ހުރިހާ ހަކަތައެއް ހުސްކޮށްލުމަށްފަހު އެންޑަސަން ފައިނަލަށް

Advertisement

ހުރިހާ ހަކަތައެއް ހުސްކޮށްލުމަށްފަހު އެންޑަސަން ފައިނަލަށް

ޢަބްދުﷲ އަޝްރަފް

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލްގައި އެމެރިކާގެ ޖޯން އިސްނާ ބަލިކުރުމަށްފަހު ދެކުނު އެފްރިކާގެ ކެވިން އެންޑަސަން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އިއްޔެ ކުޅުނު މި މެޗް އެންޑަސަން ކާމިޔާބު ކުރީ 6-7، 7-6. 7-6، 4-6 އަދި 24-26 އިންނެވެ. 6 ގަޑިއިރާއި 36 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗަކީ ވިމްބަލްޑަން ގެ ތާރީހުގައިވެސް އެންމެ ގިނަ ވަގުތު ހޭދަވި ސެމީފައިނަލް މެޗެވެ. މީގެ ކުރިން އެންމެ ގިނަ ވަގުތު ސެމީ ފައިނަލް މެޗެއްގައި ނަގައިފައިވަނީ 2013 ވަނަ އަހަރުގެ މުބާރާތުގައެވެ. ނޮވާކް ޖޮކަވިޗް އާއި ހުއާން މާޓިން ބައްދަލުކުރި އެ މެޗަށް ހޭދަވީ 4 ގަޑިއިރާއި 43 މިނެޓެވެ.

އެކަމަކު ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި މިހާރު ހުރި އިސްނާއަށް މިއީ އާ ކަމެއް ނޫނެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރު ފަހަނައަޅައި ދިޔުމަށްޓަކައި 11 ގަޑިއިރާއި 5 މިނެޓް ހޭދަކޮށްފައެވެ. ތަފާތަކީ މިފަހަރު އޭނާ އަށް މެޗް ގެއްލުނު ކަމެވެ. އަދި، މީގެ ނުވަ އަހަރު ކުރިން އެންޑީ ރޮޑިކް ވިމްބަލްޑަންގެ ފައިނަލްގައި ކުޅުނު ފަހުން މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލަށް ދަތުރުކުރާ ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާއަށް ވުމަށް އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ކުރަމުންއައި މަސައްކަތް ފެނަށް ވިކަމެވެ.

މެޗަށްފަހު އެންޑަސަން އާއި އިސްނާ. ފައިނަލުގައި ނުކުންނާނީ ޖޮކޮވިޗް އާއި ނަޑާލް ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިއަކާ

އަނެއްކޮޅުން މުބާރާތް ދިފާއުކުރަން ނުކުތް ރޮޖަރ ފެޑެރާ ކުއާޓަރ ފައިނަލްގައި ބަލިކުރުމަށްފަހު ސެމީން ޖާގަ ހޯދި އެންޑަސަން ފުރަތަމަ ފަހަރަށް ވިމްބަލްޑަންގެ ފައިނަލުން ޖާގަ ހޯދިއިރު ހިނިތުންވެލާނެ ވަރުވެސް ހުރީ ހަމަ ކިރިޔާއެވެ. އެވަގުތު ޓީވީ ކެމެރާތައް ހުއްޓުނީ މެޗް ބަލަން ގޮސް އިން އެންޑަސަންގެ އަންހެނުންނަށެވެ. އޭރު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހެމުންދިޔައެވެ. އޭނާގެ ފިރިމީހާއަށް މެޗް ގެއްލިދާނެހެން ހީވި ކިތަންމެ ވަގުތެއް ވެސް  އައެވެ. އެންޑަސަން ފައިނަލްގައި ވާދަކުރަންޖެހޭނީ ޖޮކޮވިޗް އަދި ނަޑާލް ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ. މި މެޗު އޮންނާނީ މިއަދު އެވެ.

ދުނިޔޭގެ ރޭންކިންގެ 8 ވަނައިގައި މިވަގުތު ހުރި އުމުރުން 32 އަހަރު ކުޅުންތެރިޔާ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ މާ ބޮޑަށް ވަރުބަލިވެފައި ހުރުމެވެ. ” މާދަމާ (މިއަދު) ހެނދުނުވާއިރު އަހަރެންގެ ހަށިގަނޑަށް ވާގޮތެއް ބަލަން ޖެހޭނީ. މިވަގުތު އަހަރެންގެ ދެ ފައިތިލަ މިހިރީ ދުޅަވެފަ. ފައިވެސް ހީވަނީ ޖެލީ ގަނޑެއް ހެން. އަސްލު އަހަރެން ބޭނުން ބޭރަށް ނިކުމެ ތިރީހަކަށް މިނިޓް ވަންދެން ބޯޅަ ތަޅާލަން. އެކަމަކު މިހާ ދިގު މެޗެއް އަހަރެން އަދި ދުވަހަކުވެސް ނުކުޅެން. އެހެންވީމަ ވާގޮތެއް ޖެހޭނީ ބަލަން.” ވަގުތު ދިގުވެގެން މެޗް ތެރޭގައިވެސް ޝަކުވާކުރި ކުޅުންތެރިޔާ މެޗަށްފަހު ބުނެފައިވެއެވެ.

 

 

 

 

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *