ނަޑާލް ބަލިކޮށް ޖޮކޮވިޗް ފައިނަލަށް

ނަޑާލް ބަލިކޮށް ޖޮކޮވިޗް ފައިނަލަށް

ޢަލީ ޝަހީމް

މިހާރު އިނގިރޭސިވިލާތުގައި ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލަށް ނޮވަކް ޖޮކޮވިޗް ދަތުރުކޮށްފިއެވެ. އިއްޔެ ސެންޓަރ ކޯޓްގައި ކުރިއަށްދިޔަ މި މެޗް ސްޕެއިންގެ ރަފައެލް ނަޑާލްއާ ވާދަކޮށް، މީގެ ކުރިން މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ގެންދިޔައީ 4-6، 6-3، 6-7، 6-3 އަދި 8-10 އިންނެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗަށްވެސް ދިގު ވަގުތެއް ހޭދަވިއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗް 6 ގަޑިއިރާއި 38 މިނެޓުން ނިމުނު އިރު މި މެޗް ނިމުނީ 5 ގަޑިއިރާއި 15 މިނެޓުންނެވެ.

ނަޑާލް

ކުރިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައިވެސް ހުރި ސާބިޔާގެ ޖޮކޮވިޗް ވިމްބަލްޑަންގެ ފައިނަލަށް ދަތުރުކުރިއިރު އޭނާއަށް މި ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ވީ ވަރަށް ބަދުނަސީބު ދުވަސްތަކަކަށެވެ. އަނިޔާއާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެއާއެކު ދުނިޔޭގެ އެއްވަނަ މަގާމް އޭނާއަށް ގެއްލި ރޭންކިންގ ގެ 21 ވަނައަށް އޭނާ ވެއްޓުނެވެ. އެކަމަކު މި ކާމިޔާބާއެކު އޭނާ އަނެއްކާވެސް އެނބުރި އައީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއީ 2015 ގެ ފަހުން ޖޮކޮވިޗް ވިމްބަލްޑަންގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި 2016 ގެ ޔޫއެސް އޯޕަން ގެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

އަނެއްކޮޅުން މެޗުން ބަލިވުމަކީ ނަޑާލް އަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. މީގެ ކުރިން 2 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވީނަމަވެސް މިއީ ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައިވެސް މި މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް ނަޑާލް އައި ފުރަތަމަ ފަހަރެވެ. އެކަމަކު އޭނާ މި މުބާރާތަށް އައީ މިދިޔަ މަހު އޮތް ފްރެންޗް އޯޕަން ކާމިޔާބުކުރުމަށް ފަހުގައެވެ.

މުބާރާތުގެ ފިރިހެން ސިނގަލްސް ފައިނަލް މެޗް ކުޅެވޭނީ މިއަދު އެވެ. މި މެޗްގައި ޖޮކޮވިޗް ވާދަކުރަން ޖެހޭނީ ދެކުނު އެފްރިކާގެ ކެވިން އެންޑަސަން އާއެވެ.

 

 

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.