ޕެލޭ އަށް ފަހު 19 އަހަރުގައި އެންމެ މޮޅީ އެމްބާޕޭ؟

Advertisement

ޕެލޭ އަށް ފަހު 19 އަހަރުގައި އެންމެ މޮޅީ އެމްބާޕޭ؟

އައްބާސް

މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް ކުޅުންތެރިއަކީ ފްރާންސްގެ ޓީންއޭޖަރ ކިލިޔަން އެމްބާޕޭ އެވެ. މުބާރާތުގެ ދެވަނަ ބުރުން ފެށިގެން އެމްބާޕޭގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވިއެވެ. މި މުބާރާތުގައި އެމްބާޕޭ ވަނީ މިހާތަނަށް 3 ގޯލު ޖަހައިފައެވެ. އޭނާ ދެވަނަ ބުރުގައި އާޖެންޓީނާ ކޮޅަށް ޖެހި ދެގޯލަކީ 60 އަހަރުވީ ރެކޯޑަކާއި އަރާ ހަމަކުރި ދެގޯލެވެ.  ޓީންއޭޖް ކުޅުންތެރިއެއްގެ ގޮތުގައިހުރެ އެއް މެޗުގައި ދެގޯލު މީގެ ކުރިން ވޯލްޑް ކަޕް މެޗެއްގައި ޖަހައިފައިވަނީ ފުޓްބޯޅަ ލެޖެންޑް ބްރެޒިލްގެ ޕެލޭ އެވެ. އެއީ 1958 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ.

މަންމައާއި ބައްޕަ ނިސްބަތްވީތީ ކެމަރޫނަށް ނުވަތަ އަލްޖީރިއާއަށް ކުޅެވެން ފަހިވެފައި އޮއްވާ ފްރާންސް އިހްތިޔާރު ކުރި މިކުޅުންތެރިޔާ އުމުރުން 19 އަހަރުގައި ފުޓުބޯޅައިގައި މަޝްހޫރު އެހެން ލެޖެންޑުންނާ އަޅާކިޔެން މިވަނީ ފެށިފައެވެ. އެމްބާޕޭ ގަބޫލުކުރާގޮތުގައި ގައުމު ތަމްސީލުކުރާކަށް މުސާރައެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން ވޯލްޑްކަޕް ގައި އޭނާއަށް މެޗަކަށް ލިބޭ ގާތްގަޑަކަށް 20000 ޔޫރޯ އޭނާ ހަދިޔާ ކުރަނީ ޗެރިޓީއަށެވެ. އެމްބާޕޭ މިހާރުވެފައިވަނީ ފްރާންސްޓީމަށް އެންމެ ޅައުމުރުގައި ވޯލްޑްކަޕްގައި ގޯލެއް ޖަހައިދިން ކުޅުންތެރިޔާއަށެވެ. ކުރިއަށްއޮތް މަދު އަހަރެއްގެ ތެރޭގައި ބެލެންޑިއޯ ހޯދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މިކުޅުންތެރިޔާއަށް މިރޭ ކުޅޭ ވޯލްޑްކަޕް ފައިނަލުގައި ކްރޮއޭޝިޔާ ބަލިކޮށްގެން ތާރީހުން ޖާގަ ހޯދާނެ ފުރުސަތު މިވަނީ ލިބިފައެވެ.

Advertisement

އުމުރުން އެންމެ 19 އަހަރު ގައި ކުލަބް ފުޓްބޯޅައިގައި މިހާތަނަށް ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ދާއިމީކޮށް ޕީއެސްޖީއާއި ގުޅެން ތައްޔާރުވާއިރު އެމްބާޕޭ ވަނީ ވޭތުވެދިޔަ ދެސީޒަނުގައި ތަފާތު ދެކުލަބަކާއެކު ފުރެންޗް ލީގް ކާމިޔާބުކޮށްފައެވެ. މިހާހިސާބުން މި އުމުރުގައި ފުޓްބޯޅައިގެ އެންމެ މަޝްހޫރު ތަރިންގެ ރެކޯޑްތައް ހުރީ ކިހިނެއްތޯ ބަލާލަމާ ހިނގާށެވެ.

ލިއޮނެލް މެސީ

2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯއާ ދެކޮޅަށް މެސީ ކުޅެނީ

މެސީގެ 19 ވަނަ އުފަންދުވަހު އޭނާ ނިކުތީ 2006 ގެ ވޯލްޑްކަޕްގައި މެކްސިކޯ އާއި ދެކޮޅަށެވެ. މި މުބާރާތާތުގައި އާޖެންޓީނާ ކުޅުނު ފަސް މެޗްގެ ތެރެއިން ތިން މެޗްގައި މެސީ ކުޅުނެވެ. މުބާރާތުގެ ކުއާޓާފައިނަލްގައި ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެން  ބަލިވިއިރު މެސީއަށް އިންނަންޖެހުނީ ބެންޗްގައި ކުޅިބަލާށެވެ. މެސީ އޭނާގެ ފުރަތަމަ ވޯލްޑްކަޕަށް އައިއިރު ކްލަބު ފުޓްބޯޅައިގައި ސްޕެނިޝްލީގު ދެފަހަރަށް ކާމިޔާބުކޮށް އަދި ޗެމްޕިއަންސްލީގް އެއްފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޮނާލްޑޯ. ގައުމީ ޓީމަށް ރޮނާލްޑޯ ފުރަތަމަ ގޯލެއް ޖެހީ އެ މުބާރާތުގައި އުމުރުން 19 އަހަރުގައި

އުމުރުން 19 އަހަރުގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ ބޮޑު މުބާރާތަކީ 2004 ގެ ޔޫރޯއެވެ. އެމުބާރާތުގައި ޕޯޗްގަލް ކުޅުނު 6 މެޗްގައި ރޮނާލްޑޯ ކުޅުނުއިރު އެތަނުން ހަތަރުމެޗްގައި ފުރަތަމަ އެގާރައިގައި ހިމެނުނެވެ. މުބާރާތުގެ ފައިނަލްގައި ގްރީސް އަތުން ބަލިވިއިރު   ވާދަވެރި މުބާރާތެއްގައި ރޮނާލްޑޯ ގައުމީ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މި މުބާރާތުގައެވެ. ރޮނާލްޑޯ މި މުބާރާތަށް އައި އިރު އޭނާވަނީ މެންޗެސްޓަރ ޔުނައިޓެޑުގައި އެއް ސީޒަން ފުރިހަމަކޮށްފައެވެ.

ނޭމާ ޖޫނިއަރ

އުމުރުން 18 އަހަރުގައި ނޭމާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އެމެރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ

އުމުރުން 19 އަހަރުގައި ނޭމާ ކުޅެމުން ދިޔައީ އަމިއްލަ ޤައުމުގައި ސަންތޯސް އަށެވެ. އޭރު އޭނާވަނީ އެޓީމާއެކު ކޮޕާ ޑޯ ބުރަސިލް އަދި ކޮޕާ ލިބެޓެޑޯރަސް 2011 ވަނައަހަރު ހޯދާފައެވެ. ނޭމާ ގައުމީ ޓީމުން ޖާގަ ހޯދީ އޭގެ އަހަރެއްހާ ދުވަސްކުރިން އުމުރުން 18 އަހަރުގައެވެ. އޭނާ ޤައުމީޓިމަށް ކުޅެދިން ފުރަތަމަ މެޗްގައި އެމެރިކާ އާއި ދެކޮޅަށް ކުޅެ ގޯލް ޖެހިއެވެ.

ޑިއޭގޯ މެރެޑޯނާ

މަރަޑޯނާ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ. 1977 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށީ އުމުރުން އެންމެ 16 އަހަރުގައި

އުމުރުން 19 އަހަރުގައި މެރެޑޯނާ ކުޅެމުން ދިޔައީ އާޖެންޓީނާގެ އާޖެންޓީނޯސް ޖޫނިއަރސް އަށެވެ. އެޓީމާއެކު މެރެޑޯނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ އުމުރުން 16 އަހަރުވެސް ނުވަނީހެވެ. މެރެޑޯނާ އެންމެ ފުރަތަމަ ޤައުމީ ޓީމަށް ކުޅުނީ އުމުރުން 16 އަހަރުގައެވެ. ކޯޗު މެނޯޓީ ގެ ލޮލުގައި އަޅައިނުގަތުމުން 1978 ގައި ވޯލްޑްކަޕް ހޯދި އާޖެންޓީނާގެ ޓީމުގައި މެރެޑޯނާ ނުހިމެނެއެވެ. އެހެންނަމަވެސް ޖެހިގެން އައި އަހަރު 19 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބު ކޮށް އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު މެރެޑޯނާ ހޯދިއެވެ.

ޕެލޭ

1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕެލޭ ކުޅެނީ. އުމރުން 17 އަހަރުގައި އެ މުބާރާތުގައި ޕެލޭ ވަނީ 6 ލަނޑު ޖަހާފައިި

ޕެލޭގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ އުމުރުން އެންމެ 15 އަހަރުގައެވެ. އަދި އުމުރުން 16 އަހަރުގައި ގައުމީ ޓީމުން ޖާގަ ހޯދިއެވެ. އަދި އެންމެ 17 އަހަރުގައި ވޯލްޑްކަޕް ތަށި އުފުލައިލިއެވެ. މި މުބާރާތުގައި ޕެލޭގެ 6 ގޯލް ފެނިގެން ދިޔައެވެ. ކުލަބު ފުޓްބޯޅައިގަވެސް އުމުރުން 19 އަހަރުގަވެސް ޕެލޭގެ ރެކޯޑްތައް އުޅެނީ ވަރަށް ކުރީގައެވެ. ޕެލޭއަށް 19 އަހަރު ފުރެންވާއިރަށް އޭނާވަނީ ސަންތޯސް އަށް 3 ތަށި ހޯދައިދީފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *