ޔަތީމެއްގެ ތަޖުރިބާއިން ހޮހޮޅައިގައި ތިބި ކުދިންނަށް ހިތްހަމަޖެހުން
މި ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގަ ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއްކަމަކީ ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި 12 ކުއްޖަކު ތާށިވި ހާދިސާ އެވެ. އެކަން ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިޔާތަކުންވެސް ފިސާރި ރަގަޅަށް ކަވަރ ކުރަމުން ދިޔައިރު، އެއިން ކޮންމެ ވާހަކައެއް އެހާވެސް ޝައުގުވެރިއެވެ. ހޮހޮޅައިގައި ކުދިން ވަގުތު ހޭދަކުރި ގޮތާއި، އެތަނުން އެކުދިން ސަލާމަތްކުރަން ކުރި މަސައްކަތުގެ ވާހަކަ މުޅި ދުނިޔެ އަންތަރީސް ކުރުވިއެވެ. އެ ހުރިހާ ވާހަކައެއްގެ ތެރެއިންވެސް ފާހަގަވި އެއް ކަމަކީ ކުދިންނާއެކު ހޮހޮޅައަށް ވަން ކޯޗުގެ ވާހަކަ އެވެ.
ތައިލެންޑަށް އުފަން އުމުރުން އެންމެ 25 އަހަރުގެ އެކަޕޮލް ޗަންތަވޮންގް (އަކޭ) އެ ގައުމުގެ ވައިލްޑް ބޯސް ނަމަކަށް ކިޔާ ޖޫނިޔާ ފުޓްބޯޅަ ޓީމުގެ 12 ކުދިން ގޮވައިގެން ހޮހޮޅައަކަށް ވަނީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ފިކުރެއްވެސް ނެތިއެވެ. އެކަމަކު މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެޓީމުގެ ފަރިތަކުރުންތައް ނިންމާލުމަށްފަހު ޓީމުގެ ބައެއް ކުދިންނާއެކު ހޮހޮޅައަށް ވަންތާ މާގިނައިރުތަކެއް ނުވެ ބޯކޮށް ވާރޭވެހި މުޅި ހިސާބުގަނޑު ގައި ފެންބޮޑުވިއެވެ. އެއާއެކު އަކޭއާ އޭނާއާއެކު ހޮހޮޅައަށްވަތް ބާރަ ކުދިން އެތަނުގެ ތެރޭގައި ތާށިވިއެވެ. އުނދަގޫ އޮޕަރޭޝަނަކަށްފަހު އެ އެންމެން ސަލާމަތްކުރެވުނީ ގާތްގަނޑަކަށް ސަތާރަ ދުވަސް ފަހުންނެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ބައެއް މީހުން ޓީމުގެ ކޯޗަށް އިނގިލި ދިއްކުރި ނަމަވެސް ގިނަ ބަޔަކު އޭނާއަށް އަންނަނީ ތައުރީފް ކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ ދިރިއުޅޭ އަވަށުގެ މީހުންނާއި، އޭނާ ކޯޗު ކޮށްދޭ ޓީމުގެ ކުޅުންތެރިންނާއި އެކުދިންގެ ބެލެނިވެރިން ހިމެނެއެވެ.
“ކޮންމެ ދުވަހަކު ކުޅެ ނިމިގެން އެންމެ ފުރަތަމަވެސް ކޯޗް ބަލާނީ އަހަރެމެންނަށް ފެން ދެވޭތޯ. އޭނަ ބޯނީ އެންމެ ފަހުން” ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ދުވަހު ހޮހޮޅައަށް ނުދާ އުމުރުން 13 އަހަރުގެ ސޮންގްޕޮލް ބުނެފައިވެއެވެ. “ކޯޗް އަބަދުވެސް ފުރަތަމަ ވިސްނާނީ އަހަރެމެންނާ ދޭތެރޭ” އޭނާ ބުންޏެވެ.
ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބި ދުވަސްތަކުގެ ތެރޭގައި އަކޭ ވަނީ އެ ތަނުގައި ތިބި ކުދިންގެ މައިންބަފައިންނަށް ސިޓީއެއް ފޮނުވައިފައެވެ. ގާތްގަނޑަކަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވައިލްޑް ބޯޒްގެ ޓީމަށް ކޯޗްކޮށްދިން އަކޭ ލިޔުނު އެ ސިޓީގައި ހޮހޮޅައިގައި އޭނާއާއެކު ތިބި ކުދިންގެ މައިންބަފައިންގެ ކިބައިން މާފަށް އެދިފައިވެއެވެ. އަދި، އެކުދިން ރަގަޅަށް ބަލަހައްޓާނެ ކަމަށް އޭނާ ވައުދުވެފައިވެއެވެ. އަކޭގެ އެ ސިޓީއަށް ކުދިންގެ މައިންބަފައިން ދިނީ ހިތްހެޔޮ ޖަވާބެކެވެ. އޭގައި ވަނީ “އަމިއްލަ ނަފްސަށް ދެރަ ލިބި ނުގަނޭ. އަހަރެމެންގެ ހިތުގައި އެއްވެސް ހިތް ބުރަ ކަމެއް ނެތް. އެހެންވީމާ ދެރަ ނުވޭ” މިހެންނެވެ.
