮންމެ ގޮތެއްވިޔަސް ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން މިހާ ހިސާބަށް ޓީމު ގެންދެވުނީމަ އަދި ރައްޔިތުންގެ އުއްމީދާ މިހާ ބޮޑަށް ގުޅިފަ އޮތީމަ ޓީމު ބަލިވިޔަސް ގަލޮޅު ބޯޅަ ދަނޑުގަ އެމީހުންގެ ކުދިން ކުޅެލާތަން ބަލާލުންވެސް އެއީ އެމީހުންނަށް ލިބޭ ހިތްހަމަޖެހުމެއް. އެކަމަކު މީތި (މެޗު ކުޅޭ ތަން ޓީވީން) ނުފެންނާތީ މިއީ އަހަރެމެން އެންމެންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް.” މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލް ބުރުގެ މެޗުތައް ހޯސްޓްކުރި ނިލަންދޫގެ ރައްޔިތެއްކަމަށްވާ އަހްމަދު ޝަރީފް ރަށުގައި ހުރެ ފޯނުން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ކުޅުދުއްފުށި ސަޕޯޓަރުން މިދިޔަ އަހަރުގެ މުބާރާތުގައި ޓީމަށް ތަރުހީބު ދެނީ. އަތޮޅު ތެރޭގެ ޓީމުތަކުން ސަޕޯޓް ކުރުމުަގައި އަބަދުވެސް ނަމޫނާ ދައްކާ

ދިވެހި ޕްރިމިއަރ ލީގަށް އަތޮޅުތަކުގެ ޓީމުތަކު ކޮލިފައިވީ ދިގު ރާސްތާއެއް ކަޑައްތުކޮށްފައެވެ. ބައެއް ޓީމުތަކުން އެ ހިސާބަށް އަންނަން ރާއްޖޭގެ އުތުރާއި ދެކުނުގައި މެޗުތައް ކުޅުނެވެ. އެ ޓީމުތަކުގެ ސަޕޯޓަރުން އެއިން ކޮންމެ ތަނަކަށް އެމީހުންނާއެކު ދިޔައެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން މުބާރާތާއި، ފައިނަލް ބުރުގެ މެޗުތައް ބޭއްވުމަށް ރަށްރަށުން ކުރި ހޭދައާއި ރައްޔިތުން އެކަމަށް ވީ ގުރުބާނީއަކީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އާބާދީ ބޮޑު ބައެއް ރަށްރަށަށްވެސް މިހިސާބަށް އައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު ފެހެންދޫ ކަހަލަ އެންމެ ދުއިސައްތައެއްހާ މީހުން ދިރިއުޅޭ ރަށްރަށުން ކަންކުރި ގޮތާމެދު ވިސްނާލުމުން ސިކުނޑި ސުމަކަށް ނުދާނަމަ އެއީ މައްސަލައެކެވެ. އެހާވެސް ފުޓްބޯޅައަށް އެމީހުންގެ ހިތުގައި އޮތް ލޯބި ފުނެވެ.

“ހަމަ ގައިމުވެސް ނިލަންދޫއިން ކުރި މަސައްކަތް ކިޔައިދީފިއްޔާ ކުދި ބޮޑު އެންމެން މީގަ ޝާމިލް ވާނެ މަސައްކަތެއް މިއީ. އެ ހިސާބަށް ދިއުމަށް ކުރެވުނު މަސައްކަތުގަ ފައިސާ ހަރަދުކުރުމުގަ ކައުންސިލްގެ މާލިއްޔަތަކީ މާ ބޮޑު އެއްޗެއް ނޫން. އަތޮޅުތަކުގެ ގިނަ ރަށް ރަށަކީ މާބޮޑު އާމްދަނީ އެއް ލިބޭނެ ރަށްރަށެއް ނޫން. އެހެންވީމަ ދެން ހަރަދުކުރަންޖެހޭނީ ފަންޑް ރެއިޒިންގ ޕްރޮގްރާމްތަކެއް ހިންގައިގެން މި ޕްރޮގްރާމް ހިންގުމަށްޓަކައި މުޅި ރައްޔިތުން ޝާމިލްވި. ޑީޕީއެލްއާ ހަމަޔަށް ޓީމު ގެނައުމަށްޓަކާ ގާތްގަނޑަކަށް ބުނަންޏާ ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ. ބޭނުމަކީ ހަމަ އެންމެ ކަމެއް. ރަށުގެ ދަރިންތަކެއް ގަލޮޅު ދަނޑުގަ ރާއްޖޭގެ ނަންބަރ ވަން ޓީމްތަކާ ދެކޮޅަށް ކުޅޭ ތަން ބަލާލުން.” ނިލަންދޫ ޓީމަށް އެހީތެރިވުމަށް ހިންގި ގިނަ ހަރަކާތްތަކެއްގައި އިސްކޮށް ހަރަކާތްތެރިވި ޝަރީފް ބުނެފައިވެއެވެ

