ރެލިގޭޓް ވުމުން ޝަގީރީ ކުޅެން ބޭނުންވީ ލިވަޕޫލަށް

މިދިޔަ ސީޒަނުގައި އިނގިރޭސި ކްލަބް ސްޓޯކް ސިޓީ ރެލިގޭޓް ވިއިރު އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ޒެރްޑަން ޝަގީރީ ލިވަޕޫލަށް ސޮއި ކޮށްފިއެވެ. ލިވަޕޫލުން ޝަގީރީ ގެންދިޔަ ޖުމްލަ އަގަކީ 13.5 މިލިއަން ޕައުންޑެވެ.
ޝަގީރީ،26، ސްޓޯކް ސިޓީއަށް 2015 ވަނަ އަހަރުން އިޓަލީގެ އިންޓަ މިލާނުން ބަދަލުވީ 12 މިލިއަން ޕައުންޑަށެވެ. އެއީ އޭރު ސްޓޯކް ސިޓީގެ ރެކޯޑް ފީއެކެވެ. ސްޓޯކް ގައި ދެ ސީޒަން ހޭދަ ކުރުމަށްފަހު މިދިޔަ ސީޒަނުގައި އެޓީމު ރެލިގޭޓްވުމުން ޝަގީރީ ބުނެފައިވަނީ ޕްރިމިއަރ ލީގުގެ ކްލަބަކަށް ކުޅެން ބޭނުންވާ ކަމަށެވެ. ސްޓޯކް ސިޓީ ރެލިގޭޓް ވިޔަސް އެ ކްލަބުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަނުގައި ޝަގީރީ ވަނީ ސްޓޯކަށް 8 ލަނޑު ޖަހައިދީ ކްލަބުގެ ލަނޑު ލިސްޓުގެ އެއްވަނަ ހޯދާފައެވެ.
މީގެ ކުރިން ބެޔާން މިއުނިކަށްވެސް ކުޅުނު ޝަގީރީ އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ސްވިޒަލޭންޑް ޓީމުގައިވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ވޯލްޑް ކަޕްގެ ގަދަ 16 އިން ސްވިޒަލޭންޑް ކެޓިއިރު ޝަގީރީ ވަނީ ގްރޫޕް ސްޓޭޖުގައި ސާބިއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅުވި ލަނޑު ޖަހާފައެވެ.
ލިވަޕޫލުން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މޮނާކޯގެ މިޑްފީލްޑަރ ފަބީނިއޯ އާއި ރެޑްބުލް ލީޕްޒީގުގައި މޮޅު ކުޅުމެއް ދެއްކި ނަބީ ކެއިޓާވެސް ގެންގޮސްފައެވެ.
Advertisement


Leave a Reply