ހޮހޮޅައިން ކުދިން ނެރުމަށް ހިންގި އޮޕަރޭޝަންގެ ތެރޭގައި ވާހަކަ ދައްކަމުން ތައިލޭންޑް ސަރުކާރުގެ ތަރުޖަމާނު ޖެން ވެރަޝަން ވެސް ވަނީ އަކޭ އަށް ތައުރީފް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އަކޭ އެކުދިންގެ ބެލެނިވެރިއެއްގެ ގޮތުގައި ހުރުމަކީ ހޮހޮޅައިގެ ތެރޭގައި ތިބި ކުދިންނަށް ލިބުނު ހިތްހަމަޖެހުމެކެވެ. “ކޯޗު އެކުދިންނަށް އޮށޯވެގެން ތިބުމަށް ނަސޭހަތްތެރިވި. އެހާ ބޮޑަށް ހަށިގަނޑު ހަރަކާތް ނުކުރުވުމަށާއި، އެކުދިންގެ ގައިގައި ހުރި ހަކަތަ ބޭކާރުގޮތުގައި ދުއްވާނުލުމަށް އިރުޝާދު ދިން. އަދި، އެކުދިންނަށް ހިތްވަރުދީ ހިތްހަމަޖައްސައިދެމުންދިޔަ” ތަރުޖަމާނު ވިދާޅުވިއެވެ.
ވައިލްޑް ބޯސް ޓީމުގެ ކުޅުންތެރިންގެ ތެރެއިން ހޮހޮޅައިގައި ތާށިވި ބާރަ ކުދިންގެ ތެރޭގައި ނުހިމެނޭ އުމުރުން ސާދަ އަހަރުގެ ކުއްޖަކު ބުނެފައިވަނީ ޓީމުގެ ކުދިން ގޮވައިގެން ފަރުބަދަތައް ހުންނަ ހިސާބުގައި ބައިސްކަލް ދުއްވާލަން ދިޔުމަކީ ކޯޗް އާއްމުކޮށް ކުރާކަމެއް ކަމަށާއި، މިއީ ޓީމު ގޮވައިގެން އޭނާ ހޮހޮޅައަށް ވަތް ފުރަތަމަ ފަހަރު ނޫން ކަމަށެވެ.
“އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯޗް އަބަދުވެސް ލޯބިކުރޭ. އެއީ ވަރަށް އުފާވެރި މިޒާޖެއްގެ މީހެއް. ހޮހޮޅައިގައި ތިބި އަހަރެންގެ އެކުވެރިން މިސްވާ ވަރަށް އަހަރެންނަށް ކޯޗް ވެސް މިސްވޭ” އެ ކުއްޖާ ބުންޏެވެ.
ރެސްކިއު ޓީމުން ކޯޗާއި ކުދިން ހޮހޮޅައިން ސަލާމަތްކުރިއިރު ހުރިހާ ކުދިންނަށްވުރެވެސް ހާލު ދެރަކޮށް ފެނުނީ އަކޭ އެވެ. އޭނާ ވަނީ ކުދިންނަށްޓަކައި އޭނާއަށް ވާ ކާ އެތިކޮޅުންވެސް ބޮޑު ބައެއް ދޫކޮށްލައިފައެވެ. ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އޭނާ އެއްގޮތަކަށްވެސް ނުކައެވެ. އަކޭ ދަންނަ ބައެއް މީހުން ބުނާ ގޮތުގައި އޭނާ ނޫން އެހެން މީހަކު އެކުދިންނާއެކު ހުރި ނަމަވެސް އެކުދިން އެހާ ގިނަ ދުވަހު ހޮހޮޅައިގައި ސަލާމަތުން ތިބުން ދުރެވެ. އެކަމަކު އެމީހުންވެސް ތިބީ އަކޭ އެކުދިން ގެންގުޅޭނެ ގޮތަކާ މެދު އަޖައިބުވެފައެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެއީ ވިސްނާލިޔަސް ސިކުނޑި ސުމަކަށްދާ ވަރުގެ ހާލަތެކެވެ. އުމުރުން އެންމެ ފަނަރަ ވަރަކަށް އަހަރުވެސް ނުވާ ބާރަ ކުދިން ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވަންދެން ބިރުވެރިކަން އިންތިހާއަށް އޮތް ތަނެއްގައި ގެންގުޅުމުމަކީ އާދައިގެ ކަމެއް ނޫނެވެ.