ރަށްރަށުން “ފަހުމިނެޓް” އާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެމީހުންގެ ކަންބޮޑުންތައް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ވަނީ ހިއްސާކޮށްފައެވެ. އަދި، އެކަމުގައި ގައުމީ ފުޓްބޯޅަ އިދާރާއަށްވެސް ދަތިތަކެއް ހުރިކަން އޭގެ ތެރެއިން ބައެއް މީހުން ގަބޫލުވެސް ކުރެއެވެ. އެކަމަށް އެ އިދާރާއަށް މިވަގުތު ހޯދައިދެވިފައިވާ ހައްލަކީ ފޭސްބުކް މެދުވެރިކޮށް މެޗްތައް ލައިވްކޮށް ބެލޭނެ ފުރުސަތެއް ތަނަވަސްކޮށްދިނުމެވެ. އެކަމަކު ރަށްރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނާގޮތުގައި އެގޮތަށް އެކަން ކުރުމަކީ ގިނަ ބަޔަކަށް ބޮޑު ތަކްލީފެކެވެ. ރަށުގައި ތިބެގެން މެޗް ބަލަންވިޔަސް ކޮންމެ މެޗަކަށް ނިސްބަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެއީ ދިވެހި ޕްރިމިއަރ ލީގަށް ރަށު ޓީމު ކޮލިފައިކޮށްދިނުމަށް މިހާރުވެސް ބޮޑު ހޭދައެއް ކޮށްފައިވާ ރައްޔިތަކަށް ބަލައިގަންނަން އެހާ ފަސޭހަ ކަމެއް ނޫނެވެ.

“މިރަށުގަ ފުޓްބޯޅައާ ފުޓްސެލްއަކީ މިހުން ހަމަ މަރުދޭ ކަންކަން. ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ މިއިނީ މިކަމާ. އެ ބޭފުޅުން ދެއްވާފައިވާ ލިންކް ބޭނުންކޮށްގެން އަޅުގަނޑުމެން މެޗުތައް ދައްކާއިރުގަ އަޅުގަނޑުމެން ވައިފައި ރައުޓަރ ބޭނުންކޮށްގެން ގާތްގަނޑަކަށް ތްރީ ޖީބީއާ ފޯ ޖީބީގެ ޑާޓާ އެބަ ދޭ ކޮންމެ ދުވަހަކުވެސް މެޗް ބަލަން އިނގޭތޯ. ދެން ވާގޮތަކީ ކޮންމެ ގެއެއްގަ ވައިފައި ރައުޓަރެއް ހުންނަނީކީއެއް ނޫން. ދެން މި މެޗުތައް ކޭބަލް ޓީވީ މެދުވެރިކޮށް ދައްކަންވިޔަސް ބޮޑު ހަރަދެއް އެބަދޭ” މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތިމަރަފުށި ޓީމްގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅޭ އަހުމަދު ނާސިރު “ފަހުމިނެޓަށް” ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މިއަހަރު ދިވެހި ޕްރިމިއަރ ލީގުގައި ތިމަރަފުއްޓާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. މެޗުތައް ލައިވް ނުކުރާތީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ޝަކުވާ ބޮޑު

މެޗްތައް ލައިވްކޮށް ބެލުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް އަތޮޅުތަކުގެ ރަށްރަށުގެ ގިނަ ރައްޔިތުން އަންނަނީ އެ ކަންކަންވެސް ތަހައްމަލުކުރަމުންނެވެ. އެކަމަކު މުބާރާތަށްޓަކައި އެމީހުންވީ ގުރުބާނީއަށް ބަލާއިރު އެ އުނދަގޫ ތަހައްމަލުކުރަން އެމީހުންނަށް ހައްގު ނޫންކަމަށްބޭއިންސާފެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

“އެންމެ ފަހުން ތިމަރަފުއްޓާ ފޯކައިދޫއާ ބައްދަލުކުރި މެޗު ކުޅުނު ދުވަހުގަ ކޭބަލް މަސައްކަތްކުރާ އިސް ފަރާތް ރަށުގަ ނެތީމަ އެމެޗެއް އަޅުގަނޑުމެންނަށް ރަށުގެ ހުރިހާ ބޭފުޅުންނަށް ދެއްކޭގޮތެއް ނުވި. ދެން އަޅުގަނޑުމެން ކުދިންކޮޅެއް ޗަންދާއެއް ނަގައިގެން ކަހަލަ ގޮތަކަށް ވައިފައި ރައުޓަރ އިން ޓާބޯ ހޮސްޓްކޮށްގެން އަޅުގަނޑުމެން މެޗް ދެއްކީ. ވަރަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވޭ އަޅުގަނޑުނމެންނަށް. ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތަކެއް އެބަ އާދޭ އަޅުގަނޑުމެންނަށް އިނގޭތޯ” ތިމަރަފުށިން ވާހަކަދެއްކި އަހްމަދު ނަސީރު ބުނެފައިވެއެވެ.

