ތާރީހުން ޖާގަ ހޯދަން ބެލްޖިއަމާއި އިންގްލެންޑް ވާދަވެރި ކުރިމަތިލުމަކަށް
ވޯލްޑް ކަޕް ތިންވަނަ ހޮވާ މެޗު މިރޭ ރަޝިޔާގެ ސައިންޓް ޕީޓަސްބާގް ގައި ކުޅޭއިރު މިއީ ދެޓީމުންވެސް ތާރީހުން ޖާގަ ހޯދަން ބޭނުންވާނެ މެޗެކެވެ. މި ދެޓީމުގެ ވާދަވެރިކަން މިރޭ ބޮޑުވާ އެންމެ ބޮޑު ސަބަބަކީ ވޯލްޑް ކަޕްގެ ތިންވަނަ ހޯދަން ދެޓީމަށްވެސް މުހިއްމު ވުމެވެ.
ދެޓީމުގެ ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު އިންގްލެންޑުން ވަނީ 1966 ގެ މުބާރާތް ކާމިޔާބު ކޮށްފައެވެ. އެހެންނަމަވެސް އެ ކާމިޔާބީއަށް މިހާރު 52 އަހަރު ވެފައިވާއިރު މިއަހަރުގެ މުބާރާތުން ތިންވަނަ ހޯދުން ވެގެންދާނީ އޭގެ ފަހުން އެ ގައުމަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަށެވެ. ބައި ގަރުނު ފަހުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދަށް ލިބުނު ރަނުގެ ފުރުސަތު އިންގްލެންޑަށް ގެއްލުނީ ސެމީ ފައިނަލުގައި ކްރޮއޭޝިޔާ އަތުން ބަލިވުމުންނެވެ. 1966 ގެ ފަހުން އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1990 ވަނަ އަހަރުގެ ހަތަރު ވަނައެވެ. ތިންވަނަ ހޮވަން ކުޅުނު މެޗުން އެއަހަރު އަމިއްލަ ގައުމުގައި ކުޅުނު އިޓަލީ އަތުން އެޓީމު ބަލިވީ 2-1 އިންނެވެ. އެހެންކަމުން މިރޭގެ މެޗުން ބެލްޖިއަމް ބަލިކޮށް ތިންވަނަ ހޯދުން ވެގެންދާނީ 52 އަހަރު ފަހުން އެގައުމަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަށެވެ.
މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސް ގައި އިންގްލެންޑުގެ ކޯޗު ގަރެތް ސައުތުގޭޓް ބުނީ މިރޭގެ މެޗުގައި ބަދަލުތަކެއް ފެންނާނެ ކަމަށާއި، އެހެންނަމަވެސް މެޑަލް އެއް ހޯދަން ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.
“ހުރިހާ ކުޅުންތެރިންވެސް ކުޅެން ބޭނުންވާ. ހެނދުނު ހުރިހާ ކުޅުންތެރިން ފަރިތަކުރުންވެސް ކުރިއަށް ގެންގޮސްފި. އެކަމު ބޭނުންވާ ވަރަށް ހަކަތަ ނެތީޔާ ކުޅެން އެރުވުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން. މެޗުގައި ފެންނާނީ ކުރިން ފެނުނު ފުރަތަމަ 11 އެއް ނޫން. އެކަމު ބޭނުންވަނީ މަދު ބަދަލުތަކެއް ގެންނަން. އެކެން ނުނީ ދެ ކުޅުންތެރިއަކު ތިބީ އަނިޔާގަ. އަދި ބައެއް ކުޅުންތެރިން އުޅެނީ ބަލިކޮށް” މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ބުންޏެވެ.
މިރޭގެ މެޗުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނަ ބެލްޖިއަމް އަކީ މިފަހަރު ތަށި ނަގާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ޓީމެކެވެ. ބެލްޖިއަމްގެ ރަން ޖީލުގެ ދުވަސްތައް ގުނަމުން ދާއިރު އެޓީމު ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ސެމީ ފައިނަލާ ހަމައަށް މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ސެމީގައި ފްރާންސް އަތުން 1-0 ބަލިވެ ޓީމުގެ އުއްމީދުތައް ގެއްލުނެވެ. މިރޭގެ ތިންވަނަ ހޮވާ މެޗު ބެލްޖިއަމަށް ހާއްސަވަނީ ރަން ޖީލާއެކު ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ މަތިން ނިންމާލާ ފަހަރަށްވުމެވެ. ބެލްޖިއަމަށް ވޯލްޑް ކަޕްގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގައެވެ. އެފަހަރު ބެލްޖިއަމަށް ލިބުނީ ހަތަރު ވަނައެވެ.
ރަންބޫޓޫގެ ވާދަވެރިކަންވެސް މިމެޗުން
ތިންވަނަ ހޯދަން ދެޓީމުން ވާދަވެރި ކުރިމަތިލުމަކަށް ނުކުންނައިރު މިމެޗު ވެގެންދާނީ ރަންބޫޓުގެ ވާދަވެރިކަންވެސް ބޮޑު މެޗަކަށެވެ. މުބާރާތުގައި އިންގްލެންޑުގެ ހެރީ ކޭން ހަ ގޯލު ޖަހާފައި ވާއިރު ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ވަނީ ހަތަރު ގޯލު ޖަހާފައެވެ.
ވޯލްޑް ކަޕް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހީ ކުޅުންތެރިޔާގެ މަގާމް އެންމެ ފަހުން އިންގްލެންޑްގެ ކުޅުންތެރިއަކަށް ލިބުނީ 1986 ވަނަ އަހަރެވެ. އެފަހަރުގެ މުބާރާތުގައި ގެރީ ލިނެކާ 6 ގޯލު ޖެހިއިރު އޭނާ ވަނީ ޕޮލެންޑް ކޮޅަށް ހެޓްރިކެއް ހަދާފައެވެ. އޭގެ ފަހުން އިންގްލެންޑުގެ ކުޅުންތެރިއަކަށް މި މަގާމް ލިބިފައި ނުވާއިރު މިފަހަރުގެ ހެރީ ކޭން ލަނޑުގެ ލިސްޓުގެ ކުރީގައި ނިންމާލާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މިފަހަރުގެ މުބާރާތުގައި ޖެހި 6 ގޯލުގެ ތެރެއިން 3 ގޯލް ކޭން ޖެހީ ޕެނަލްޓީންނެވެ.
ރަން ބޫޓޫ ހޯދަން ކޭންގެ ފަހަތުން ލުކާކޫ ވާދަކުރާއިރު މިރޭގެ މެޗުގައި އޭނާއަށް މި މަގާމް ލިބޭނީ މަދުވެގެން ތިން ލަނޑު ޖަހައިގެންނެވެ. ލުކާކޫ މިހާތަނަށް ހަތަރު ލަނޑު ޖަހާފައި ވާއިރު އެ ހަތަރު ލަނޑަކީ ވެސް ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ޖެހި ހަތަރު ލަނޑެވެ. އެއަށްފަހު ކުޅުނު މެޗުތަކުގައި ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ލުކާކޫ ވަނީ ނަގާލާފައެވެ. މިރޭގެ މެޗުގައި ގިނަ ލަނޑުތަކެއް ޖަހައި ލުކާކޫ މި މަގާމް ހޯދައިފިނަމަ ވެގެންދާނީ ބެލްޖިއަމްގެ ތާރީހުގައި ވޯލްޑް ކަޕްގައި ރަންބޫޓު ހޯދާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
އިންގްލެންޑާއި ބެލްޖިއަމް ވަނީ މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ވާދަކޮށްފައެވެ. އެ މެޗު 1-0 އިން ކާމިޔާބު ކުރީ ބެލްޖިއަމެވެ. މި ދެޓީމު ވާދަކުރާ ތިންވަނަ ހޮވާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.
Advertisement
Leave a Reply