އިޖްތިމާއީ މަސައްކަތުގައި ހުސްވަގުތު ހޭދަކުރާ އަކޭ، ވައިލްޑް ބޯސް ގެ ޓީމަށް ކޯޗު ކޮށްދެނީ ވަރަށް ކުޑަ އުޖޫރައަކަށެވެ. ފައިސާއަށް ވުރެ ބޮޑަށް އޭނާ އެކަން ކުރަނީ ފުޓްބޯޅައަށް އޭނާގެ ހިތުގައި އޮންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. ކުޑަކުދިންނަށް އެހީވުމަކީ އޭނާއަށް އުފަލަކަށް ވާތީއެވެ. އަކޭ ކޯޗު ކޮށްދޭ ޓީމުގެ ކުދިން އޭނާ ގެންގުޅެނީ އަމިއްލަ ދަރިން ކަމުގައި ދެކިގެންނެވެ. ކޮންމެ ދުވަހަކު ޕްރެކްޓިސް ނިމުމުން ޓީމުގެ އެންމެ ހަގަށް ތިބޭ ކުދިން ގެއަށްދާއިރު އެކުދިންނާއެކު ގެއާ ހަމަޔަށް އޭނާ ވެސް ދެއެވެ. އަކޭ އާ ދޭތެރޭ އެކުދިންގެ މައިންބަފައިން ގެ އިތުބާރު ބޮޑީ އެހެންވެއެވެ.
ކޮންމެއަކަސް މަރުގެ ތުންފަތްމަތީގައި ތިބި ބާރަ ކުދިންގެ އެހީތެރިއެއްގެ ގޮތުގައި އުނދަގޫ ތަޖްރިބާއެއް ކުރި އަކޭގެ މާޒީއަކީވެސް ހިތްދަތިކަމާއި، ނުތަނަވަސްކަން އިންތިހާއަށް ތަހައްމަލު ކުރަންޖެހުނު ދުވަސްތަކެކެވެ. އަކޭގެ އުމުރުން އެންމެ ދިހަ އަހަރު ނުވަނީސް އޭނާގެ މައިންބަފައިން ނިޔާވިއެވެ. އޭނާގެ ހުރި ހަމައެކަނި ބޭބެ ވެސް ނިޔާވީ މައިންބަފައިން ދުނިޔެ ދޫކުރިތާ މަދު ދުވަސްކޮޅއެއްގެ ތެރޭގައެވެ. އެއާއެކު އޭނާގެ އަސްލު ގެ ދޫކޮށް ޔަތީމް ކުދިން ބައިތިއްބާ މަރުކަޒަކަށް އޭނާ ބަދަލުވާން ޖެހުނެވެ. އެނބުރި އަމިއްލަ ގެއަށް އައީ އެ މަރުކަޒުގައި ގާތްގަނޑަކަށް ދިހަ އަހަރު ހޭދަކުރުމަށްފަހުއެވެ. ފަހަރެއްގައި އެ ދިހަ އަހަރަކީ އޭނާއަށް ކުޑަކުއްޖެއްގެ އިހްސާސްތައް ދަސްވި ދިހަ އަހަރު ކަމަށް ވެދާނެއެވެ. ކުޑަކުދިންނަށްޓަކައި އޭނާގެ ހިތުގައި ކުލުނެއް އުފެދުނު އަހަރުތަކެއް ކަމަށް ވެސް ވެދާނެއެވެ. ކެތްތެރިކަމާއި، އުނދަގޫ ހާލަތުގައި ކަންކަން މެނޭޖްކުރަން ދަސްވި ދުވަސްތަކެއް ކަމަށް ވެދާނެއެވެ. ކޮންމެގޮތަކަށް ކަން ހިނގި ނަމަވެސް އެނގެން އޮތް ހަގީގަތަކީ އެ ތަޖްރިބާގެ ބޭނުން އޭނާ ކިތަންމެ ރަގަޅަކަށްވެސް ހިފައިފިކަމެވެ. އޭގެ ނަތީޖާއަކީ ﷲ ގެ އިރާދަފުޅާއެކު ބާރަ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރުމަށް މަގުފަހިވުމެވެ.
ގަބޫލުކުރެވޭ ގޮތުގައި އޭނާއަކީ އެންމެ ފުރަތަމަ ހޮހޮޅައަށް ވަންނާނެ އެކަކެވެ. އެކަމަކު އެންމެ ފަހުން އެ ހޮހޮޅައިން ނުކުތީ އޭނާ އެވެ.
Advertisement
Leave a Reply