ދިވެހި ޕްރިމިއަރ ލީގްގައި ފުރުތަމަ ބުރުގައި އެކަނިވެސް ކޮންމެ ޓީމަކުން ނުވަ މެޗް ކުޅޭނެއެވެ. އެކަމަކު އެހުރިހާ މެޗެއް ބަލަން މާލެ އައުމަކީ އެއްވެސް ބަޔަކަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ބައެއް ރަށްރަށުން ބޮޑު ހަރަދުކޮށްގެން އެކަންވެސް އަންނަނީ ކުރަމުންނެވެ. ފެހެންދޫ އަކީ އޭގެ އެއް މިސާލެވެ.

“އަސްލު ވަރަށް ދެރަވާކަމެއް މިހާރު ރާއްޖޭގެ ލީގު ދޯ ކުޅެމުން މިދަނީ. ކުޅޭއިރު ތިބޭނެދޯ ރަށްރަށުގަވެސް މެޗް ބަލަން މާލެ ނާދެވޭނެ މީހުންވެސް. މިސާލަކަށް އުމުރުން ދުވަސްވެގެން ނުވަތަ ބަލިވެގެން މެޗް ބަލާލަން ނާދެވޭ މީހާއަށްވެސް އަސްލު ނެތެއްނު ފުރުސަތެއް މެޗު ފަސޭހައިން ބަލާލުމުގެ. އެކަމަކު ރާއްޖޭގަ ކުޅިވަރު ޗެނަލެއް އެބަ އޮވޭ. ހަމަ ބޭރުގެ ފުޓްބޯޅަ މެޗްތައް އެބަ ދައްކާ ރެކޯޑިންގ ވެސް. ދެފަހަރަށް ތިންފަހަރަށްވެސް. ހަގީގަތުގަވެސް އަޅުގަނޑުމެން ވަރަށް އެދޭ އެދުމެއް ރަށުގެ މިހެން ތިބޭ މީހުންނަށް ފަސޭހަ ކަމާއެކު ޓީވީން މެޗް ބަލާލުމުގެ ފުރުސަތު ލިބުމަކީ” ދިވެހި ޕްރިމިއަރ ލީގްގައި ވާދަކުރާ ފެހެންދޫ ޓީމުގެ ސަޕޯޓަރުން ލީޑް ކުރުމުގައި ހަރަކާތްތެރިވާ ފާތިމަތު ޟަރީފާ “ފަހުމިނެޓަށް” އާ ފޯނުން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

އެއީ ރަގަޅު ވާހަކައެއް ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. ދައުލަތުގެ މީޑިޔާގެ ތެރޭގައި ކުޅިވަރަށް ހާއްސަ ޗެނަލެއް އޮވެ ރާއްޖޭގެ އެންމެ ޝަރަފްވެރި ލީގުގެ މެޗްތައް ކުޅެމުންދާއިރު އެއްވެސް މެޗެއް ލައިވް ނުކުރުމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. ދިވެހި ޕްރިމިއަރ ލީގުގެ ކުރިން ކުޅެވުނު މާލޭ ލީގުގެ ގިނަ މެޗްތަކެއް “ޔެސް” ޓީވީން ވަގުތުން ގެނެސްދީފައިވާއިރު ދަނޑަށް ނުވަދެވޭ ހާލަތުގައި ތިބި އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުން ތަމްސީލް ކުރާ ޓީމުތައް އެންމެ ޝަރަފްވެރި މުބާރާތުގައި ކުޅޭތަން ލައިވްކޮށް ނުދެއްކުމަކީ އަތޮޅުތެރޭގައި ދިރިއުޅެމުންއަންނަ އެތައް ހާސް ބަޔަކު މާޔޫސްވި ކަމެކެވެ. އެކަމަކު އަދިވެސް ގިނަ ބަޔަކު ތިބީ އުއްމީދެއްގައެވެ. އެމީހުންގެ ކަންބޮޑުވުންތަކާއެކު ކަމާ ގުޅޭ ފަރާތްތަކުން ވިސްނަވައި އެމީހުން އެދޭ ގޮތައް އެކަން ފުރިހަމަކޮށްދޭނެ ކަމުގެ އިންތިޒާރުގައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *