ޖޫނިއަރ ފުޓްބޯޅަ ލީގު ފޯރިއާއެކު ކުރިއަށް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ “ޓުވާޑްސް ފިއުޗަރ” ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް 13 އަހަރުން ދަށުގެ ޔޫތް ލީގެއް ފަށައިފިއެވެ.
މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާފައިވާ މި ޔޫތް ލީގު ފަށާފައި ވަނީ މިމަހުގެ 7 ވަނަ ދުވަހު އެވެ. ލީގުގެ މެޗުތައް އޮކްޓޯބަރ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، ހުރިހާ މެޗެއް ވެސް ކުޅޭނީ މާލޭ ކުޅިވަރު އެކުވެނީގައި މިދިޔަ އޭޕްރީލް މަހު ހުޅުވި މިނީ ޓާފް ދަނޑުގައެވެ.
މިދިޔަ އަހަރު އެފް.އޭ.އެމް އިން ވަނީ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ވާދަވެރި އެއްވެސް މުބާރާތެއް ބޭއްވުން މަނާ ކޮށްފައެވެ. މިއަހަރު 13 އަހަރުން ދަށަށް ހާއްސަ ކޮށްގެން ޔޫތް ލީގު ފަށާފައި ވާއިރު، އަންނަ އަހަރު 14 އަހަރުން ދަށުގެ ޔޫތް ލީގެއް ފެށުމަށްވެސް މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ.
މިހާރު ވެސް 14 އަހަރުން ދަށަށް އިންޓަރ ސްކޫލް މުބާރާތެއް އޮންނަ ނަމަވެސް އަލަށް އުފައްދާ މި ލީގުގެ މައިގަނޑު މަގްސަދަކީ އެކަޑަމީ ތަކުގެ މެދުގައިވެސް ވާދަވެރިކަން އުފައްދައި، ކުޅުންތެރިންނަށް ވާދަވެރި ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެފް.އޭ.އެމް ގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރ އިހްސާން ޢަބްދުލްޤަނީ (ސާންތި) ވިދާޅުވި އެވެ.
ޔޫތް ލީގުގައި މި އަހަރު ވާދަކުރަނީ ޖުމްލަ އަށް ޓީމަކުންނެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމުތަކުގެ ތެރެއިން ލީގުގައި ބައިވެރިވީ އީގަލްސް އާއި މާޒިއާއިން އެކަންޏެވެ. ދެން ބައިވެރިވީ ބީޖީ އެކަޑަމީ އާއި އެމް.އެސް ހެލްޕިންގް ހޭންޑް އެކަޑަމީ ގެ އިތުރުން ހުޅުމާލެ ސްޕޯޓްސް އެކަޑަމީގެ އާއި އާލީ ޓަޗް އެކަޑަމީގެ އިތުރުން މޯލްޑިވްސް ސޮކާމޭޓްސް އަދި އޭމް ސްޕޯޓްސް އެސޯސިއޭޝަން (އަމްސާ) އެވެ.
މުބާރާތް ހުޅުވި މެޗުގައި ބައްދަލުކުރީ ކްލަބް އީގަލްސް އާއި މާޒިޔާ އެވެ. މި މެޗު 6-2 އިން ކާމިޔާބު ކުރީ މާޒިޔާއެވެ. ދެވަނަ މެޗުގައި ބީޖީ ސްޕޯޓްސް ވަނީ އެމް.އެސް ހެލްޕިންގް ހޭންޑް 10-1 އިން ބަލިކޮށްފައެވެ.
އިއްޔެ މުބާރާތުގެ ދެމެޗެއް ކުޅުނުއިރު ފުރަތަމަ މެޗުގައި އާލީ ޓަޗް އެކަޑަމީން ވަނީ ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވި އެމް.އެސް ހެލްޕިންގް ހޭންޑް ކޮޅަށް 9 ލަނޑު ޖަހާފައެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި އޭ.އެމް ސްޕޯޓްސް 4-1 އިން ބަލިކޮށް ބީޖީ ސްޕޯޓްސް ވަނީ މުބާރާތުގެ ދެވަނަ މެޗުންވެސް މޮޅުވެފައެވެ.
ޔޫތް ލީގުގައި މިއަދުވެސް ދެމެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު 3 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި މޯލްޑިވްސް ސޮކާމޭޓްސް ގެ ޓީމެވެ. ދެވަނަ މެޗުގައި ހަވީރު 4:30 ގައި ހުޅުމާލެ ސްޕޯޓްސް ނުކުންނާނީ މާޒިޔާއާއި ދެކޮޅަށެވެ.
Advertisement
Leave a Reply