ތިންވަނަ ވެސް ނުލިބި އިނގިރޭސީން ރަށަށް

Advertisement

ތިންވަނަ ވެސް ނުލިބި އިނގިރޭސީން ރަށަށް

ޢަލީ ޝަހީމް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އިނގިރޭސީންނަށް ތިންވަނަ ވެސް ނުލިބި މުބާރާތް ނިންމާލައިފި އެވެ. މިރޭގެ މެޗުން އެޓީމު ބަލިވީ 2-0 އިންނެވެ. މި މޮޅާއެކު ބެލްޖިއަމް މުބާރާތް ނިންމާލީ ވޯލްޑް ކަޕްގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއާ އެކުއެވެ. މީގެ ކުރިން އެއްވެސް މުބާރާތެއްގައި އެޓީމަށް ތިންވަނައާ ހަމައަށް ދެވިފައެއް ނުވެއެވެ.

މިރޭގެ މެޗަށް ދެޓީމުންވެސް ނުކުތީ ބަދަލުތަކަކާ އެކުއެވެ. އިންގްލެންޑް ޓީމުން ވަނީ ސެމީ ފައިނަލް މެޗުގައި ފުރަތަމަ 11 ގައި ނުހިމެނުނު ފަސް ކުޅުންތެރިއަކަށް ފުރުސަތު ދީފައެވެ. އޭޝްލީ ޔަންގުގެ ބަދަލުގައި ޑެނީ ރޯސް ކުޅެން އެރުވިއިރު ކައިލް ވޯކާގެ ބަދަލުގައި އެރުވީ ފިލް ޖޯންސް އެވެ. މީގެ އިތުރުން މެދުތެރެއަށް ކުޅޭ ޖޯޑަން ހެންޑަސަންގެ ބަދަލުގައި ސައުތުގޭޓު ވަނީ އެރިކް ޑަޔާއަށް ފުރުސަތު ދީފައެވެ. މީގެ އިތުރުން ޑެލެ އަލީ އާއި ޔެސޭ ލިންގާޑުގެ ބަދަލުގައި މިރޭގެ މެޗުގެ ފެށީ ލޮފްޓަސް ޗީކާއި ފަބިއަން ޑެލްފެވެ.

ބެލްޖިއަމް ޓީމުގެ ފުރަތަމަ އެގާރައިން ދެ ބަދަލެއް ފެނުނެވެ. އެއީ މެރުއާން ފެލައިނީގެ ބަދަލުގައި ކުޅެން އެރި ޔޫރީ ޓިއެލިމެންސް އާއި ސެމީ ފައިނަލް މެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުނު ތޯމަސް މުނިއޭ އެވެ.

ވޯލްޑް ކަޕްގައި އިންގްލެންޑަށް އެންމެ ފަހުން ލިބުނު ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ ޗެމްޕިއަންކަމެވެ. އޭގެ ފަހުން އެޓީމަށް ވޯލްޑް ކަޕްގައި އެންމެ ދުރަށް ދެވުނީ 1990 ވަނަ އަހަރުއެވެ. އެފަހަރު އެޓީމަށް ހަތަރުވަނަ ލިބުނު ފަހުން ވޯލްޑް ކަޕްގައި އެޓީމަށް އެހިސާބަށް ދެވިފައެއް ނުވެއެވެ.

ބެލްޖިއަމަކީ މިހާތަނަށް ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބު ކުރެވިފައިވާ ގައުމެއް ނޫނެވެ. މި މެޗުގެ ކުރިން ވޯލްޑް ކަޕްގައި އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1986 ވަނަ އަހަރުގެ ހަތަރު ވަނައެވެ. އެހެންކަމުން މި މެޗުގައި ތިންވަނަ ހޯދުމުގެ މުހިއްމުކަން ދެޓީމަށްވެސް ބޮޑުވެގެން ދިޔައެވެ.

މިރޭގެ މެޗު ފަށައިގެން އިންގްލެންޑް ރަނގަޅަށް ހަމަނުޖެހި އުޅެނިކޮށް ބެލްޖިއަމުން ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ނެސަރ ޗަދްލީ ނަގައިން ހުރަހަކުން މި ލަނޑު ޖެހީ ތޯމަސް މުނިއޭ އެވެ. ބެލްޖިއަމްގެ ލަނޑަށް ފަހުވެސް އެޓީމުން ވަނީ އިންގްލެންޑް ގޯލަށް ނުރައްކާ ކޮށްފައެވެ. ބެލްޖިއަމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ރޮމެލޫ ލުކާކޫ އަށެވެ. ކެވިން ޑެބްރޫން ތަނަވަށް ކޮށްދިން ފުރުސަތެއްގައި ލުކާކޫއަށް ބޯޅަ ގެއްލުނީ ރަނގަޅަށް ކޮޓްރޯލް ނުކުރެވުމުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޑެބްރޫން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑު ޖަހަން ލިބުނު ބޯޅަ ލުކާކޫ އަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުކުރެވުމުން މެޗުގެ 59 ވަނަ މިނެޓުގައި ލުކާކޫގެ ބަދަލުގައި މާޓެން މާޓެންސް ވަނީ ކުޅެން އަރުވާފައެވެ. މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑަށް ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އެރިކް ޑަޔާއަށެވެ. ހުސްކޮށް ކީޕަރު ގައިމަތިން ޑަޔާ ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން މަތަކުރީ ބެލްޖިއަމްގެ ޑިފެންޑަރ ޓޮބީ އަލްޑަވީލްޑެވެ.

ބެލްޖިއަމުން މެޗުގައި ދެވަނަ ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނެޓުގައި އެޑެން ހަޒާޑެވެ. ޑެބްރޫން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ހަޒާޑް މި ބޯޅަ ފޮނުވާލީ އިންގްލެންޑްގެ ޑިފެންޑަރ ފިލް ޖޯންސް ކައިރިން ނައްޓާލުމަށްފަހު ތިރީ ކަނަށެވެ.

މުބާރާތުގައި މާދަމާރޭ ކުޅޭނީ ފައިނަލް މެޗެވެ. މާދަމާރޭ ރާއްޖެ ގަޑިން 8 ޖަހާއިރު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ 1998 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސާއި މުބާރާތުގެ ފައިނަލުގައި އަލަށް ވާދަކުރާ ކްރޮއޭޝިޔާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *